26 ނޮވެމްބަރ 2021 - 15:17

މަރިބޯ (ނޮވެމްބަރު 26) - ޓޮޓެންހަމްގެ ކޯޗުކަމާ މި މަހު ހަވާލުވި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަކީ ކާމިޔާބީތައް ހޯދައިފައި ހުރި ކޯޗެއް ނަމަވެސް ޓޮޓެންހަމާ ހަވާލުވެ، މިވީ ތިން ހަފްތާއެއްހާ ދުވަހު ތެރޭ އޭނާއަށް ދެއްކޭނެ ހަމައެކަނި ޖާދުލަކީ މަސައްކަތް ކުރުން ކަމަށް ކޮންޓޭ ބުނެފި އެވެ.

ކޮންޓޭ މިނެހް ބުނީ ޔޫއެފާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ޭސްލޮވީނިއާގެ އެންއެސް މޫރާއާ ވާދަކޮށް ފަހު ވަގުތު 2-1 އިން ބަލިވި މެޗަށް ފަހު އެވެ.

"މީހުން ހީކުރާނެ، ކުރިން ކާމިޔާބު ހޯދައިފައި ހުރީމަ ކޮންޓޭއަކީ ޖާދޫގަރެކޭ. އެކަމަކު އަހަރެންނަށް ހަމައެކަނި ދެއްކޭނެ ޖާދުލަކީ މަސައްކަތް ކުރުން. އަހަރެންގެ ވިސްނުމާއި އުސޫލުތައް ގެންނަން މަސައްކަތް ކުރަން ޖެހޭ. އެކަމަށް ވަގުތު ވެސް ބޭނުންވޭ،" މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
ކޮންޓޭ އިތުރަށް ބުނީ، ރޭގެ މެޗުގައި ކަންތައް ވީ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެހެން ނަމަވެސް ޓީމާ އެކު މިވީ ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި ޓީމުގެ ހާލަތު ދެނެގަނެވިފައިވާ ކަމަށެވެ.
ސްލޮވީނިއާގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މޫރާ އެވެ. މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓޮމީ ހޯވަތެވެ. ފުރަތަމަ ހާފުގެ ބައިގަޑިއިރުގެ ކުޅުމަށް ފަހު ޓޮޓެންހަމްގެ ރަޔާން ސެސެނިޔޯން އަށް ރަތް ކާޑު ދެއްކުމުން، 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޓޮޓެންހަމަށް އެއްވަރު ކޮށްދިނީ 72 ވަނަ މިނިޓުގައި ހެރީ ކޭން އެވެ.
ޓޮޓެންހަމް ބަލިވީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މޫރާގެ އަމާޑޭ މަރޯސާ ޖެހި ލަނޑުންނެވެ.
ކޮންޓޭއަށް ޓޮޓެންހަމްގެ ކޯޗުކަން ހަވާލުކުރީ މި ސީޒަނަށް އެޓީމުން ގެނައި ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އާ އެކު ނަތީޖާތައް ގޮސް ވުމުން އޭނާ މަގާމުން ދުރުކޮށްފަ އެވެ.
މީގެ ކުރިން މޫރާ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު ރޭގެ މޮޅާ އެކު ވެސް އެޓީމަށް މުބާރާތުގައި އިތުރަށް ކުރިޔަކަށް ނުދެވޭނެ އެވެ. ޓޮޓެންހަމް އާއި ތިންވަނައިގައި އޮތް ވިޓޭސޭ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕުގެ އެއްވަނައިގައި ފްރާންސްގެ ރެނެސް އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.
އިޓަލީގެ ރޯމާ ވެސް ވަނީ ރޭ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގައި ޔޫކްރޭންގެ ޒޯރްޔާ ލުހަންސްކާ ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، އެއްވަނައިގައި އޮތް ބޯޑޯ/ގިލްމްޓް އާ އެއް ޕޮއިންޓަށް ގާތް ކޮށްފަ އެވެ.
އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗްތައް ކާމިޔާބުކޮށްފަ އެވެ.
ކޮންފަރެންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ގުރޫޕް ސްޓޭޖުގެ ފަސް ހަފްތާގެ ކުޅުން ނިމިފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ އެންމެ މެޗެކެވެ.