14 ޑިސެމްބަރ 2021 - 10:55

އާދީއްތަ ދުވަހުގެ ރޭ މާލޭ މަގުމަތިން ޓެކްސީއެއް ހުއްޓުވައި އެއިން ހޯދި ޑްރަގްސްއާ ގުޅުން ހުރި އިތުރު 91 ޕެކެޓް ޑްރަގްސް ހުޅުމާލޭގައި ފޮރުވާފައި ހުއްޓާ ހޯދައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ 48 ގަޑިއިރު ތެރޭ 119 ޕެކެޓް ޑްރަގްސް ހޯދާފައިވާ ކަމަށާއި މީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުން ވަނީ ކާމިޔާބުކަމާ އެކު މިދިޔަ 48 ގަޑިއިރު ތެރޭ މަސައްކަތްކޮށް، ހެރޮއިން ކަމަށް ބެލެވޭ އެއްޗެހި ހުރި އިތުރު 91 ޕެކެޓްގެ ޑްރަގްސް ހޯދާފައި. މިއާ އެކު މިހާތަނަށް ފެނުނު ޕެކެޓްގެ އަދަދު ވަނީ 119 އަށް އަރާފައި. އާދީއްތަ ދުވަހުގެ ރޭ އަތުލި 28 ޕެކެޓާ އެކު މިހާރު ހުރި ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ،" ސީޕީގެ ޓްވީޓްގައިވެ އެވެ.
ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ޑްރަގްސް ހޯދީ ޕާކްކޮށްފައި އޮތް ކާރެއްގެ ތެރެއިން ކަމަށް ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުގައި ޑްރަގްސް އެތެރެކޮށްގެން އުޅެނީ މީގެ ކުރިން ވެސް ޑްރަގްސް އެތެރެކުރި ނެޓްވޯކެއްގެ ބައެކެވެ. އެ މީހުން މީގެ ކުރިން ގިނަ އަދަދެއްގެ ޑްރަގްސްއާ އެކު ހައްޔަރުކޮށް ދައުވާކުރި ނަމަވެސް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް ފުލުހުން ވަނީ މީގެ ކުރިން ވެސް އަތުލައިގެންފަ އެވެ. އެކަމަކު ބޮޑެތި ހުރިހާ މައްސަލައެއްގައިހެން ކުށް ސާބިތު ނުވެ އެންމެންހެން ވަނީ ކޯޓު މަރުހަލާގައި ސަލާމަތްވެފަ އެވެ.