12 ޑިސެމްބަރ 2016 - 13:55

ހއ. ހޯރަފުށީގައި އަނިޔާވެރި ގޮތަކަށް މަރާލި، ހުސެއިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އެމީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުސޭނުބެ މީގެ ހަ އަހަރު ކުރިން، 2010 ގައި މަރާލި މައްސަލާގައި 25 އަހަރުގެ ހުކުމެއް އައީ އެ ރަށު ތިން މީހުން ކަމަށްވާ މުހައްމަދު ލަތީފާއި ނުއުމާން އަބްދުﷲ އަދި އަހުމަދު އިބްރާހިމްގެ މައްޗަށެވެ.
މީގެ ތެރެއިން ލަތީފަކީ ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް އިއްވެވި ހުކުމުގައި ބުނީ ހުސޭނުބެ ނިޔާވެފައި ވަނީ ތަބީއީ މަރަކުން ނޫން ކަން މެޑިކަލް ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. އަދި ހުސޭނުބެ ނިޔާވީ ބަޔަކު މީހުން ދިން ހަމަލާއަކާ ގުޅިގެން ކަން ދައުލަތުން ފާހަގަކުރި ކަން ވެސް ހުކުމުގައިވެ އެވެ.
ދައުވާ ލިބޭ މީހުން ހުސޭނުބެ މަރާލި ކަމަށް އިންކާރު ކުރި ނަމަވެސް، ހުސޭނުބެ ރަހީނު ކުރުމުގައި ތިން މީހުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް ހުކުމުގައި ބުނެފައިވާ ގޮތުގައި ހުސޭނުބެ ރަހީނުކުރީ މަރާލުމުގެ ނިޔަތުގައި ކަން އެނގޭކަށް ނެތެވެ. އެހެންވެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވީ ހުސޭނުބޭ ރަހީނު ކުރުމުގައި ތިން މީހުން ވެސް ބައިވެރިވުން ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ބާރީ ފާހަގަކުރެއްވި ގޮތުގައި ތިން މީހުން އެރޭ ރަށު ތެރޭގައި އާދަޔާ ހިލާފު ގޮތްގޮތަށް އުޅުނުކަމާއި ހުސޭނުބޭ ރަހީނު ކުރި ކަމުގެ ނިޝާންތައް ވެސް ފެނުނެވެ.
ދައުލަތުގެ ވަކީލުން މި މައްސަލާގައި ކުރިން ބުނެފައި ވަނީ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށް ފަހު އަނގަޔަށް ވެލި އަޅައި ނޭވާ ހާސްކޮށްލީ ކަމަށެވެ. އަދި ހުސޭނުބޭ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.
ހުސޭނުބޭގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދޮޅު އަހަރު ވެއްޖެ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މި އަހަރު ވެސް ބޭއްވި އެވެ.
މި މައްސަލައިގެ ހުކުމް ހަ އަހަރު ފަހުން އިއްވުމާ ގުޅިގެން ދައުވާ ލިބުނު ތިން މީހުންނަށް ވެސް ހުކުމުގައި ބާކީ އޮތީ 19 އަހަރެވެ.