މުއިޒަށް ދައުވާ ކުރަން އެދުނު މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި
މުއިޒަށް ދައުވާ ކުރަން އެދުނު މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި

ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ބްރިޖް ވިއު ޕްލެޓްފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ކުރީގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވި މައްސަލަ ޕީޖީ އޮފީހުން އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާލައިފި އެވެ.

ނިއުޕޯޓުގެ މައްސަލައިގައި އޭސީސީއިން އެދުނީ މުއިއްޒުގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ. އޭނާގެ އިތުރުން
އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބުގެ މައްޗަށް ވެސް އެ ދައުވާތައް ކުރަން ފޮނުވުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މި މައްސަލައިގައި ޕީޖީ އޮފީހުން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހިމަނައިގެން ފޮނުވުމަށް މައްސަލަ ވަނީ އަލުން އޭސީސީ އަށް ފޮނުވާލައިފަ އެވެ.

އޭސީސީން ކުރިން ބުނެފައި ވަނީ ސްޓްރާޑާ އަށް ނިއުޕޯޓު ސަރަހައްދުން ދޫކުރި ބިމުގައި ހަދަން އުޅުނު ޕާކިން އޭރިއާ އެ ބިމުގެ ހުޅަނގަށް ޖައްސާލުމަށް ފަހު އެތަނުގައި "ޗާޓައިމް" ގެ ނަމުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ ދިނުމުގެ ސަބަބުން 2،464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާ އަށް ލިބި އިތުރު ފައިދާ އެ ކުންފުންޏަށް ވެފައިވާ ކަމަށެވެ.

ސްޓްރާޓާ އެކު ހެދި އެއްބަސްވުމާ އެއްގޮތައް އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެ އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް އެކަން ނުކޮށް އެ ކުންފުންޏަށް އިތުރަށް މަންފާވާ ގޮތަށް އެ އެއްބަސްވުމަށް އިތުރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށް ދީފައިވާ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.

ނޮވެމްބަރު 1، 2017 އިން ފެށިގެން ޖުލައި 2018 ގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަން ރުފިޔާ ސްޓްރާޑާއިން ހުރީ ނުދައްކަ އެވެ. އެ ފައިސާ ނުދެއްކިޔަސް ހައުސިން މިނިސްޓްރީގެ ބޭނުމަކަށް ނިއުޕޯޓް ސަރަހައްދުން ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ކުންފުންޏަށް އެ ބިން 25 އަހަރަށް ދިނުމަށް ވެސް މަސައްކަތް ކުރި ކަމަށް އޭސީސީން ބުނެފައިވެ އެވެ.

މި މައްސަލައިގައި ދައުވާ ކުރަން އެދިފައިވާއިރު، މުއިއްޒުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައެއް ޕީޖީ އޮފީހުގައި އެބަ އޮތެވެ. އެއީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.