31 ޑިސެމްބަރ 2021 - 11:20

މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗް 3-1 އިން ކާމިޔާބުކޮށް ލީގުގެ ހަވަނައަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް މި ހިސާބަށް އައީ ކުޅުނު 19 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ކުރި ލިބޭތީ ފަސް ވަނައިގައި އޮތީ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ. އަދި ޔުނައިޓެޑަށް ވުރެ އެއް މެޗް މަދުން ކުޅެގެން 30 ޕޮއިންޓާ އެކު ހަތްވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.
ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ހަތަރު ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ އަށްވަނަ މިނިޓުގައި ލީޑު ނަގައިދިންއިރު، ދެވަނަ ލަނޑަކީ 27 ވަނަ މިނިޓުގައި އެ ޓީމުގެ ޖޭޑަން ސަންޗޯ ފޮނުވާލި ބޯޅަ ބާންލީގެ ބެން މީ ފައިގައި ޖެހިފައި ބަލިކޮޅަށް ވަން ލަނޑެކެވެ.
ޔުނައިޓެޑްގެ ތިންވަނަ ލަނޑު 35 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެކްޓޮމިނޭ ފޮނުވާލި ބާރު ހަމަލާ ކީޕަރު ދިފާއުކުރި ވަގުތު ގޯލް ދަނޑީގައި ޖެހިފައި ގޯލް ކުރިމައްޗަށް ވެއްޓުނު ބޯޅަ ރޮނާލްޑޯ ވަނީ ހުސްކޮށް ހުރެ ގޯލަކަށް ހަދައިފަ އެވެ.
މި ހާފުގައި މުޅިން ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވެ ވެސް ދިޔަ އެވެ. އަދި ލޫކް ޝޯ އަމިއްލަ ހާފުން ބޯޅަ ހިފައިގެން ގޮސް އޭރިއާ ކައިރިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
ބާންލީގެ ހަމައެކަނި ލަނޑު 38 ވަނަ މިނިޓުގައި ޖަހައިދިނީ އާރޮން ލެނަން އެވެ. ޔުނައިޓެޑްގެ އެރިކް ބާއީ އަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުގެ ފައިދާ ނަގައި ލެނަން ވަނީ ބޯޅަ ހިފައިގެން ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އަނިޔާ އާއި ކޮރޯނާވައިރަހުގެ ސަބަބުން ބާންލީގެ މުހިއްމު ހަތް ކުޅުންތެރިއެއް ނުލައި އެ ޓީމު މެޗު ކުޅެން ޖެހުނުއިރު، ޓީމުގެ ރިޒާވް ކީޕަރު ވޭން ހެނެސޭވަނީ ދެވަނަ ހާފުގައި މެކްޓޮމިނޭ އާއި އެޑިންސަން ކަވާނީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ދެން ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ވުލްވްސް އާ ދެކޮޅަށެވެ.