20 ޑިސެމްބަރ 2021 - 11:56

ޖަލަށް ލާފައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވި މުހައްމަދު އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމާއެކު، އޭނާ އިއްޔެ މިނިވަންކޮށްފި އެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ދައުލަތުން އުފުލީ، ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައިގެ ދައުވާ އެވެ.
ނަމަވެސް ގައްދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި އޮތީ، ސޯޝަލް މީޑިއާ އެކައުންޓަކީ ދައުވާ ލިބޭ މީހާ ބޭނުންކުރާ އެކައުންޓެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތު ކޮށް ނުދެވޭ ކަމަށެވެ.
އެހެންވެ، ކޯޓުގެ ހުކުމާއެކު އޭނާ މިނިވަންކުރީ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި، ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވިއިރު، މުހައްމަދު އަހުމަދު ހުންނެވީ އޭނާގެ މައްޗަށް އުފުލި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެކަމަކު، ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ފަހުން ގައްދޫ ކޯޓުން ވަނީ މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެހެންވެ، މިދިޔަ މޭ މަހުގެ ތެރޭގައި އޭނާ މަގާމުގެ ހުވާ ވެސް ކުރެއްވި އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން މިދިޔަ މޭ މަހުގެ ތެރޭގައި މުހައްމަދު އަހުމަދު ބަންދުން ދޫކުރަން ނެރުނު އަމުރާ ގުޅިގެން އަލުން އޭނާ ހައްޔަރުކުރީ އެވެ.