10 މީހުނާ އެކު ކުޅެ ސައުތެމްޓަނުން ޓޮޓެންހަމާ އެއްވަރުކޮށްފި
10 މީހުނާ އެކު ކުޅެ ސައުތެމްޓަނުން ޓޮޓެންހަމާ އެއްވަރުކޮށްފި

ސައުތެމްޓަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި، ސައުތެމްޓަނުން އެކަކު މަދުކޮށް ކުޅެ ޓޮޓެންހަމް ހޮޓްސްޕާއާ އެއްވަރުކޮށްފި އެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސައުތެމްޓަން އެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ޖޭމްސް ވާޑް-ޕްރައުސް އެވެ. އެއަށް ފަހު ޓޮޓެންހަމަށް ނަތީޖާ އެއްވަރު ކޮށްދިނީ 41 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން އެވެ.

ޓޮޓެންހަމަށް ޕެނަލްޓީ ލިބުނީ ސައުތެމްޓަންގެ ޑިފެންޑަރު މުހައްމަދު ސުލިސޫ، ސޮން ހެއުން މިން އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ސުލިސޫ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ރެފްރީ ދެއްކުމުން މެޗުގެ ބާކީބައި ސައުތެމްޓަން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

ފަހު ހާފުގައި ޓޮޓެންހަމުން ދެ ލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެ ދެ ފަހަރުވެސް އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. ހެރީ ކޭން ޖެހި ގޯލުގައި އޭނާ އޮފްސައިޑު ކަމަށް ނިންމި އިރު ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ އަތުން ބައިކޮޅަށް ވަން ގޯލުގައި ރެފްރީ ނިންމީ ޓޮޓެންހަމްގެ މެޓް ޑޮހާޓީ ކީޕަރަށް ފައުލް ކުރި ކަމަށެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިމެނިފައި ވަނީ ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ހަތް ލީގު މެޗުން ބަލި ނުވެ ނިންމާލި ފުރަތަމަ ކޯޗަށެވެ. ޓޮޓެންހަމް އޮތީ ދެ މެޗު މަދުން ކުޅެ، 17 މެޗުން ހޯދި 30 ޕޮއިންޓާ އެކު ޓޭބަލްގެ ހަވަނައިގަ އެވެ. ފަސްވަނައިގައި އޮތީ މިރޭ ފަހަތުން އަރައި ވަޓްފޯޑް 4-1 އިން ބަލިކުރި ވެސްޓް ހޭމް ޔުނައިޓެޑެވެ.

މެޗުގެ ހަތަރުވަނަ މިނިޓުގައި ވަޓްފޯޑުގެ އެމަނުއެލް ޑެނިސް ލީޑު ނަގައިދީފައި ވަނިކޮށް ވެސްޓް ހޭމުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 27 ވަނަ މިނިޓުގައި ތޯމަސް ސޫޗެކް ވެސްޓް ހޭމަށް އެއްވަރު ކޯށްދިންއިރު އޭގެ ދެ މިނިޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ ސައީދު ބެނަރަހްމާ އެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މާކް ނޯބަލް އާއި ނިކޮލާ ވާސިކް އެވެ.

ވެސްޓް ހޭމަށް ވަނީ 19 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު އޮތީ ފަސްވަނައިގަ އެވެ.

ކްރިސްޓަލް ޕެލަސް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅެ، ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ އަތުން 3-0 އިން މޮޅުވެފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު އަށްވަނަ މިނިޓުގައި ޕެނަލްޓީއަކުން އޮޑްސޯން އެޑުއާޑް ކާމިޔާބު ކޮށްދިން އިރު ޖޯން-ފިލިޕް މަޓެޓާ އާއި ޖެފްރޭ ޝްލަޕް ވެސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހައިފަ އެވެ.

އާސެންލް އާއި ވުލްވްސް ކުޅެން އޮތް މެޗާއި ލީޑްސް ޔުނައިޓެޑް އަދި އެސްޓަން ވިލާ ކުޅެން އޮތް މެޗު ވެސް ކޮވިޑާ ހުރެ ފަސް ކޮށްފައިވާއިރު، ލެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 1 ޖަހާއިރެވެ.