02 ޖެނުއަރީ 2022 - 12:43

މާލޭގެ ނީލަން ފިހާރަ ކައިރިން މަސްތުވާތަކެތި ހުރި ފޮއްޓެއް ފެނުނު ކަމަށް ބުނެ އެކަން ރިޕޯޓްކުރީ އެ އެއްޗެއްހި އެތަނުގައި ބެހެއްޓި މީހާ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ނީލަން ފިހާރަ ކައިރީ ހުރި ދެ ފޮށިގަނޑު ތެރެއިން ހަޝިޝް އޮއިލް ކަމަށް ބެލެވޭ އެއްޗެއް ފެނުނު މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކުރި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ.
މައްސަލާގައި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އެ ފޮށިގަނޑުތައް އެތަނުގައި ބެހެއްޓީ ވެސް އޭނާ ކަމަށެވެ.
ނަމަވެސް ބަންދުން ދޫކޮށްލުމަށް ގާޒީ ދެއްކެވި ސަބަބުތަކުގެ ތެރޭގައި، ސަބަބުވެރި ވިސްނުމަކުން ބަލާއިރު ތުހުމަތުކުރެވޭ މީހާ އެފަދަ ކަމެއް ކުރަން ޖެހޭ މަގްބޫލު ސަބަބެއް ފުލުހުންނަށް ނުދެއްކޭކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ފޮށިގަނޑުން ފެނުނީ މަސްތުވާތަކެތި ނޫން ކަމަށާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރި، ފެން ހޫނުކުރާ ދެ ޖަގު ކަމަށް ވެސް އަމުރުގައިވެ އެވެ.
އެ ފޮށިގަނޑާ ފުލުހުން ހައްޔަރުކުރި މީހާއާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ގަރީނާއެއް ނުދެއްކޭ ކަމަށް ވެސް އަމުރުގައިވެ އެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން ވަނީ މާލެ އާއި އަތޮޅުތަކުގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައިފަ އެވެ. މި އޮޕަރޭޝަންގައި ބައެއް ރަށްރަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދައިފަ އެވެ.