01 ޑިސެމްބަރ 2021 - 10:13

ޓޭބަލް ޓެނިސް ޖޫނިއާ ވޯލްޑް ކަޕް ނުވަތަ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޗެމްޕިއަން، ފާތިމަތު ދީމާ އަލީ، ކޮލިފައިވި ވާހަކަ އާންމުކޮށް އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޕޯޗްގަލްގެ ވިލަ ނޮވާ ޑި ގަޔާގައި ބާއްވާ ޖޫނިއާ ވޯލްޑް ކަޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގެ ކުރީ ސަފުން ޖާގަ ހޯދައިގެންނެވެ. ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނަ އެވެ. އޮކްޓޯބަރު މަހު އޭނާ އޮތީ 20 ވަނައިގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ. ދީމާގެ މެނޭޖަރެއްގެ ގޮތުގައި ޕޯޗްގަލް އަށް ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ދީމާގެ ފުރުސަތަކީ އޭނާ އަށް އެކަނި ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ ޓީޓީ އަށް ލިބުނު ފުރުސަތެއް ކަމަށެވެ.
"ހިޔާލަށް ގެންނަވާ ފީފާ ވޯލްޑް ކަޕް. އެ ލެވަލްގެ ޖޫނިއާ މުބާރާތެއް މިއީ. ވޯލްޑް ކަޕަށް ކޮލިފައިވާ 32 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުން ކަހަލަ ފުރުސަތެއް މިއީ،" ޝިއުރީ ވިދާޅުވި އެވެ. "މިއީ ދީމާ އަށް އެކަނި ހުޅުވުނު ފުރުސަތެއް ނޫން. މުޅި ރާއްޖޭގެ ޓީޓީ އަށް ހުޅުވުނު ތަނަވަސް ފުރުސަތެއް މިއީ. ރާއްޖެ އަކީ ޓީޓީ ޕްރެސެންސް އޮތް ގައުމެއްގެ ގޮތުގައި ފާހަގަވާނެ ދީމާގެ މި ފުރުސަތުން."
މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތަށް ޕޯޗްގަލް އަށް ދާން ދީމާ އަށް ވިސާ ލިބުނީ މާ ފަހުންނެވެ. ލަންކާގައި ހުންނަ ފްރާންސް އެމްބަސީ މެދުވެރިކޮށް، ޝެންގެން ވިސާ ޖަހައިގެން ޕޯޗްގަލް އަށް އެތެވުމުގެ ހުއްދަ ލިބުނެވެ. ވިސާ ލިބުން ލަސްވުމުން މުބާރާތުގެ ކުރިން ބޭއްވި ޓްރޭނިން ކޭމްޕްގައި ދީމާ އަށް ބައިވެރި ވެވުނީ މާ ފަހުންނެވެ. ސެޕްޓެމްބަރު މަހު ޕޯޗްގަލްގައި އޮތް ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވާދަކުރަން ދީމާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ވިސާ ނުލިބުމުން އެ މުބާރާތުގައި އޭނާ އަށް ވާދައެއް ނުކުރެވުނެވެ.
"ޕްރެކްޓިހުގެ އެންމެ ފަހު ދެ ދުވަސް ލިބުނީ. އެކަމަކު ޕޮޒިޓިވްކޮށް ވިސްނަންޏާ އެ ދެ ދުވަސް ވެސް ވީ ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބުނު ދެ ދުވަހުގެ ގޮތުގައި،" ޝިއުރީ ވިދާޅުވި އެވެ.
ކުރިން، ދީމާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ޝިއުރީ ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ކޯޗުންނާ އެކު ޓްރޭނިން ހަދަން ފުރުސަތު ލިބުމަކީ ވެސް ދީމާގެ ކުރިމަގަށް ގިނަ ކަންކަމެއް ދަސްވާނެ ކަމެއް ކަމަށެވެ.
"މިތާންގައި މިތިބީ ޖޫނިއާ ލެވަލްގެ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. އަޖައިބުވާހާ އެކުދިންގެ ހުނަރު މޮޅު،" އޭނާ ވިދާޅުވި އެވެ.
ޝިއުރީ ވެސް ވަނީ އޭނާގެ އުމުރުން 13 އަހަރުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. މިފަހަރު އޭނާ އަށް މިއޮތީ ކޯޗު އަދި މެނޭޖަރެއްގެ ރޯލެވެ.
"ކޯޗަކަށް ވުރެ ބޮޑަށް މެނޭޖަރެއްގެ ދައުރު އަޅުގަނޑު މިއަދާ ކުރަނީ. މުބާރާތުގެ ކުރިން ދުނިޔޭގެ އެންމެ މޮޅު ކޯޗުންނާ އެކު ދީމާ ޓްރޭނިންތައް ކުރިއަށް ގެންގޮސްފި."
ދީމާ ވާދަކުރާ ކެޓަގެރީ ފަށާނީ މިއަންނަ ހުކުރު ދުވަހު އެވެ. އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިން ފައިނަލް ވާނީ ގުރު ނެގުމުންނެވެ. ވިމެންސް ޑަބަލްސްގައި ދީމާގެ ޕާޓްނަރަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އެވެ. އޭނާ އަކީ ނައިޖީރިއާގެ މިހާރު އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ. އެ އުމުރުފުރާގެ މިކްސް ޑަބަލްސްގައި ދީމާއާ އެކު ޕެއާ ވާނީ ޗެކް ރިޕަބްލިކްގެ މާޓިން ސިޕް އެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ މިދިޔަ މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.