މަހްމޫދު މަރާލި ކަމަށް ސާލިމް ވަނީ އެއްބަސްވެފައި، އިތުރު ކުށްތަކުގައި ބައިވެރިވި
މަހްމޫދު މަރާލި ކަމަށް ސާލިމް ވަނީ އެއްބަސްވެފައި، އިތުރު ކުށްތަކުގައި ބައިވެރިވި

އދ. ދަނގެތީގައި އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް، ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ތަހުގީގުގަ އާއި ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށާއި އޭނާ ވަނީ މަރުގެ އިތުރުން އެހެން ބައެއް ކުށްތަކުގައި ވެސް ބައިވެރިވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ މަހްމޫދު މަރާލާފައި އޮތް އިރު ހަށިގަނޑުގައި 30 އަށް ވުރެ ގިނަ ޒަހަމް ހުރި ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ މަހްމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމް ދަނިކޮށް ސީސީޓީވީ ފުޓޭޖުން ފެންނަން އެބަހުރި ކަމަށެވެ. މަހްމޫދު ހަށިގަނޑު ގެންގޮސް ވަޅަކަށް ވައްޓާލަން ގެންދިޔައީ މަހްމޫދު މަރާލި ރޭގެ މެންދަމު 2 ޖެހި ފަހުން ކަމަށާއި އެ ރޭ ރަށު ތެރެއިން މި ނޫނީ ޝައްކު ކުރެވޭ އެއްވެސް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ މި މަރުގައި ސާލިމް ނޫން އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަަށް ފެންނަން ނެތް ކަމަށާއި މިއީ ދުރާލައި ރާވައިގެން ހިންގި އަމަލެއް ނޫން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ސާލިމް ވަނީ ދަނގެތީގައި މީގެ ކުރިން ކޮށްފައިވާ ވައްކަމެއްގައި ބައިވެރިވެފައި ކަމަށާއި އެ މައްސަލަ ވަކިން މިހާރުވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން ސާލިމާއި އޭނާގެ އާއިލާއާ ދެމެދު ފައިސާގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އަދި ރަށަށް ފޮނުވަން ފައިސާ ހޯދުމުގެ ބޭނުން ސާލިމްގެ އޮތް ކަމަށް ފާހަގަވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ ވާހަކަތަކެއް ދައްކައިގެން މަހްމޫދު ގެންގޮސް، ސާލިމް އުޅުނު ނެދުންގެ އަށް ވެއްދުމަށް ފަހު ފަސް ގަޑިއިރު ހޭދަވި ކަމަށާއި އޭގެ ފަހުން ސާލިމް ގެއިން ނުކުންނަނީ ހަށިގަނޑު ޑިސްޕޯސްކުރަން ކަމަށެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު ދަނގެތީގައި އުޅޭ އެހެން ރަށެއްގެ ދެ މީހަކަށް އެންމެ ފުރަތަމަ ކުރެވުނު ނަމަވެސް، ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ 9:00 ގެ ފަހުން ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން މަގުމަތިން ދިޔަ މީހަކަށް ފެނުނު މަންޒަރަކާ ހެދި އެވެ. މީހަކު ދަމާފައި ގެންދާ ގޮތަށް އެ މީހާއަށް ސިފަވުމުން އެ މައުލޫމާތު ފަހުން ފުލުހުންނަށް ދިނެވެ. އެކަމާ ގުޅިގެން، ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް އޭނާ ހައްޔަރުކުރި އެވެ.