14 ޑިސެމްބަރ 2016 - 15:27

ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ގިނަ ފަސޭހަތަކެއް ލިބޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ސޮލަރެލް އިން ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އަމިއްލަ އިންޝުރެންސް ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ތައާރަފްކުރި ޓްރެވަލް އިންޝުއަރެންސަކީ ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ، ވަރަށް ކުޑަ އަގެއްގައި ލިބޭ ޕެކޭޖެއް ކަމަށެވެ.
"މި ޕެކޭޖް ޑިޒައިންކޮށްފައި ވަނީ ދަތުރުވެރިންނަށް ދިމާވެދާނެ ހުރިހާ ކަމެއްހެން ކަވަރުކުރާ ގޮތަށް. އޭގެ ތެރޭގައި ކުއްލިއަކަށް ދިމާވެދާނެ ހާދިސާއަކުން ލިބިދާނެ ގެއްލުން ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.
ސޮލަރެލް އިން ތައާރަފްކުރި ޓްރެވަލް އިންޝުއަރެންސް ޕެކޭޖްގެ ދަށުން ޕާސަނަލް އެކްސިޑެންޓާއި ދަތުރު ކެންސަލް ކުރަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލަން ޖެހުމުން ލިބޭ ގެއްލުމާއި ގަޑި އަށް ފުރަން ނުދެވިގެން ލިބޭ ގެއްލުމާއި ޕާސްޕޯޓް ގެއްލުން އަދި ޗެކިން ކޮށްފައިވާ ލަގެޖް ގެއްލިގެން ލިބޭ ގެއްލުމުގެ އިތުރުން، ގާނޫނީ އެހީ ހޯދުމަށް ކުރި ހަރަދު ވެސް ކަވަރުކުރެ އެވެ.
"މިސާލަކަށް ބޭރު ގައުމެއްގައި ހުއްޓާ އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި ނަމަ، އެ ކަމަށް ހިނގި ހަރަދު ވެސް ހިމަނާފައިވާނެ. ސޮލަރެލް އިން މި ތައާރަފްކުރި ޓްރަވަލް އިންޝުއަރެންސް ޕެކޭޖްތަކުގައި މިހާރު ރާއްޖެއިން ލިބެން ނެތް ކަަވަރޭޖްތަކާއި އެތައް ފަސޭހަތަކެއް ލިބިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާގެ މަޝްހޫރު އިންޝުއަރެންސް ކުންފުނި، އެސިސްޓް އެމެރިކާ އޭޝިއާ ލިމިޓެޑާ ގުޅިގެން ސޮލަރެލް އިން ތައާރަފްކުރި ޓްރެވަލް އިންޝުއަރެންސް ޕެކޭޖް ވަކި ދަތުރަކަށް ނުވަތަ އަހަރު ދުވަހަށް ވެސް ނެގެ އެވެ.