މިހާރު ދަތުރުވެރިންގެ އަތުން ޑިޕާޗާ ޓެކްސް ނަގާނެ
މިހާރު ދަތުރުވެރިންގެ އަތުން ޑިޕާޗާ ޓެކްސް ނަގާނެ

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި، ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނަށް ގެނައި އިސްލާހާ އެކު އިއްޔެއިން ފެށިގެން އެ ޓެކްސް ނަގަން ފަށައިފި އެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހު އެވެ. މި ގާނޫނުގައި ބުނެފައިވާ އެއާޕޯޓް ސާވިސް ޗާޖު މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ނެގުން ހުއްޓާލާނެ އެވެ. އެހެންވެ، ދެން އެއާޕޯޓް ސާވިސް ޗާޖެއް ދަތުރުވެރިންގެ އަތުން ނުނަގާނެ އެވެ.

މި ގޮތަށް ބަދަލު އަޔަސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރީ އެ ޕާޓީގެ ފުރިހަމަ ތާއީދާ އެކު އެވެ

- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު.

- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.

- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.

- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.

ޑިޕާޗާ ޓެކްސް އަކީ މުޅިން އަލަށް ނަގަން ފެށި ޓެކްސް އެކެވެ. މީގެ ކުރިން އިކޮނޮމިކް ކްލާސްގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ. ޑިޕާޗާ ޓެކްސްއާ އެކު އިތުރު އެހެން ވެސް ކެޓަގަރީއަކުން ނަގާ ޓެކްސްއަކަށް ބަދަލެއް ނާދެ އެވެ.