13 ޑިސެމްބަރ 2021 - 08:38

ޕަމްޕްލޯނާ (ޑިސެމްބަރު 12) - މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށްވެފައި ވަނިކޮށް އޮސަސޫނާ އިން ލަނޑު ޖަހައި، އަމިއްލަ ދަނޑުގައި ބާސެލޯނާއާ 2-2 އިން އެއްވަރު ކޮށްފި އެވެ.
ބާސެލޯނާ އެންމެ ފަހުން މޮޅުވީ މިދިޔަ މަހު ލީގުގައި ވިޔަރެއާލާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުންނެވެ. އޭގެ ފަހުން ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި ވެސް ވަނީ ބެޔާން މިއުނިކް އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
ބާސެލޯނާއަށް މެޗުގައި ފުރަތަމަ ލީޑު ނަގައިދިނީ 12 ވަނަ މިނިޓުގައި މިޑްފީލްޑަރު ގަވީ، ހުސް ކޮށްލާފައި މަތިން ދިން ޕާހަކުން، 19 އަހަރުގެ ނިކޯ ގޮންޒާލޭޒް އެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ސޮސަސޫނާގެ ޑޭވިޑް ގާސިއާ ވަނީ އެ ޓީމަށް އެއްވަރު ކޮށްދީފަ އެވެ.
ބާސެލޯނާ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ، ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި، 19 އަހަރުގެ މޮރޮކޯ ފޯވަޑް އަބްދުއްސަމަދު އަޒަލްޒޫލީ (އެޒީ އަބްދޭ) އެވެ. މިއީ އަބްދޭ އާއި ނިކޯ ގޮންޒާލޭޒް ވެސް ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އޮސަސޫނާއަށް އެއްވަރު ކޮށްދިން ލަނޑު 86 ވަނަ މިނިޓުގައި ޖެހީ އެޒެކީލް އަވީލާ (ޗިމީ އަވީލާ) އެވެ. އެ ޓީމުން ނެގި ކޯނަރެއް ބާސެލޯނާއަށް ރަނގަޅަށް ސާފުކޮށް ނުލެވި އުޅެނިކޮށް ޗިމީ ވަނީ ޑީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ އަށް ވަނައަށް ވެއްޓިފަ އެވެ. ބާސެލޯނާއަށް ވުރެ ދެ ޕޮއިންޓް މަދުން އޮސަސޫނާ އޮތީ ޓޭބަލްގެ 10 ވަނައިގަ އެވެ.