ޝަރީފްގެ ގެއްލުނު މުވައްޒަފު ހުރީ ބޮޑު މުސާރަ ހޯދަން ގޮސް ގއ. މާމެންދޫގައި
ޝަރީފްގެ ގެއްލުނު މުވައްޒަފު ހުރީ ބޮޑު މުސާރަ ހޯދަން ގޮސް ގއ. މާމެންދޫގައި

ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ، ގެއްލިފައިވާ ކަމަށް ބެލެވިގެން ހޯދި ބިދޭސީ މުވައްޒަފު ފެނިއްޖެ ކަމަށާއި އޭނާ ހުރީ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ދޭން މީހަކު ބުނެގެން ގޮސް ގއ. މާމެންދޫގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ގެއްލިގެން ހޯދީ، ޝަރީފުގެ އަންނައުނު ފިހާރައެއްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލް އަމީން އެވެ.

"އޭނަ ބުނީ ބަޔަކު މަހަކު 30،000ރ. ދޭނަމޭ ކިޔާފައި ގެންދިޔައީއޭ މާމެންދޫއަށް،" ޝަރީފު "މިހާރު" އަށް ވިދާޅުވި އެވެ.

އަމީން ގެއްލިގެން ޝަރީފު ޓްވީޓު ކުރެއްވުމުން ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. ނަމަވެސް ޝަރީފް ވިދާޅުވީ އޭނާގެ މުވައްޒަފު ގެންދިޔަ މީހުން މިހާރު ވަނީ ޓިކެޓް ދީފައި މާލެ ފޮނުވާލާފައި ކަމަށެވެ.

ޝަރީފު ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ އަމީން ހޯދަން އޭނާއާ ބެހޭ މައުލޫމާތެއް ދޭ ފަރާތަކަށް 2000ރ.ގެ ފައިސާގެ އިނާމެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ގެއްލުނު އަމީނަކީ ގަވައިދާ އެއްގޮތަށް ރާއްޖެއަށް ގެނެސް، މިހާރު ރާއްޖޭގައި މަސައްކަތްކުރާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ މީހެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފަކީ ވިޔަފާރީގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ބިދޭސީ މުވައްޒަފުން ގެންގުޅުއްވާ ބޭފުޅެކެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާގެ ބެލުމުގެ ދަށުގައި 17 ވަރަކަށް އަހަރުވެފައިވާ ބިދޭސީ މުވައްޒަފުން ވެސް އެބަ ތިއްބެވެ.