ވެރިކަމުގައި ވިޔަފާރީގެ އެއްވެސް އާ ޑީލެއް ނޯންނާނެ: ޓްރަމްޕް
ވެރިކަމުގައި ވިޔަފާރީގެ އެއްވެސް އާ ޑީލެއް ނޯންނާނެ: ޓްރަމްޕް

ނިއު ޔޯކް (ޑިސެމްބަރު 13) - ވެރިކަމުގައި ހޭދަކުރާ ދުވަސްތަކުގައި ވިޔަފާރީގެ އެއްވެސް އިތުރު ޑީލެއް ނުހަދާނެ ކަމަށާއި އެ މުއްދަތުގައި ވިޔަފާރި ހިންގާނީ ދޮށީ ފިރިހެން ދަރިން ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ވިޔަފާރި ހިންގަވާނެ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ބާއްވާ ނިއުސް ކޮންފަރެންސެއްގައި އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ކުރިން ވަނީ މި މަހު 15 ގައި ވިޔަފާރިއާ ބެހޭ ގޮތުން ނިންމަވާ ގޮތް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޓްރަމްޕުގެ ޓްރާންސިޝަން ޓީމުގެ ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ޕްރޮޓޮކޯލް ފުރިހަމަ ކުރުމުގެ ގޮތުން، ފަސްކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ވިޔަފާރި ކުރުން ގާނޫނުން މަނާ ނޫން ކަމަށާއި އެކަމަކު ޖެނުއަރީ 20 ގައި ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވިޔަފާރި އެހެން ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

"ވިޔަފާރި މެނޭޖް ކުރުމުގައި އިސްކޮށް އުޅޭނީ އަޅުގަނޑުގެ ދެ ދަރިން ކަމަށްވާ ޑޮން އާއި އެރިކް އަދި ކުންފުނީގެ އެގްޒެކެޓިވް ބޭފުޅުން. ވެރިކަމުގައި ހޭދަ ކުރާ މުއްދަތުގައި ވިޔަފާރީގެ އާ ޑީލެއް ހެދުމެއް ނޯންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ވިޔަފާރީގައި ޓްރަމްޕުގެ އަންހެން ދަރިކަނބަލުން އިވާންކާ އަދާކުރައްވާނެ ރޯލާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މުޅިން މިނިވަން ބަޔަކަށް ވިޔަފާރި ހަވާލު ނުކޮށް ޓްރަމްޕް މަގާމުގައި ހުންނަވާ ނަމަ ވިޔަފާރީގެ މަސްލަހަތު ފުށުއަރާނެ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ. ރައީސް ޖޯޖް ބުޝްގެ ދައުރުގައި ވައިޓްހައުސްގެ އެތިކްސް އެޑްވައިޒަރު ރިޗަޑް ޕެއިންޓާ ވިދާޅުވީ "އެއްވެސް ޑީލެއް" ނުހަދާނަމޭ ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ޗައިނާ ބޭންކް ފަދަ ބޭރުގެ ބޭންކްތަކުން ލޯނު ނެގުމަކީ ވެސް ޑީލް،" ނިއު ޔޯކް ޓައިމްސް އަށް އޭނާ ވިދާޅުވި އެވެ.

އިމާރާތް ކުރުމާއި ހޮޓާ ހިންގުމާއި ގޮލްފް ކޯސްތައް އެމެރިކާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޓްރަމްޕް ހިންގަވަ އެވެ. އޭނާގެ ހިއްސާ 500 އަށް ވުރެ ގިނަ ކުންފުނީގައި އޮވެ އެވެ.