ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން
ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން

ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި އަބްދުﷲ ފަޒީލް ކުޅެން ފެށިއިރު އުމުރަކީ 25 އަހަރެވެ. މިހާރު އޭނާގެ އުމުރުން 42 އަހަރެވެ. އިމްގްރޭޝަންގައި ވަޒީފާ އަދާކުރަމުން އަންނަ ފަޒީލް ކުރިން ވަނީ އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ހިމެނިފަ އެވެ. އެކަމަކު ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި ކުޅެފައެއް ނުވެ އެވެ.

ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން
ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން

ދެވަނަ ޑިވިޝަންގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނެވެ. އަދި ރައްޓެހިންތަކެއް އުފެއްދި އެހެން ކްލަބެއްގައި ވެސް ކުޅުނެވެ. ސްކޫލް ދައުރުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުުގެ ހުށަހެޅުންތައް އޭނާ އަށް ލިބުނެވެ. އެކަމަކު ވަޒީފާ އަށް ހުސްވެ ހުރުމުން އެ ފުރުސަތުތައް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން
ފަޒީލް: ކްލަބް މޯލްޑިވްސްގެ އެންމެ ތަޖުރިބާކާރު ނަން

ކްލަބް މޯލްޑިވްސް އިން 2005 ގައި އޮފީސްތަކަށާއި ކުންފުނިތަކަށް މުބާރާތް ހުޅުވާލުމުން، އިމްގްރޭޝަން ޓީމު އެ މުބާރާތަށް އެކުލަވާލިއިރު އެ ޓީމުގެ އެންމެ މުހިންމު ނަމަކަށްވީ ފަޒީލް އެވެ. މިހާތަނަށް ކުޅުނު ކްލަބް މޯލްޑިވްސްގެ ހުރިހާ މުބާރާތެއްގައި އޭނާ ކުޅުނެވެ. ތަށީގައި އަތް ލުމުގެ ނަސީބެއް އިމްގްރޭޝަނަކަށް އަދި ނުލިބެ އެވެ. ދެ ފަހަރު ފައިނަލް ކުޅެގެން ވެސް ކުރިމަތިވީ ނާކާމިޔާބެވެ.

ފަޒީލް ބުނީ، އޭނާ ނިންމައިގެން ހުރީ މި އަހަރުގެ މުބާރާތަކީ ކްލަބް މޯލްޑިވްސްގައި ކުޅޭނެ އެންމެ ފަހު މުބާރާތަށް ހެދުމަށެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި ގުރޫޕް ސްޓޭޖުން އިމްގްރޭޝަން ކެޓުމުން އޭނާގެ ވިސްނުން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

"ކުރިން ނިންމައިގެން ހުރީ މިއީ އެންމެ ފަހު މުބާރާތް ކަމަށް. އެކަމަކު މިފަހަރު މުބާރާތުގައި ޓީމަށްވީ ގޮތުން އެބަ ހިތަށް އަރާ އަދި ކުޅޭނަމޭ،" ފަޒީލް ބުންޏެވެ.

ގުރޫޕް އީގައި އިމްގްރޭޝަނަށް ލިބުނީ ތިން ވަނަ އެވެ. އެ ޓީމަށް ގުރޫޕް ސްޓޭޖުގައި ލިބުނީ ހަތަރު ޕއޮިންޓެވެ. އެއީ ދެވަނައިގައި އޮތް ފިއުލް ސަޕްލައި އަށް ވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ. އެ ގުރޫޕްގެ އެއްވަނަ ހޯދި ދިރާގަށް ލިބުނީ ހަ ޕޮއިންޓެވެ.

ފަޒީލް ބުނީ މުބާރާތް ކާމިޔާބު ކުރުމުގެ ފެންވަރު އިމިގްރޭޝަން ޓީމުގައި އެބަހުރި ކަމަށެވެ. އަންނަ އަހަރު މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވުމުގެ ވިސްނުން އޭނާ ގެންގުޅެ އެވެ. އެކަމަކު އަންނަ އަހަރު މުބާރާތުގައި އޭނާ ކުޅޭނެތޯ އަދި ނުކުޅޭނެތޯ ވެސް ނުނިންމަ އެވެ. ކޮންމެ ގޮތަކަށް ނިންމިއަސް އިމްގްރޭޝަން ޓީމަށް އޭނާގެ ހިދުމަތް ލިބޭނެ ކަމަށް ފަޒީލް ބުންޏެވެ.