13 ޑިސެމްބަރ 2016 - 20:02

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 13) - ސީރިއާ ސަރުކާރަށް ތާއީދުކުރާ ސިފައިން ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރި ސަރަހައްދުތަކުގެ ގޭތަކަށް ވަދެ ބަޑި ޖަހާ 82 މީހުން މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ތިބި ތަނުގައި ތިއްބާ ބަޑި ޖަހާ މެރި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަނެއްކޮޅުން 100 އަށް ވުރެ ގިނަ ކުޑަ ކުދިން ތިބި އިމާރާތަކަށް ވައިގެ ހަމާލަތައް އަމާޒުކޮށްފައިވާ ކަމަށް އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީން ވަނީ ބުނެފަ އެވެ.
ހަލަބުގެ ހަމަލާތައް ވަރުގަދަވެފައިވާ އިރު އެ ސިޓީގައި ހާލުގައި ޖެހިފައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ބައެއް މީހުން ތޮއްޖެހިފައިވާ އެޕާޓްމަންޓްތަކަށް ވަދެ ހިޔާވަހިކަން ހޯދަމުންދާ އިރު އަނެއް ބަޔަކު ތިބީ ވާރޭގައި މަގުތައް މަތީގަ އެވެ. ބައެއް މީހުން ދަނީ މިއީ އެ މީހުންގެ ހަޔާތުގެ އެންމެ ފަހު ވަގުތު ކޮޅަށް ވެދާނެ ކަމަށް ބުނެ ޓްވީޓް ކުރަމުންނެވެ.
ހަލަބަށް ވައިގެ ހަމަލާ ދިނުމުގައި ބައިވެރިވާ ރަޝިޔާ އިން ބުނެފައި ވަނީ އެ ސިޓީގެ އިރުމަތީގެ 98 ޕަސެންޓް މިހާރު ވަނީ ސީރިއާ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ. ސީރިއާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލެއް ކަމަށްވާ ޒައިދު އަލް ސާލިހު ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންނަށް އޮތީ އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ.