އެމްއައިބީގެ ފަސް ސްކޮލަޝިޕަށް ކުރިމަތިލާން އައިޔޫއެމް އިން ހުޅުވާލައިފި
އެމްއައިބީގެ ފަސް ސްކޮލަޝިޕަށް ކުރިމަތިލާން އައިޔޫއެމް އިން ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ދީފައިވާ ފަސް ސްކޮލަޝިޕަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެމްއައިބީން ދީފައިވާ މި ސްކޮލަޝިޕަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިސްލާމިކް ބޭންކުން ކަމަށެވެ. އަދި ކޯސް ފީ ވެސް ދައްކާނީ ސީދާ ބޭންކުން އެ ޔުނިވާސިޓީއަކަށް ކަމަށް ބުންޏެވެ.

އެމްއައިބީގެ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންގެ ކިޔެވުން ވެސް ފަށަން ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ތެރޭގަ އެވެ.

- ކޯހުގައި ކިޔަވަން މާލެ އަށް ބަދަލުވާނަމަ އެސްޓަބްލިޝްމަންޓް އެލަވެންސްގެ ގޮތުގައި 2000ރ.

- ކޯހުގައި ކިޔަވަން މާލެ އަށް ބަދަލުވާނަމަ އެރައިވަލް އެލަވެންސްގެ ގޮތުގައި 1750ރ.

- ލެޕްޓޮޕް އެލަވަންސްގެ ގޮތުގައި 7000ރ.

- އަހަރަކު އެއް ފަހަރު ރަށަށް ގޮސް އައުމަށްޓަކައި ގިނަވެގެން 3500ރ.

- ކޮންމެ ސެމިސްޓާއަކު، ބުކް އެލަވަންސަށް 1000ރ.

- ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 1000ރ.

- ކޯހުގައި ކިޔެވުމަށް މާލެ ބަދަލުވާނަމަ ކޮންމެ މަހަކު އެެކޮމޮޑޭޝަން އަދި ފުޑް އެލަވަންސަށް 2500ރ.

މި ކޯސް ފުރިހަމަކުރުމަށްފަހު އިސްލާމިކް ބޭންކުގައި ދެ އަހަރު ވަންދެން މަސައްކަތް ކުރަންޖެހޭގޮތަށް ބޮންޑުކުރަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޯހަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން މާލީ ގޮތުން ތަނަވަސްކަމެއް ނެތް ދަރިވަރުންނަށް އިސްކަން ދޭނެކަމަށް ވެސް އައިޔޫއެމް އިން ބުންޏެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ބޭންކާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.