ގަންގާނަ
ގަންގާނަ

ބުދަ ދުވަހާ ގުޅޭ

"ހިނގާ ދެ މީހުން ހައްޖަށްދާން." ވަރަށް އޯގާތެރި ރާގެއްގައި ވިލްދާން ބުންޏެވެ.

ވިލްދާން ބުނީ މަލްސާ ހިތަށް ވެސް ނާރާ އެއްޗެކެވެ. ޖެހިގެންއުޅޭ މައްސަލައާއި ހައްޖާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އޭގެ ސަބަބުން ބަދަލުވާނީ ކޮން ކަމެއް ހެއްޔެވެ؟

"ދެވިދާނެ!" މަލްސާ އެއްބަސްވިއެވެ. "އެކަމަކު މާލެއަންނަ ދުވަހު މި ކޮޓަރިއަށް ވަދެފަ ދެން ވެސް އަހަރެން ބުނާނަން އަހަރެން ވަރިކޮށްދޭށޭ! ވިލްދާން ކޮންމެ ކަމެއް ކުރިޔަސް އަހަރެން ހިޔާލު ދެން ބަދަލެއް ނުވާނެ!"

"މައްސަލައެއް ނެތޭ!" ކުރިޔަށް ވުރެ ހަމަޖެހިފައި ވިލްދާން ބުންޏެވެ. "ހަމަ އެއްވެސް މައްސަލައެއް ނެތް."

ހައްޖަށް ދިޔުމުގެ ތައްޔާރީތައް ފެށުނެވެ. ކިޔަންޖެހޭ ދުއާތަކާއި، ކުރަންޖެހޭ ކަންތައްތައް ދަސްކުރުމަށް ޓަކައި ވިލްދާން ދެތިން ފޮތެއް ގެނައެވެ. އެ ފޮތްތަކާ އެކުގައި އެހެން ދެ ފޮތެއް ވެސް ގެނައެވެ. އޭގައި ހުރީ ދީނީ ނަސޭހަތްތަކެވެ. ރިވެތި އާދަތަކާއި، ދެމަފިރިންގެ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކުގެ ވާހަކައެވެ. އަނބިމީހާއަށް ފިރިމީހާ އަދާކޮށްދޭން ޖެހޭ ވާޖިބުތަކެވެ. ފިރިމީހާއަށް އަނބިމީހާ ކޮށްދޭން ޖެހޭ ހިދުމަތްތަކެވެ. އެކަކުއަނެކަކަށް ކޮށްދޭންޖެހޭ ކަންތައްތަކާއި، ނުކުރަންޖެހޭ ކަންތައްތަކެވެ. ހިލޭއަންހެނުންނާއި ހިލޭފިރިހެނުން ގެންގުޅުމުގެ ނުބައިކަމާއި، ހުރި އަޒާބެވެ.

މަލްސާ ފޮތްތައް ކިއި އިރު އިސްކަންދިނީ ހައްޖުގެ އަޅުކަމާ ބެހޭ ފޮތްތަކަށެވެ. އެހެން ފޮތެއް ކިޔާތޯ ވިލްދާން ބަލައެވެ. އެހެންކަމުން، ވިލްދާނަށް ދެއްކުމަށް ޓަކައި ވެސް މަލްސާ އެހެން ފޮތެއްގައި އަތެއް ނުލައެވެ. އެކަމަކު އެ ފޮތްތައް ކިޔުމުގެ ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. މަލްސާ އެކަން ކުރީ ވިލްދާން ނިދީމައެވެ. ހިތަށްއެރިއެވެ. ކިޔާލުމަކީ މައްސަލައެއް ނޫނެވެ. ކިޔަން ފެށުމުން އެ ކަމާ މެދު ނުވިސްނައެއް ނުހުރެވުނެވެ. އަމިއްލަ ނަފުސާ ސުވާލުނުކޮށެއް ވެސް ނުހުރެވުނެވެ.

"މިހާރު ފޯނު ކޮއްޓާ ތަނެއް ނުފެނޭ!" އޮފީސް މޭޒުކައިރީގައި އިށީނދެލައިގެން މަލްސާ ވިސްނަން އިންދައި ސީމާ ބުނެލި އަޑު އިވުނެވެ. "ލަންކާ ކުއްޖާ ރުޅިވީތަ؟"

"ހައްޖު އެއްޗެހި ދަސްކޮށްފަ އެހެން ކަމެއް ކުރާނެ ވަގުތެއް ނުވޭ،" ޖަވާބުގައި މަލްސާ ބުންޏެވެ. "ފޮތް މޫނުމަތީގަ އަޅައިގެން ނިދެނީ ވެސް. އިރުއިރުކޮޅާ ބައްދަލުވުމަށް ދާންޖެހޭ. އަދޭޝް ރުޅިއެއް ނުވޭ! ވިޔަކަ ނުވެސް ދޭނަން. ވިލްދާން އުޅުނު ވައްތަރަކުން މިހެންވާން ޖެހުނީ. އަހަރެން ނުޖެހޭ ޒިންމާވާކަށް. ދެން އޮތީ ފާފައިގެ ވާހަކަ.."

"އައްދެއައްދެ! ހާދަ ހިސާބަކަށް ތި ދިޔައީ؟" ސީމާ ބުންޏެވެ. "ހިތުގަ އުފެދޭ ސުވާލަށް ތިހާ ބާރަށް ޖަވާބުދޭކަށް ނުވާނެ."

ސީމާ ބުނީ ތެދެކެވެ. މަލްސާ ވާހަކަދެއްކީ އަމިއްލަ ނަފުސާއެވެ. އެއީ ހިތާއި ސިކުނޑިޔާ ދެމެދު ހިނގި އަރާރުމެކެވެ. އެ ވާހަކަ އިތުރަށް ނުދެއްކި ނަމަވެސް، ހިމޭން އަރާރުމުގެ އަޑު ހައްތަހާ ދިޔައީ ގަދަވަމުންނެވެ. ކުރިން ދޭތެރެއަކުން އަދޭޝްއަށް ގުޅާލަން މަލްސާއަށް މަޖުބޫރުވެއެވެ. ފަހުން މެސެޖުން ނޫން ގޮތަކަށް މަލްސާ ވާހަކައެއް ނުދައްކައެވެ. ގިނަ ފަހަރު، ހާލުބަލައިލާކަން އެކަންޏެވެ. އެ ކަމާ އަދޭޝް ސުވާލުކުރުމުން، ކަމެއް ވީކަމަަކަށް މަލްސާ އެއްބަހެއް ނުވެއެވެ. ހައްޖަށް ފުރާ ދުވަހާއި އަންނަ ދުވަސް މަލްސާ ބުންޏެވެ. ރާއްޖެއިން ފުރުމަށް ފަހު ވައިބާ ނުބަލާނެކަމާއި، މެސެޖު ނުކުރުމަށް ވެސް އެދުނެވެ.

ހައްޖަށް ފުރި އިރު މަލްސާ ހުރީ ދެ އަނގޮޅި ކަންމަތީގައެވެ. އަދޭޝްގެ ގުޅުން ކުރިޔަށް ގެންދަންވީކަމެއް ނުވަތަ ނޫންކަމެއް ނުނިންމުނެވެ. ހައްޖުގެ އަޅުކަމުގައި އުޅުމުގެ ތެރޭގައި، ކައިވެންޏާ މެދު ވިލްދާން އިތުރަށް ވިސްނިއެވެ. ގޯސްހެދުނީ ވިލްދާނަށެވެ. އެއްވެސް ބަހަނާއެއް ނެތި ވިލްދާން އެ ކަން ގަބޫލުކުރިއެވެ. ތަކުރާރުކޮށް މާފަށްއެދުނެވެ. މައްކާގެ ބިމުގައެވެ. މަދީނާގެ ބިމުގައެވެ. އެއް ތަނުން އަނެއް ތަނަށް ދިޔުމުގެ ދަތުރުމަތީގައި ވެސް ވިލްދާން އެ ވާހަކަދެއްކިއެވެ.

"އަހަންނަށް ގޯސްކޮށް ކުރެވުނު ހުރިހާ ކަމެއް އަލުން ރަނގަޅުކުރާނަން. ހަމަ އެންމެ ޗާންސެއް ބޭނުމީ." ވިލްދާން އެދުނެވެ.

"މިޔޮއް ހުރިހާ ދުވަހު ނައި ބަދަލެއް ދެން ކިހިނެއް އަންނާނީ؟" މަލްސާ އެހިއެވެ.

"ތި ވާހަކަ ހުއްޓާލާ! ކުރިން ނުވިސްނި އޮތް އެއްޗެއް އަހަންނަށް ވިސްނިދާނެއްނު! ބޭނުންތަ އަހަންނަށް ޗާންސެއް ދޭން؟ އަހަރެން ގަބޫލުކުރަން، އަހަރެންގެ ވެސް މައްސަލަ އެބަހުރި. ހުރިހާ ކަމެއް ރަނގަޅުކުރާނަމޭ،" ވިލްދާން ބުންޏެވެ. "އަހަރުމެންނަކީ ސްކޫލް ދައުރުގަ ދިމާވެގެން، ލޯބިވެގެން މެރީކުރި މީހުން. އެކަމަކު ފަހުން އަހަންނަށް ފަރުވާކުޑަކުރެވުނީ. އެއީ މައްސަލައަކީ. ހުރިހާ ވެސް ގޯހެއް ހެދުނީ އަހަންނަށް. އަހަންނަށް ހީވީ، މީހަކާއިނީމަ ދެން އެ މީހާ އެއްކޮށް ލިބުނީއޭ. ދެން ނުޖެހޭނޭ އެވަރުން އުޅޭކަށް. އަހަރެން ކަންތައް ކުރި ގޮތަކުން އަހަރެން ދެކެ މަލްސާ ފޫހިވީ. ވަރަށް ބޮޑަށް ސޮރީ!"

އެ ވާހަކަ ދެކެވުނީ އަރަފާތު ބިމުގައި ތިބި ދުވަހުއެވެ. ދެމަފިރިންނަށް ވެސް ތިބެވުނީ އަނެކަކު ދައްކާ ވާހަކަ އަޑުއަހާ މޫޑެއްގައެވެ. މަލްސާއަށް ހަމަ އެކަނި ވިސްނުނީ ދަރިފުޅާއި ފިރިމީހާއާ ދޭތެރޭގައެވެ. ހިތުގައި ކުރިން ބިންވަޅުކެނޑިފައި ހުރި އަދޭޝްގެ ނަމެއް އޭރަކު ހަނދާނެއް ނެތެވެ. އޭނަގެ ސިފައެއް ވެސް މަލްސާގެ ހިތަކަށް ނުގެނެވުނެވެ. މަލްސާ ދުށް ގޮތުގައި އެ ކަމުގައި ހިކުމަތެއް އޮންނާނެއެވެ.

ހައްޖުން އައިސްފައި ވިލްދާން އާ ފެށުމަކުން ފެށިއެވެ. ގޭތެރޭގައި ކުރަން ހުރި ކަންކަން އަމިއްލައަށް ފާހަގަކޮށް، ގޭގައި އުޅެން ވަގުތުހޯދައި، މަލްސާ ގޮވައިގެން ތަންތަނަށް ދާން ފެށިއެވެ. މަލްސާ އޮފީހަށް ގެންދިޔުމާއި ގެނައުމުގެ ކަންކަން ވެސް އަމިއްލަށް ފެނިގެން ކުރަން ފެށިއެވެ. އަތްވެއް ވާރެޔެއް ނުބަލައެވެ. އެ ކަމާ މަލްސާ ވަރަށް އުފާވިއެވެ. އެ އުފާވެރިކަން ސިއްރެއް ވެސް ނުކުރެވުނެވެ.

"ދެމަފިރިން ދިޔައީ ހައްޖަށްތަ ނޫނީ ހަނީމޫނަށްތަ؟" ސަމާސައިގެ ރާގެއްގައި ސީމާ ބުނެލިއެވެ. "ދެން ކޮން އިރަކުން ލަންކާއަށް ފުރަނީ؟ ހުރިހާ ފާފަތަކެއް ފުހެވުނީމަ، މާޒީ ވެސް ފުހެލާފަ އާފެށުމަކުން ފެށީމަ ނިމުނީނު."

ސީމާ ހީކުރީ މަލްސާ ވަގުތުން ޖަވާބުދޭނެކަމަށެވެ. އެހެނެއް ނުވިއެވެ.

"ދެން ނުވާނެ ދޯ އެހެން އުޅޭކަށް،" ފިކުރަކަށް ގެއްލިފައި ހުރެގެން މަލްސާ ބުންޏެވެ. "އެއީ ހާދަ ގޯސްކަމެކޭ!"

ސީމާ ބޭނުންވި ގޮތަކީ އެއީއެވެ. އެކަމަކު، ހިތްވަރުދިނުމުގެ ބަދަލުގައި މަލްސާ ކުރިން ދެއްކި ވާހަކަ ސީމާ ދެއްކިއެވެ. މަލްސާގެ ވިސްނުން ބަދަލުކުރުމުގެ ބޭނުމަކު ނޫނެވެ. ވިސްނައިދިނުމުގެ ބޭނުމުގައެވެ.

"އެއީ ކީއްވެ ގޯސްވާންވީ؟" ސަމާސާ ރާގެއްގައި ސީމާ ބުންޏެވެ. "މަލްސާ ނުޖެހޭނެ ޒިންމާވާކަށް. ފިރިމީހާ ކަންތައްކުރި ގޮތުން އެހެންވީ. މަލްސާއަށް ހީވެދާނެ އޭނަ ބަދަލުވީއޭ. އިންތާ ކައިރީގަ ވެސް ކިހާ ދަޅައެއް ދެއްކި. އެއީ ހަމަ ފިރިހެނުންގެ ވައްތަރު. ހިނގާ ލަންކާއަށް ނައްޓާލަން. މަ ވެސް ދާނަމޭ!"

ސީމާ ކޮންމެ އެއްޗެއް ކިޔަސް އޭނަގެ މަގުސަދު މަލްސާއަށް އެނގެއެވެ. ބޭނުންވާނެ ގޮތް ވެސް އެނގެއެވެ. އެއީ ދެމަފިރިން ވަކިނުވުމެވެ. އެހެނަސް ސީމާ ދެއްކި ވާހަކަ މަލްސާގެ ކަންފަތުގައި ހަރުލިއެވެ. އޭރު ވެސް އަދޭޝްގެ މެސެޖުތައް ބަރާބަރަށް އާދެއެވެ. މަލްސާ ޖަވާބުނުދޭކަމެވެ. މެސެޖުތައް ނުކިޔާކަމެވެ. އަދޭޝް ގުޅިޔަސް ޖަވާބުނުދޭކަމެވެ. ހިތަށްއެރިއެވެ. އެހެން އުޅެމުން ގޮސް އަދޭޝް ގެއްލޭ ފަހުން އަނެއްކާ ވިލްދާންގެ ކުރީ ސިފަތައް އަނބުރައި އަތުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަލްސާ ކެތްކުރާނީ ކިހާ ހިސާބަކަށް ދަންދެން ހެއްޔެވެ؟

ވަރަށް ވިއްސާރަ ދުވަހެކެވެ. މަލްސާ އޮފީސް ނިމުނު އިރު އުޑުމަތި ބަނަކޮށް، ހަތަރުފަރާތް ބައްދައިފިއެވެ. ވިލްދާނެއް ނާދެއެވެ. މަލްސާ ގުޅުމުން ފޯނެއް ނުނެގިއެވެ. މެސެޖެއް ފޮނުވުމާއެކު ވަގުތުން ޖަވާބު އައެވެ. "ބިޒީ" އެވެ. މަލްސާ ބިރުގަތް ވަގުތު އައިސް ޖެހުނީއެވެ. ހައްޖުން އައިތާ އޭރު ތިން ހަފުތާ ނުވެއެވެ. މަލްސާއަށް ގޮނޑީގައި ލެނގިލެވުނެވެ. ފަންސަވީހަކަށް މިނެޓު ވަންދެން ވިސްނަން އިނދެވުނެވެ. އެ ހިސާބުން ނިންމުން ނިންމައި އޭގައި ތައްގަނޑުޖެހިއެވެ. ފޯނު ނެގިއެވެ. ވައިބާ ހުޅުވައިލައިފައި އަދޭޝްގެ ނަންބަރު ހޯދިއެވެ. އޭރު މަލްސާ ނުބަލާ އަދޭޝްގެ ފަސްދޮޅަސް ދެ މެސެޖު އޮތެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް ތިން މެސެޖެވެ. މަލްސާ ވަގުތުން އަދޭޝްގެ ނަންބަރު ހޯދައިފައި "ބުލޮކް" އަށް ފިތައިލިއެވެ. މެސެޖުތައް ފުހެލިއެވެ. އެ ހިސާބުން އެ ބާބު ނިންމައިލީއެވެ. ވިލްދާން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، މަލްސާގެ ހަޔާތަކަށް ދެނެއް އެއްވެސް އަދޭޝްއެއް ނާންނާނެއެވެ. އަދި ވަރަށް ސާބިތުކަމާ އެކުގައި، ފައިމަގުގައި ގެއަށް ދާން މަލްސާ ނުކުތެވެ. ހިނިތުންވެލައިގެންއިން ވިލްދާންގެ ކުރިމައްޗަށެވެ.

"މިތާ އިނދެފަ އަހަރެން މެސެޖުކުރީ!" ވިލްދާން ބުންޏެވެ. "ކީކޭ ހިތަށްއެރީ؟"

ވިލްދާންގެ ކޮނޑުގައި ވިކައިގެންފައި މަލްސާ ސައިކަލު ފަހަތަށް އެރިއެވެ. ގެއާ ދިމާއަށް ދަތުރު ފެށިއެވެ. އެކަމަކު އެއީ، ހަޔާތުގެ ދަތުރު އާފެށުމަކުން މަލްސާ ފެށި ދުވަހެވެ. ފޯނުގެ އިތުރަށް ހިތުން ވެސް އަދޭޝްގެ ނަންބަރު ފުހެލިއެވެ. މަލްސާގެ ފޯނު ނަންބަރު ބަދަލުކުރިއެވެ. މީސްމީޑިޔާގެ ހުރިހާ އެކައުންޓުތަކެއް ފުހެލިއެވެ. އޭގެ ފަހުން ވެސް، މަލްސާ ބޭނުން ނަމަ އަދޭޝް ހޯދުނީހެވެ. އެކަމަކު އެ ކަން ކުރަން ބޭނުން ނުވީއެވެ. މަލްސާގެ ނަޒަރުގައި، މީހަކާ އިނދެގެން ހުރެ އެހެން މީހެއް ދެކެ ލޯބިވުން އެއީ މަލްސާއަށް ކުރެވުނު ކުށެކެވެ. ކޮށްގެންވާނެކަމެއް ނޫނެވެ. ދެމެދުގައި ގާތް ގުޅުމެއް ނުހިނގިޔަސް، ކަމަކީ ގޯސްކަމެކެވެ.

މަލްސާ ތައުބާ ވެސް ވިއެވެ. ހައްޖަކީ، ފައިސާ ހުއްޓަސް ބޭނުންހާ ވަގުތަކު ކުރެވޭ އަޅުކަމެއް ނޫނެވެ. ދެވަނަ ފުރުސަތެއް ނުލިބި ވެސް ހިނގައިދާނެއެވެ. ވީމާ، ފާފައިން ތޯހިރުވެގެން އައި ގޮތަށް އައިސް އަނެއްކާ ފާފައެއް ކުރަން މަލްސާގެ އަމިއްލަ ނަފުސު ގަބޫލެއް ނުވިއެވެ.

ގަންގާނަ އޮހިގަންނަ ކޮންމެ ރެޔަކު ވިލްދާންގެ ހިތަށް ފޮނި ތަދެއް އިހުސާސްކުރެވެއެވެ. ރިހުމެއް އުފައްދައި، ހަނދާންތަކެއް އާކުރުވައެވެ. ތޫފާނަކަށް ބަދަލުވަމުންދިޔަ ހަޔާތަށް އަލުން ބަހާރު މޫސުން އައި ގޮތެވެ. ފަރިވެ ފޮޅުނު މާތަކާއި، ލޯބީގެ ކޮކާތައް އެނބުރި އައި ގޮތެވެ. ކަނިވެ ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ރޯވެ، ކައިވެންޏަށް އުޖާލާކަން ގެނުވި ގޮތެވެ. މީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ