26 ޑިސެމްބަރ 2021 - 15:37

ބޮޑެތި މަރުތައް ތަހުގީގު ކުރުމަށާއި ހިޔާނާތުގެ ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަން ހިންގަން މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެފައިވާ ކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެ މައުލޫމާތުތައް ހޯދަން ހުށަހެޅުމުން ރައީސް އޮފީހުން ވަނީ އެ ދެ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ހިނގި ހަރަދުތަކުގެ ތަފްސީލު ހިއްސާ ކޮށްފަ އެވެ.
މަރު ކޮމިޝަންގެ މެންބަރުންނަށް މިދިޔަ ހަތަރު އަހަރު ތެރޭގައި މުސާރައިގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އެހެނިހެން ހަރަދުތަކާއެކު ޖުމުލަ 5.4 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ހަރަދު ކުރި ކަމަށް އެ ލިޔުމުގައި ވެ އެވެ.
ހިޔާނާތުގެ ފައިސާ ހޯދަން އުފެއްދި ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ކޮމިޝަނަށް މިދިޔަ ހަތަރު އަހަރު 9.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެ އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ ދެ ކަންތަކެވެ. ދެ ކޮމިޝަން އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ވެސް އެ މައްސަލަތައް ބެލުމެވެ.
ނަމަވެސް ކޮމިޝަނަށް ބޮޑު ހަރަދު ކޮށްފައިވާ އިރު މިހާތަނަށް ވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެ އެވެ.
ހިޔާނާތުގެ ފައިސާ ހޯދާ ކޮމިޝަނުން މިހާތަނަށް ގެއްލުނު ފައިސާ އާއި މުދާ ހޯދައިދިނުމުގެ ދައުވާއެއް އުފުލައިދޭން މިހާތަނަށް ފޮނުވާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވެ އެވެ. އަދި ރިލްވާންގެ އާއިލާ އިން ވެސް ވަނީ މަރު ކޮމިޝަނަށް ނަތީޖާ ނުނެރެވޭތީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.