23 ޑިސެމްބަރ 2021 - 20:24

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އުރީދޫގެ ހިއްސާދާރަކަށް ވާން ޖެހޭނެ އެވެ. އަދި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވާން ޖެހޭނެ އެވެ.
ކުންފުނީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ "ކޯޕަރޭޓް ގަވަނަންސް ކޯޑް" ގައި ބަޔާން ކޮށްފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ.
އުރީދޫގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔާ ކަމެކެވެ.
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި 2022 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާ އެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބު ކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ އެވެ.
އުރީދޫގެ އާންމު ހިއްސާދާރުގެ ގޮތުގައި ހޮވާ ފަރާތްތަކުން ދެ އަހަރު ވަންދެން އެ މަގާމުގައި ހުންނަން ޖެހޭނެ އެވެ.
މި މަގާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ.