ވިނަރެސް ފްލެޓް ވިއްކަނީ ހަމައެކަނި މާލޭގެ މީހުންނަށް: ހައުސިން މިނިސްޓްރީ
ވިނަރެސް ފްލެޓް ވިއްކަނީ ހަމައެކަނި މާލޭގެ މީހުންނަށް: ހައުސިން މިނިސްޓްރީ

އަންނަ އަހަރުގެ ޖުލައި ހިސާބުގައި ނިންމަން އަމާޒު ހިފާފައިވާ "ވިނަރެސް" ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި 1344 ފްލެޓް ވިއްކުމަށް ހުޅުވާލާނީ ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި މީހުންގެ އިތުރުން ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތުމަށް ބޭނުންވާ މީހުންނަށް ފްލެޓްތައް ކަނޑައެޅުމަށް ފަހު އެވެ.

އެޗްޑީސީން މިހާރު އާންމުކޮށްފައި އޮތީ ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ގަތުމަށް ޝައުގުވެރިކަން ހުރި މީހުން ހޯދުމަށެވެ. ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު ސީލައިފުން ގަތް ފްލެޓަށް ވުރެ ވިނަރެސް ފްލެޓް އަގު ބޮޑުވުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ.

އެ ހުރިހާ އެންމެނަށް ފްލެޓް ވިއްކުމަށް ފަހު ބާކީވާ ހުރިހާ ފްލެޓެއް ވިއްކުމަށް ނިންމާފައި ވަނީ ހަމައެކަނި މާލޭ މީހުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށެވެ. އެކަން ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެޗްޑީސީއަށް ވެސް އަންގައިފަ އެވެ.

އެޗްޑީސީން ކުރިން ބުނެފައި އޮތީ މިދިޔަ މަހުގެ ތެރޭގައި "އާންމުންނަށް" އެތަންތަން ވިއްކުމަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު އެތަން ވިއްކާނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށް އޭރަކު ނުބުނެ އެވެ.

އަކްރަމް އޭގެ ތަފްސީލު އަދި ނުދެއްވާތީ މިއީ ކޮންއިރަކު އަދި ކީއްވެ ނިންމި ނިންމުމެއް ކަމެއް ނޭނގެ އެވެ.

ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ. މި ފްލެޓްތައް ހުންނާނީ 13 ބުރީގެ 10 ޓަވަރުގަ އެވެ. އަންނަ މެއި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ކުރިން ލަފާކުރި މި މަޝްރޫއު ނިމޭނެ މުއްދަތު ފަސްވީ ކޮވިޑާ ގުޅިގެން ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ފްލެޓްތައް ވިއްކާނީ ތިން މޮޑެލްއެއްގެ ދަށުންނެވެ. ލީސް ޓު އޯން މޮޑެލްގެ ދަށުން، އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކައިފި ނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއްފަހަރާ ވެސް ދެއްކޭނެ އެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުން ވެސް ފައިސާ ދެއްކޭނެ އެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ އެވެ.

މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.