މިފްކޯ ފަޅާލީ ކޮންޓްރަކްޝަން މަަސައްކަތެއް ކުރާ ކަމަށް ދައްކަން ދޮރުގައި ސަތަރިގަނޑެއް އަޅައިގެން ތިބެ
މިފްކޯ ފަޅާލީ ކޮންޓްރަކްޝަން މަަސައްކަތެއް ކުރާ ކަމަށް ދައްކަން ދޮރުގައި ސަތަރިގަނޑެއް އަޅައިގެން ތިބެ

މާލޭގެ ޓާފް ދަނޑު ކައިރީ ހުންނަ މިފްކޯ މަސް ފިހާރަ، ތަފާތު ޓްރިކެއް ބޭނުންކޮށްގެން ފަޅާލައި ފައިސާތަކެއް މިރޭ ވަގަށް ނަގައިފި އެވެ.

މިރޭ އަށެއް ޖަހާކަން ހާއިރު ފިހާރަ ފަޅާލި ކަމުގެ ރިޕޯޓް ލިބިގެން އެތަނުގައި މިހާރު ވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެނގިފައިވާ ގޮތުގައި ، ދެ ނަމާދު ދޭތެރޭގައި ފިހާރަ ބަންދުކުރި ގަޑީގައި ފިހާރަ ފަޅާލީ ތިން މީހަކު ވަދެ އެވެ. އެ މީހުން އެތަނަށް ވަނީ ފިހާރައިގެ ދޮރު ކުރިމަތީގައި ސަތަރިގަނޑެއް އަޅައިގެން ދޮރު މަތާލާފައި ކަމަށް މިފްކޯގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި އެވެ.

"ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކަމަށް ދައްކަން ސަތަރިގަނޑެއް އަޅައިގެން އެތަނުގެ ދޮރު މަތާލައިފަ އެ މީހުން ވަދެފައި ހުރީ އެތެރެއަށް،" އޭނާ ވިދާޅުވި އެވެ.

އެތަނުގެ ތިން ވަތްގަނޑަކުން އެ މީހުން ފައިސާ ވަގަށް ގެންދިޔަ ކަމަށް ވެ އެވެ. އެކަމަކު އެއީ ކިހާ ފައިސާއެއްކަން އަދި ޔަގީނެއް ނޫނެވެ.

މި މީހުން ވައްކަން ކުރި މަންޒަރު ފިހާރައިގައި ހަރުކޮށްފައި ހުރި ކެމެރާއިން ސާފުކޮށް ފެންނަން ހުރިއިރު އެތަނުން އެކަކު ހުރީ މާސްކް ވެސް ނާޅަ އެވެ. އޭނާއަކީ ކާކުކަން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެތަން ފަޅާލި ވަގުތު ފިހާރައިގައި ހުންނާނީ ގާތްގަނޑަކަށް 30،000-40،000 އެއްހާ ރުފިޔާ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހަމަ އިރާކޮޅު ދެ މީހަކު ވެގެން ފަތަހަ ފިހާރައެއްގެ ދޮރު މަތާލައިގެން އެތަނަށް ވަދެ ވައްކަން ކޮށްފައިވެ އެވެ.