09 ޖެނުއަރީ 2022 - 06:10

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއަށް މީގެ ދެ އަހަރެއް ކުރިން ދުނިޔެ ވެއްޓުމާ އެކު ކޮވިޑް އެ ނަންވީ ވަރަށް ހާއްސަ ނަމަކަށެވެ. ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑާ ގުޅުވައިގެން އިންޑިއާގައި އުފަންވި ކުދިންނަށް ނަން ވެސް ދީފައިވެ އެވެ. އެގޮތުން ކޮރޯނާ އާއި ކޮވިޑަކީ އިންޑިއާގައި 2020 ގައި ވަރަށް ހިނގި ނަންތަކެވެ.
އެކަމަކު އޭގެ ވެސް މާ ކުރިން، އިންޑިއާގައި ކޮވިޑް ކިޔާ މީހަކު އުޅޭތާ މިހާރު 32 އަހަރުވެއްޖެ އެވެ. މިއީ ވިޔަފާވެރިއެއް ކަމަށްވާ ކޮވިޑް ކަޕޫރެވެ. އޭނާގެ އެ ނަން މިހާރު ވެފައި އޮތީ "ހާޖާނުގަނޑަކަށެވެ." އެ ނަމަށް ޖޯކް ޖަހާ މީހުން ވެސް ބައިވަރެވެ. އަދި ޓުވިޓާގައި ކޮވިޑް ކަޕޫރު އޭނާ ސިފަކޮށް ދީފައި ވަނީ މިހެންނެވެ؛ އަހަންނަކީ ކޮވިޑް ކަޕޫރެވެ. އެކަމަކު އަހަންނަކީ ވައިރަހެއް ނޫނެވެ.
ކޮވިޑް-19 އާއި ކޮވިޑް ކަޕޫރު ލިޔާ ގޮތާ ހުރި ތަފާތަކީ "ސީ" އާއި "ކޭ" އެވެ. ކޮވިޑްގެ ކަޕޫރުގެ ނަން ލިޔަނީ "ކޭ" އަކުރުންނެވެ. އޭނާގެ މި ނަމުގެ ސަބަބުން ދިމާވަމުން އަންނަ އެކި ކަހަލަ ވާހަކަތައް ޓުވިޓާގައި ވެސް އަންނަނީ ކިޔައިދެމުންނެވެ. އެގޮތުންގެ ކޮވިޑް ވަބާއާ ކުރިމަތިލާން ޖެހުނު ފަހުން ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރުގައި ވެސް ނަމުގެ ސަބަބުން އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނީ ފުރިހަމަ އަދި އަސްލު ނަމަކީ ކޮވިޑް ކަޕޫރޭ ބުންޏަސް ބައެއް މީހުން ގަބޫލެއް ވެސް ނުކުރެ އެވެ. އަދި ބައެއް މީހުން އެ ނަމަށް ވަރަށް ޖޯކް ޖަހާއި، ހީނ ހަދަ އެވެ.
އެންޑީޓީވީ އަށް ހުކުރު ދުވަހުގެ ރޭ ދިން އުންޓަވިއުއެއްގައި އޭނާ ބުނީ ނަން މިހާރު "ހާޖާނަކަށްވެފައި ވާތީ" މިހާރު ގިނަ ފަހަރަށް ބޭނުން ކުރަނީ ކޮންމެ ވެސް ވަނަމެއް ނުވަތަ ފޭކް ނަމެއް ކަމަށެވެ. ސަބަބަކީ ނަމަކީ ކޮވިޑް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވުމެވެ.
"އަަސްލު އަހަންނަށް މި ނަމަކީ އެއްވެސް މައްސަލައެއް ނޫން. ހިންދީ އަދި ސަންސްކްރިތުން އެ ނަމުގެ މާނަ އަކީ އުނގެނޭ މީހާ. އެހެންވީމަ މާނަ ވެސް ރީތި ނަމެއް އެއީ،" ހޮލިޑިފައިގެ ނަމުގައި ޓްރެވެލް އެޖެންސީއެއް ވެސް ހިންގާ ކޮވިޑް ކަޕޫރު ބުންޏެވެ.