ލަންކާ: ފައިސާގެ އަގު ވެއްޓި، މުދަލުގެ އަގު އިންތިހާ އަށް މައްޗަށް!
ލަންކާ: ފައިސާގެ އަގު ވެއްޓި، މުދަލުގެ އަގު އިންތިހާ އަށް މައްޗަށް!

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސްރީ ލަންކާ ރުޕީސްގެ އަގު ވަރަށް ވެއްޓި، އެ ގައުމުގެ ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފިއްޖެ އެވެ.

ލަންކާގައި މި ވަގުތު ޑޮލަރެއްގެ އަގު އުޅެނީ 202-203 ރުޕީސްއާ ދެމެދުގަ އެވެ. އެ ގައުމުގެ ފައިސާގެ އަގު އެހާ ބޮޑަށް ވެއްޓިފައި ވަނީ ބަޖެޓު ފޫބެއްދުމަށް ފައިސާ ޗާޕު ކުރުމުގެ ސަބަބުންނެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 230 އާއި 240 ރުޕީސް އަށް އުފުލިފަ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ލަންކާ ރުޕީގެ އަގު އުޅެނީ ޑޮލަރަކަށް 160 ރުޕީސްގަ އެވެ.

އެ ގައުމުގައި 2001 ވަނަ އަހަރުން ފެށިގެން އިންނަނީ ފްލޯޓިން އެކްސްޗޭންޖް ރޭޓެކެވެ. އެހެންވެ ޑިމާންޑާއި ސަޕްލައިއާ އެއްވަރަށް ފައިސާގެ އަގަށް އަބަދު ވެސް ބަދަލު އަންނާނެ އެވެ. ލަންކާ ފައިސާގެ އަގަށް އައި ބަދަލާ ގުޅިގެން އެ ގައުމުގެ ބޭންކްތަކުން ލިބޭ ޑޮލަރުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ބައެއް ބޭންކްތަކުން ކުދިކުދި އަދަދުތަކުން ވެސް ޑޮލަރު ގަންނަމުންދާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޑޮލަރުގެ އަގުގެ އިތުރުން ޔޫރޯގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. މި ވަގުތު ޔޫރޯއަކަށް 271 ލަންކާ ރުޕީސް ލިބެ އެވެ.

ފައިސާގެ އަގު އެހާ ބޮޑަށް ވެއްޓުމުން ލަންކާގައި ކާބޯތަކެތީގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ލަންކާގެ އިންފްލޭޝަން ރޭޓް ވަނީ 7.6 ޕަސެންޓަށް އިތުރުވެފަ އެވެ.

އެ ގައުމުގައި ކަނޑުމަހުގެ އަގު ވަނީ 800 ރުޕީސް އިން 1،200 ރުޕީސް އަށް ބޮޑުވެފަ އެވެ. އަދި ކުކުޅުގެ އަގު ވަނީ 400 ރުޕީސް އިން 800 ރުޕީސް އަށް އުފުލިފަ އެވެ. މީގެ އިތުރުން ކިރާއި ހަކުރާއި ކައްކާ ގޭހުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ލަންކާގެ އިގްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިހާ ބޮޑަށް އަގުތައް އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިވާއިވަނިކޮށް އެ ގައުމުގެ ފައިސާގެ އަގު ވެސް ވެއްޓުމާ ގުޅިގެން ކަމަށެވެ.

ތަކެތީގެ އަގުތައް އުފުލި އާންމުންގެ އަތުން ކުރަން ޖެހޭ ހޭދަ ބޮޑުވުމާ އެކު މިދިޔަ ހަފްތާގައި އެ ގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.