ރާއްޖޭގައި ގިނަ ބަޔަކު ތަބާވާ ސިޔާސީ ދެ ފިކުރެއް އޮތް އިރު، ޕީޕީއެމް ވަރުގަދަވުމުން އެންމެ ބޮޑު ގޮންޖެހުމެއް އޮންނާނީ މިހާރު ވެރިކަން ކުރަމުން އަންނަ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގެ ވެރިކަން ހޯދުމަށް ދެ ޕާޓީގެ ވެސް އަޒުމް ވަރުގަދަކޮށްފައިވާ އިރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަން ޔާމީނަށް މިހާރު ވަނީ ފުރުސަތު ފަހިވެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ފަލްސަފާއަކީ ވާދަވެރިންނާ ވާދަކޮށް މޮޅުވުމެވެ. ޑިމޮކްރަސީ ދެމިއޮންނަން ޖެހޭނީ އެ އުސޫލުން ކަމަށާއި ޕީޕީއެމަށް ވެސް ހަރަކާތްތައް ހިންގަން ޖާގަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ތިން އަހަރަށް ފަހު ޔާމީނާ އެކު ނުކުމެ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަކީ އެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަކަށް އާޒިމް ދެކެވަޑައެއް ނުގަންނަވަ އެވެ. މިކަމަކީ އެމްޑީޕީއަށް މާބޮޑު ފިއްތުމެއް އަންނާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.