15 ނޮވެމްބަރ 2021 - 05:57

ދުނިޔޭގައި ހިލޭ ވައިފައި ދޫކޮށްފައިވާ އެންމެ ގިނަ ތަންތަން ހިމެނޭ ސިޓީގެ ރެކޯޑްގެ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީ އަށް ލިބިއްޖެ އެވެ.
އެ ރެކޯޑްގެ ރަސްމީ ސެޓްފިކެޓް ވެސް ގިނިސް ވޯލްޑް ރެކޯޑުން މިދިޔަ ބުދަ ދުވަހު ވަނީ މެކްސިކޯއާ ހަވާލުކޮށްފަ އެވެ. އެ ރެކޯޑް މެކްސިކޯ ސިޓީ އަށް ލިބުނީ 21،500 ފްރީ ވައިފައި ހޮޓްސްޕޮޓާ އެކީގަ އެވެ.
މި ރެކޯޑް ލިބުމާ ގުޅިގެން، ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮތް މެކްސިކޯ ސިޓީގެ މޭޔަރު ކްލައުޑިއާ ޝެއިންބޯމް ވިދާޅުވީ މިއީ އިންޓަނެޓްގެ މުހިއްމު ކަމާއި އާންމު ދިރިއުޅުމުގައި މިހާރު އިންޓަނެޓްގެ ބޭނުން ކިހާ ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހިލޭ ވައިފައި ހިލޭ ލިބުމަކީ އާމްދަނީ މަދުން ލިބޭ މެދު ފަންތީގެ އާއިލާތަކުގެ ދިރިއުޅުމުގެ ކުރިއެރުމާ ވެސް މިހާރު ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމަށެވެ. އެހެންވެ މެކްސިކޯ ސިޓީގެ އެންމެ ބޮޑު އަމާޒަކީ ހިލޭ ވައިފައި އަށް ވީހާ ވެސް ގިނަ ބަޔަކަށް ލިބޭ ގޮތް ހެދުން ކަމަށް ވިދާޅުވި އެވެ.
"އަހަރެމެންގެ މި މަސައްކަތަށް ރެކޯޑެއް ލިބުމަކީ މިކަން އިތުރަށް ފުޅާކުރަން ލިބުނު އިތުރު ހިތްވަރެއް." މޭޔަރު ވިދާޅުވި އެވެ.
މެކްސިކޯ ސިޓީގެ 21،500 ތަނެއްގައި ހިލޭ އިންޓަނެޓަށް އެކްސެސް ވެވޭ ގޮތް ހަދާފައިވާ އިރު، މީގެ ތެރޭގައި ގިނައިން ހިމެނެނީ އާންމު ދަތުރުގެ ހިދުމަތް ދޭން ހާއްސަ ތަންތަނެވެ. އަދި މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން އޮންލައިން ކުރިއަށް ގެންދަން ޖެހުމުން ވައިފައިގެ ބޭނުން ކިޔަވާ ދަރިވަރުންނާ ހިފާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
މެކްސިކޯ ސިޓީ އަށް ހިލޭ ވައިފައި ދޫކުރުމުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.