ސްޕޯޓްސްް ޕޮލިޓިކްސް: އައު ފުޓުބޯޅަ ސީޒަންގެ ސިޔާސީ ފަސްމަންޒަރު
ސްޕޯޓްސްް ޕޮލިޓިކްސް: އައު ފުޓުބޯޅަ ސީޒަންގެ ސިޔާސީ ފަސްމަންޒަރު

މިދިޔަ ޑިސެމްބަރު މަހު 21-22 ގެ ފުޓުބޯޅަ ސީޒަން ފެށީ އެވެ. އިނގިރޭސި ފުޓުބޯޅަ ސަގާފަތާ އެއްގޮތަށް، ޑިސެމްބަރު 15، 2021 ގައި ބޭއްވި ޗެރިޓީ ޝީލްޑް މެޗަކުންނެވެ. ސީޒަންގެ އެންމެ ފުރަތަމަ މުބާރާތަކީ، އެންމެ ދުވަސްވީ މުބާރާތްކަމުގައިވާ، "ޕްރެޒިޑެންޓްސް ކަޕް" އެވެ. ކުރީގެ ގޮތަށް ކިޔާ ނަމަ، ރައިސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓެވެ. ކޮވިޑް-19 ގެ ދެއަހަރުތެރޭ، ދިވެހި ލީގް ފިޔަވައި، ދެން އޮތް އެފް.އޭ ކަޕް ވެސް އޮތީ ނުކުޅެވި ކެންސަލްކޮށްފަ އެވެ. ޕްރެޒިޑެންޓްސްކަޕަކީ މި ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ތަށި ހަވާލުކުރައްވާ މުބާރާތް ކަމުގައިވާނެ އެވެ. މެޗްތަކުގެ ފެންވަރު ރަނގަޅު ނަމަވެސް، ބެލުންތެރިންނެއް ނުވަދެ އެވެ. ދަނޑުފޯރިއެއް ނެތެވެ!

ސްޕޯޓްސްް ޕޮލިޓިކްސް: އައު ފުޓުބޯޅަ ސީޒަންގެ ސިޔާސީ ފަސްމަންޒަރު
ސްޕޯޓްސްް ޕޮލިޓިކްސް: އައު ފުޓުބޯޅަ ސީޒަންގެ ސިޔާސީ ފަސްމަންޒަރު

ނަމަވެސް، އަލިފުށި ފަދަ މުޅިން އައު ދަނޑެއްގައި، ފައިނަލް ހޯސްޓްކުރުމަކީ ޖަޒީރާ ލީގްގެ މަފްހޫމަށް ބާރުލިބޭ ކަމަކަށް ވާނެ އެވެ. އަދި ދަނޑުފޯރި ނެތުމުގެ ފާޑުކިޔުންތަކުން ވަގުތީގޮތުން އެއްފަރާތްވެލުމަށް ވެސް ހަމަ ރަނގަޅު ފުރުސަތެކެވެ. އަތޮޅުތެރެއަށް ފުޓުބޯޅަ "އެކްސްޕޯޓް" ކުރުމުގައި، އެރަށެއްގެ ފުޓުބޯޅަ "ޕެޑިގްރީ" އޮތް މިންވަރަކީ، މިފަދަ ފައިނަލްތައް ހޯސްޓްކުރުމުގައި، އެސޯސިއޭޝަނުން ސަމާލުކަން ދޭނެ ކަމަކަށް ވާނެ އެވެ. މިސާލަކަށް، ފުޓުބޯޅަ މުބާރާތްތަކުގައި ގިނައިން ކްލަބް ބައިވެރިވުމުގެ ތާރީހެއް އޮތް ލ.އަތޮޅުގައި ސްޓޭޑިއަމެއް ހުރި ނަމަވެސް، އެތަން ބޭނުންކުރުމުގެ ލާމަރުކަޒީ ވިސްނުން ދިރުވޭތަނެއް ނުފެނެ އެވެ. ސްޓޭޑިއަމް ހުރީ ނުބެލެހެއްޓި "ވައިޓް އެލިފަންޓް" އަކަށް ވެފަ އެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާކަން ވެސް ހަނދާންކުރަންޖެހެ އެވެ.

އަނެއްކޮޅުން، އަމިއްލަ ފަރާތަކުން ބ.އޭދަފުށީގައި ސްޓޭޑިއަމްއެއް އަޅާފައިވެއެވެ. އެރަށަކީ މަޝްހޫރު ބ.އޭދަބުށީ ޒުވާނުންގެ ޖަމިއްޔާގެރަށެވެ. އެރަށަކީ މިއަދުވެސް އަތޮޅު ފެންވަރުގައި ދެ އޭޖްގްރޫޕަކަށް މުބާރާތް ހިންގާ ރަށެކެވެ. އަދި ޖެހިގެން އޮތް ތިންއަތޮޅަށް މުބާރާތް ހުޅުވާލާ ރަށެއްކަމަށް ދާދި ފަހުން އެ ހަރަކާތުގެ މަސްއޫލް ފަރާތަކުން ހަބަރު ދަބަރު އޮޅުންފިލުވާލުމުން ދެނެގަނުވުނެވެ. މިއީ ރާއްޖޭގެ ބާސަލޯނާ ނޫންކަމެއް ވެސް ނޭނގެއެވެ!

އައު ސީޒަންގެ ކަންކަން ހުރިނެތްގޮތް ދެނެގަތުމަށް، ފަހަތަށް އެނބުރި، ނިމިގެންދިޔަ ސީޒަނަށް ބަލައިލުން ބޭނުންތެރި އެވެ.

ނިމިގެންދިޔަ ސީޒަންގެ ހާއްސަ އެއްކަމަކީ، ދެ އަހަރަށް ވާގޮތަށް ލީގްކުޅެންފެށި ދެ ވަނަ ސީޒަންކަމަށް ވުމެވެ. ޖުމްލަ 10 ޓީމް ބައިވެރިކުރަން ރާވާފައިވާ ސީޒަން ކޮވިޑް-19 އާ އެކު ނިންމާލީ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައިވެރިނުކޮށް، އެޑްމިނިސްޓްރޭޝަންގައި ބާއްވައިގެނެވެ. ވީމާ ލީގް ކުޅުނީ އަށްޓީމުގެ މެދުގަ އެވެ. މާޒިޔާ 34 ޕޮއިންޓްގައި ބޮޑުތަނުން ކުރީގައި އޮތްއިރު ދެވަނަ ޓީމެއްގޮތުގައި ވެލެންސިއާއަށް ނިންމޭވަރުވީ 25 ޕޮއިންޓްގަ އެވެ. ސީޒަން ނިމުނީ ޖެހިގެންއައި 2021 ގެ މޭ މަހަށެވެ. ކޯވިޑް-19 ގެ ދެ ވަނަ ލޮކްޑައުންގެތެރެއަށެވެ!

ސަރުކާރުން ފުޓުބޯޅައަށް އަބަދުވެސް ދޭ ސަމާލުކަން، ޕެންޑަމިކެއްގެތެރޭ ވެސް ދެގޮތެއްނުވެ ދެމުން ގެންދިޔަ އެވެ. އެސޯސިއޭޝަންގެ ރައީސް، ގައުމުގެ ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު، ހާއްސަ އިނާޔަތެއްގެދަށުން [އާ ގައިޑްލައިންގެދަށުން] ލީގް ނިންމާލަން ދޫދެއްވިކަން ޓްވީޓްކުރެއްވި އެވެ. މިފަހަރު ބެލުންތެރިން ނުވައްދަ އެވެ! ދުވަން ނުދެވިގެން ޝަކުވާ ކުރިނަމަވެސް، ނަސީބަކުން، ބޯޅަ ބަލަން ނުވަދެވިގެން ޝަކުވާ ކޮށްލާނެ މީހަކުނުވި އެވެ.

ދެ ހާސް ނަވާރާގައި ކުޅުނު ސީޒަންގައި އެފް.އޭ.އެމް އިން އަހަރުމެދުތެރޭ ސީޒަން ފަށައި، އިންޓަނޭޝަނަލް ކަލަންޑަރާ ދިމާނުކުރެވިގެން ދިޔަ ވަގުތުކޮޅެއްގައި، ކްލަބްތަކާއި ކުޅުންތެރިންގެ ހިޔާލުތައް ދެކަފިވެގެންދިޔަ އެވެ. އެއްބަޔަކު ބުނީ، އަހަރުގެ ފަހަށް ސީޒަންކުޅުމުން އަހަރު ފަހުކޮޅު ސްކޫލް ޗުއްޓީތެރޭ އަތޮޅުތެރޭ ކުޅެގެން ލިބޭ އާމްދަނީ ހުއްޓޭނެކަމަށެވެ. ނަތީޖާއަކަށްވީ މިދިޔަސީޒަނަށް އެސޯސިއޭޝަނުން ކްލަބަކަށް 3،000،000 މިލިއަން ރުފިޔާގެ މަގުން 24،000،000 މިލިއަން ރުފިޔާއިން ލީގުގެ އަށް ކްލަބް ފައިނޭންސް ކޮށްދިނުމެވެ. މިއީ ސަތޭކަމިލިއަންގެ 24 އިންސައްތަ އެވެ. މިހާރު އަށް ކްލަބްގެ 176 ކުޅުންތެރިންނަށް، ފުލް ޕޮރޮފެޝަނަލްކޮށް ކުޅެވޭވަރު މުސާރައެއް ދެވޭނެ އެވެ. ނަމަވެސް އިހަކަށްދުވަހު، ގައުމީ ކޯޗް ބުނީ ކުޅުންތެރިން ސެމީ ޕްރޮފެޝަނަލް ހާލަތުގައި ތިބުމުން، ކުޅުންތެރިންގެ ވިސްނުމަށް އަސަރުކުރާކަމަށެވެ.

"އޭގެ ތެރެއިން ގިނަ ކުޅުންތެރިން އެހެން ވަޒީފާތަކުގައި މަސައްކަތް ކުރޭ. އެހެންވީމާ އަހަރެން ކުރަން ޖެހޭނެ ކަމަކީ އެ ކުޅުންތެރިން ވިސްނާ ގޮތާއި އެޓިޓިއުޑްގައި ޕްރޮފެޝަނަލް ވިިސްނުމާއި ސިފަތައް ހަރުލެއްވުން. އަހަންނަށް ގަބޫލުކުރެވޭ އަހަންނަށް އެކަން ކުރެވޭނެކަން،"

ދެކޮޅު ދިމާކުރަންޖެހެ އެވެ. ކްލަބްތަކުން "މާލީ އެހީ" އާ އެކު އެއްބަސްވީ ޝަރުތުތައް ފުރިހަމަކުރެވުނު މިންވަރުގެ ރިޕޯޓެއް ހާމަކުރެވެންވާނެއެވެ.

ގްރޫޕްމެޗްތައް ވަނީ ކޮވިޑް-19 ގެ ސަބަބުން ދިގުދެމިގެން ގޮސްފަ އެވެ. އެންމެފަހުން ކުޅެ ނިންމާލެވުނީ ޖޫންމަހު މެދުތެރޭ އެމިރޭޓްސްގެ ޝާރުޖާގައި ސެންޓަރަލިައިޒްޑް ބުރަކުންނެވެެ. ވާލްޑްކަޕް ކޮލިފައިން ގްރޫޕް ނިންމާލިއިރު، ގުއާމް ބަލިކޮށް، ފިލިޕީންސްއާއި އެއްވަރުކުރިއެވެ. [ސީރިއާ 21، ޗައިނާ 19، ފިލިޕީންސް 11، މޯލްޑިވެސް 7، ގުއާމް 0]. ގައުމީ ޓީމް ޝާރުޖާގައި ކުޅުނުއިރު މާލެ އޮތީ މިދިޔައަހަރުގެ ކޮވިޑް ލޮކްޑައުންގަ އެވެ.

އެއަށް ފަހު އޯގަސްޓް މަހު ގައި އިންޑިއަން ސުޕަލީގްގެ ދެވަނައިގައި އޮތް މޯހުން ބާގަން އާއި ލީގުގެ ހަތްވަނައިގައި އޮތް ބެންގަލޫރޫ އެފް.ސީ އާއި ބަންގަލަދޭޝް ޕްރެމިއަލީގްގެ ޗެމްޕިޔަން ބަޝުންދަރަ ކިންގްސް އާއި ދިވެހި ޕްރެމިއަ ލީގްގެ ޗެމްޕިޔަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ސެންޓަރަލައިޒްޑް ކޮށް ހޯސްކުރީ މާލޭގައެވެ. ނަތީޖާ އަކީ މޯހުން ބާގަން (7 ޕޮއިންޓް)، ބަޝުންދަރަ ކިންގްސް (5 ޕޮއިންޓް)، ބެންގަލޫރޫ އެފް.ސީ (4 ޕޮއިންޓް) އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (0 ޕޮއިންޓް) އެވެ. ޑޮމިނޭޓްކުރީ އިންޑިއާ އާއި ބަންގަލަދޭޝް ލީގްގެ ކްލަބަތަކެވެ.

އަހަރެމެންގެ ފަހަރުކަމަށް އުއްމީދުކުރި ސާޕްޗެމްޕިއަންޝިޕެވެ. ދަނޑު ފުރައިލި އެވެ. ކުޅިވަރު ސްޓޭޓް މިނިސްޓަރު އަޑުބަރޭ ޓީމުގައި ހިމެނުން އަހަރުގެ އުސްއަލިތަކުގެތެރޭ ހިމެނުނެވެ. އިންޑިއާއަތުން ބަލިވުން ސިފަކުރެވުނީ އެ ފެންވަރުގެ ލީގެއް ނެތުންކަމަށެވެ.

ފޯނޭޝަންސް ކަޕް (ނޮވެމްބަރ 2021) ލަންކާއަށް ގޮސް ބޮޑުތަނުން ބަލިވުމުން އާއްމުވި ފާޑުކިޔުންތަކުގައި، ޓީމްގެ ފިޓްނަސް، ކުޅުންތެރިންގެ އުމުރު، އަދި ޓީމް އެކުލަވާލެވުނުގޮތް ހިމެނެ އެވެ. ނަތީޖާއިން މިކަން ދެއްކިއެވެ. ސީޝެލްސް (5 ޕޮއިންޓް)، ލަންކާ (4 ޕޮއިންޓް)، ބަންގްލަދޭޝް 4 ޕޮއިންޓް، މޯލްޑިވްސް، ގޯލް ޑެފިސެޓަކާ އެކު ދެ ޕޮއިންޓް ލިބި ބަލިވަމުންދިޔައިރު، އަނެއްކާވެސް ސަންދޯކުގައި މަތިއަޅައިދިނީ ހަމަ އެއްކަލަ ކުޅުންތެރިޔާ އެވެ.

ސާފް ޗެމްޕިއަންޝިޕާއި، ފޯ ނޭޝަންސް ކަޕްގައިކުޅުނު އެންމެ ފަހުގެ ގައުމީ ޓީމްގެ އެވްރެޖް އުމުރަކީ 28 އަހަރެވެ. އިންޑިއާގެ ޓީމްގެ އެވްރެޖްއުމުރަކީ 25 އަހަރެވެ. އެންމެ ފަހުގެ އޭޝިއާކަޕްގެ ސައުވީސްޓީމްގެތެރޭ ރާއްޖެއާއި އެއްއުމުރުގައި ތިބީ އެންމެ ހަތަރު ޓީމެވެ.

އަހަރު ނިމުމުގެކުރިން އައު ސީޒަން ފަށާ، އައު އަހަރަށް ހޭލިތާ ހަފްތާއެއް ވީއިރު، ލީގް ފެށޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ ކުރީކޮޅު އެވެ. ފުލް ތާވަލް އަދި ފެންނަވަރެއް ނުވެ އެވެ. އިންޑިއަން ލީގްގެ ލައިވް އަޕްޑޭޓްސް ލިބެ އެވެ. ލީގް ދަނީ ބާރަށް ކުރިއަށެވެ. އަހަރު ނިމިގެން ދިޔައިރު، މީޑިއާގެ ހެޑްލައިންތަކުން ފުޓުބޯޅައަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ ހަތް ކްލަބެއް މީޑިއާ ބޯއިކޮޓްކުރާނެކަމަށް އިއުލާނުކުރި އެވެ. އެސޯސިއޭޝަންގެ މުވައްޒަފުންގެ މުސާރަ ނުދެވޭތާ ދެ މަސް ދުވަސްވުމުން، މީޑިއާގެ ޕްރެޝަރާ އެކު ޑިސެމްބަރުގެ ފަހު ދުވަހު މުސާރަ ދެވިއްޖެކަމަށް ބުނެފި އެވެ.

ފުޓުބޯޅައިގެ ތާރީހުން ދެނެގަނެވޭ ހަގީގަތަކީ، މޮޅު ގައުމީ ޓީމެއް އުފެއްދެނީ މޮޅު ގައުމީ ލީގެއް ގާއިމްކުރެވޭ މިންވަރަކުން ކަމަށެވެ. ވީމާ އައު އަހަރަށް ފުޓުބޯޅަ ވެށި މިހާރު މިނާލަން ޖެހެނީ ސަރަހައްދުގެ ވާދަވެރި ލީގްތަކުގެ ފަންވަރުންނެވެ. ތިރީގައި އެވަނީ ސަރަހައްދުގެ އެންމެ ގަދަ ހަތަރު ލީގް އެންމެ ފަހުން ކުޅެފައިވާ ސީޒަންތަކާއި، ޓީމް އަދަދާއި، ޖުމްލަ މެޗްގެ އަދަދާއި، ޓީމަކަށް ލިބުނު މެޗްގެ އަދަދާއި، ލީގުގައި ކުޅޭ ކުޅުންތެރިންގެ އަދަދާއި، ސީޒަން ކުޅުނު އަހަރާއި، ނެގި މުއްދަތު، ހަފްތާއިންނެވެ. ރާއްޖޭގެ ލީގް ފެށޭނެކަމަށް ބުނަނީ އަންނަ މަހު ކުރީކޮޅު އެވެ. މެޗް ސްކެޑިޔުލެއް އަދި ނުފެނެ އެވެ.

އަޅުގަނޑުމެން ބުނަމުން މި ދަނީ، އަޅުގަނޑުމެންނަކީ ސަރަހައްދުގެ ފުޓުބޯޅަ ބާރެއް ކަމުގަ އެވެ. އައު އަހަރެއް ފެށޭއިރު، ކުޅިވަރު މިނިސްޓަރު އަހްމަދު މަހުލޫފް ފުޓުބޯޅައަށް ގެންނާނެ އިންގިލާބު ހަނދާނަށް އަންނަނީ މައުނައިން ފުރިފައިވާ މިންވަރަކަށެވެ.

"އަޅުގަނޑުމެން ކުޅިވަރަށް މިގެންނަ އިންގިލާބީ ބަދަލުން މިއީ ކޯވަރެއް" ކަމުގައި މަޝްހޫރު ކުޅިވަރު ވަޒީރު ވިދާޅުވި އެވެ. އަހަރު ފެށޭއިރު އަޅުގަނޑުމެން ވާދަކުރާ ލީގްތަކު އިންތިޒާމްތައް ހުރިނެތްގޮތް ބަލައިލާ، އަޅާކިޔާލުމުން "ކޯވަރު" ގެ މިންވަރު އޮޅުންފިލާފާނެ އެވެ!