28 ނޮވެމްބަރ 2021 - 15:10

ގައުމީ މުބާރާތުގެ ޝޯޓްބޯޑްގެ އެންމެ ފަހުގެ ޗެމްޕިއަން އިސްމާއީލް ރަޝީދު (ސްމައިލީ) މުބާރާތުން ކަޓައި، ޓައިޓަލް ދިފާއު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މިއަދު ބޭއްވި ކުއާޓާ ފައިނަލް އިވެންޓްގައި ސްމައިލީ އަށް ނާކާމިޔާބުވީ، ހީޓް 1 ގައި، އަހްމަދު އާގިލްއާ ވާދަކޮށެވެ. ވަރަށް ވާދަވެރިކޮށް ޕޮއިންޓްތައް ބެހިގެން ދިޔަ ހީޓް އާގިލް ކާމިޔާބު ކުރީ 9.50 ޕޮއިންޓުންނެވެ. ސްމައިލީ އަށް ލިބުނީ 9.10 ޕޮއިންޓެވެ. ސްމައިލީ އެންމެ ގިނައިން ޕޮއިންޓް ސްކޯ ކުރީ ހަވަނަ ރާޅުގަ އެވެ. އެ ރާޅުގައި އޭނާ ވަނީ 4.77 ޕޮއިންޓް ސްކޯކޮށްފަ އެެވެ. އާގިލް ވަނީ 5.17 ޕޮއިންޓް ސްކޯކޮށްފަ އެވެެ.
އެންމެ ފަހުގެ ރަނަރަފް ހޫދް އަހްމަދު ވަނީ، ކްއާޓާ ފައިނަލް ހީޓް 3 ގައި ވާދަކޮށް ސެމީ ފައިނަލުން އަނެއްކާވެސް ޖާގަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި އޭނާއާ ވާދަކުރީ އަހްމަދު މިގްލާލް އެވެ. ހޫދު ވަނީ 13.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. މިގްލާލް އަށް ސްކޯ ކުރެވުނީ 9.24 ޕޮއިންޓެވެ.
މުބާރާތުގެ ހުރިހާ ކެޓެގެރީއެއްގެ ސެމީ ފައިނަލަށް ދަތުރު ކުރި އަބްދުﷲ އަރީފް (ފުކޫ) ވަނީ ހީޓް 4 ގައި ވާދަކޮށް ޝޯޓްބޯޑްގެ ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭނާ ވަނީ ޖިނާން އަހްމަދާ ވާދަކޮށް 10.20 ޕޮއިންޓް ސްކޯކޮށްފަ އެވެ. ޖިނާން އަށް ސްކޯ ކުރެވުނީ 5.63 ޕޮއިންޓެވެ. ހީޓް 2 ގައި ވާދަކޮށް ނަޖާހް މުހައްމަދު ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ 7.87 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ހީޓްގައި ވާދަ ކުރި ޝަރޫފް ޝާއިރު އަށް ސްކޯ ކުރެވުނީ 7.17 ޕޮއިންޓެވެ.
މާދަމާ ހެނދުނު ބާއްވާ ސެމީ ފައިނަލް ހީޓް 1 ގައި ވާދަ ކުރާނީ ނަޖާހް އާއި އާގިލް އެވެ. ހީޓް 2 ގައި ވާދަ ކުރާނީ ހޫދު އާއި ފުކޫ އެވެ.