ބަންދުގައި ހުއްޓާ ސާލިމްގެ އަތް ބިނދުމުން ފަރުވާ ދީފި
ބަންދުގައި ހުއްޓާ ސާލިމްގެ އަތް ބިނދުމުން ފަރުވާ ދީފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ގެ އަތް ބިނދުމުން އޭނާއަށް ފަރުވާ ދީފި އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ހަމައެކަނި މީހާ ކަމަށްވާ ސާލިމްގެ އަތް ބިނދުނީ ފުލުހުންގެ ބަންދުގައި ހުއްޓަ އެވެ. ފުލުހުން ބުނީ ސާލިމްގެ އަތް ބިނދުނީ ފާހާނާގައި އުޅެނިކޮށް ވެއްޓިގެން ކަމަށެވެ.

ކުރިން މަހިބަދޫގައި ބަންދުކޮށްފައި ހުރި ސާލިމް މިހާރު ވަަނީ މާލެއަށް ގެނެސްފަ އެވެ. ނަމަވެސް އޭނާ ބަންދުކުރަނީ ކޮން މަރުކަޒެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.

އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް މި މަހުގެ ހަތް ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފަރުވާއަށް ފަހު އައިޖީއެމްއެޗުން މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ދަނގެތިން ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކޮށް ސާލިމް އެންމެ ފުރަތަމަ ބެހެއްޓީ ދަނގެތީ ޕޮލިސް ސްޓޭޝަނުގަ އެވެ. އެއީ އޭނާ ދޭ މައުލޫމާތުގެ މައްޗަށް ބައެއް ތަންތަން ބަލައި ފާސްކުރާށެވެ. ސާލިމް ދިން މައުލޫމާތުގެ މައްޗަށް، އޭނާ ދިރިއުޅު ގޭގެ ތެރޭގައި ވަޅުލާފައި ހުއްޓާ މުހިންމު ހެކިތަކެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ސާލިމް ބަންދުގައި ބަހައްޓަން އަތޮޅުގެ ވެރިރަށް މަހިބަދޫއަށް ގެންދިޔަ ފަހުން ވެސް އެކި ފަަހަރު މަތިން ފުލުހުން ވަނީ އޭނާ ދަނގެއްޗަށް ގެންގޮސް ތަހުގީގުގެ ބޭނުމަށް އޭނާގެ ގެއަށް ގެންގޮސްފަ އެވެ.

މި މައްސަލައިގައި ސާލިމް ފިޔަވައި އިތުރު މީހެއްގެ މައްޗަށް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނާ އިރު އޭނާއާ މަހުމޫދުގެ މަރާ ގުޅޭ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ސާލިމް މަހުމޫދު މަރައިލީ މަހުމޫދު އަތުން ފައިސާތަކެއް ހޯދަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގަ އެވެ.