09 ނޮވެމްބަރ 2021 - 11:37

މާލޭގައި މިދިޔަ ހުކުރުދުވަހުގެ ރޭ ބިދޭސީއަކު ދިވެއްސެއްގެ ގައިގައި ޖެހުމުން ހިނގި ހަމަނުޖެހުމުގެ އަޑެއް އަދި ނުކެނޑެ އެވެ. ފައިވާނެއް ވަގަށް ނެގި ކަމުގެ ތުހުމަތާ އެކު ބިދޭސީ ގްރޫޕެއް ގެނެސް ހަމަލާދީ އޭނާ ވަށައިލީ އެވެ. ދިވެއްސެއްގެ ގައިގައި ބިދޭސީއަކު ޖެހުމުން ދިވެހިންތަކެއް ވެސް ލޭ ކެކުނު މި ހަމަނުޖެހުން ކޮންޓްރޯލްވީ ބައަކު ވަދެ ހުއްޓުވުމުންނެވެ.
ދެތިން ރޭ ފަހުން ހުޅުމާލެ މަގުމަތިން ވެސް ރޭ ފެނުނީ ހަމަ އެފަދަ މަންޒަރެކެވެ؛ ބިދޭސީންތަކެއް ނުކުމެ އެހެން ބިދޭސީއަކަށް އަނިޔާކުރީ އެވެ. ގައިގެ އެތަންމިތަނުގައި ތަޅައި މަގުމައްޗަށް ވައްޓާލައި ދަމާ ކޫއްތާފައި ވެސް ގެންދިޔަ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެނެ އެވެ.
އެ ވީޑީއޯ އިން ފެންނަ ގޮތުގައި، ހަމަލާދިން ބިދޭސީން އައިސްފައި ތިބި ރުޅިން ކޮންމެ ފަދަ އަނިޔާއެއް ވެސް އޭނާއަށް ދިނުން ގާތެވެ. އޭރު އަނިޔާކުރި މީހާ ދިޔައީ ރޮމުން އޭނާ ދޫކޮށްލަން އެދެމުންނެވެ. މިކަން ހުއްޓުވީ މަގުމަތިން ދިޔަ ދެތިން ޒުވާނަކު އެ ހަމަނުޖެހުމުގެ ތެރެއަށް ވަދެގެންނެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީ ފެށުނީ މާބޮޑު ކަމެއް ވެގެން ނޫނެވެ. ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް އެ ބިދޭސީ މީހާ އިތުރު މީހަކާ އެކު ވަދެ ފޯނުން އަލިކުރީ އެވެ. އޭނާ އެތަނަށް ވަނީ ވައްކަން ކުރަން ކަމަށް ހިތައި އެންމެން ވެގެން ތަޅައިގަތީ އެވެ.
"ތަޅައިގަތީ ހަމައެކަނި އަލިކޮށްލީމަ. އެއްޗެއް ވަގަށް ނެގީކީއެއް ނޫން،" އެކަކު ބުންޏެވެ.
އެހެން މީހަކާ އެކު އެ ބިދޭސީ މީހާ އެތަނަށް ދިޔަ ސަބަބެއް ނޭނގެ އެވެ.
ހަމަނުޖެހުން ހުއްޓުވި ޒުވާނުން ފުލުހުންނަށް ރިޕޯޓްކުރުމުން ތަހުގީގު ވެސް އެބަކުރެ އެވެ.
ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން މި ފަހުން ފެންމަތިވާ މައްސަލަތަކުން އެނގެން އެބައޮތެވެ. ކޮވިޑާ ގުޅިގެން އައި ދަތި ހާލަތަށް ފަހު ދަބަސް އަޅުވައިގެން މަގުމައްޗަށް ނުކުމެ ކުނި ކޮތަޅު ހާވައިގެން އުޅުމާއި ވައްކަމާއި ފޭރުމުގެ މައްސަލަތކުގައި ވެސް ބިދޭސީންނަށް ކުރަމުންދާ ތުހުމަތުތައް އިތުރެވެ.
ރާއްޖޭގައި މަސައްކަތްކުރާ ލައްކައަކަށް ވުރެން ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ. އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެެއް އިކޮނޮމިކް މިނިސްޓްރީން ކުރި އެވެ. ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން ވެސް ފޮނުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.