ވިކީ އާއި ކެޓްރީނާގެ ކައިވެންޏަށް އެއް މަސް ފުރުން ފާހަގަކުރަން ލޯބި ފޮޓޯއެއް
ވިކީ އާއި ކެޓްރީނާގެ ކައިވެންޏަށް އެއް މަސް ފުރުން ފާހަގަކުރަން ލޯބި ފޮޓޯއެއް

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ކެޓްރީނާ ކައިފާއި ވިކީ ކޯޝަލްގެ ކައިވެންޏަށް އިއްޔެ އެއް މަސް ފުރުނީ އެވެ. މިކަން ފާހަގަކުރުމަށް ކެޓްރީނާ އާއި ވިކީ ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލީ ލޯބި ފޮޓޯއެކެވެ.

ކެޓްރީނާ އޭނާގެ 60.5 މިލިއަން ފޮލޯވަރުންނަށް އިއްޔެ އާންމުކުރި ފޮޓޯގައި ފެންނަނީ ވިކީ އޭނާގެ ގައިގައި ބައްދާލައިގެން އިން މަންޒަރެވެ.

ވިކީ ވެސް މި ތާރީހު ހަނދާން ނައްތައެއް ނުލަ އެވެ. ކެޓްރީނާއާ އެކު އޭނާ ނަށަން ހުރި ފޮޓޯއެއް އާންމުކޮށް، އޭގެ ކެޕްޝަނުގައި ވަނީ "ފޮ އެވަ ޓު ގޯ" އެވެ.

ރަތް ހިތަކާ އެކު ދެ ތަރިން އެކަކު އަނެކަކަށް އޮތް ލޯބި ސޯޝަލް މީޑިއާގައި ބަންޑުންކޮށްލުމުން ބޮލީވުޑްގެ ތަރިންނާއި އެ މީހުންގެ ސަޕޯޓަރުން ވެސް ވަނީ ދުވަހުގެ ތަހުނިޔާ އެ މީހުންނަށް ފޮނުވައިފަ އެވެ. އަދި އެއީ "ވަރަށް ލޯބި ޖޯޑެއް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.

ކެޓްރީނާ އާއި ވިކީގެ ގުޅުމެއް އޮތް ކަމަށް އަޑެއް އެރިޔަސް ކައިވެންޏާ ހަމައަށް ދާންދެން ވެސް އެކަން އާންމެއް ނުކުރެ އެވެ. އެންމެ ކުޑަމިނުން ފޮޓޯއެއް ވެސް ހިއްސާއެއް ނުކުރެ އެވެ. ދެ މީހުން ކައިވެނިކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވެސް ދިޔައީ ވަކިވަކިންނެވެ. އެކަމަކު ކައިވެނީގެ ފަހުން މި ދެތަރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކަމުންނެވެ.

މިދިޔަ އަހަރު ދެ ތަރިން ކައިވެނިކުރީ 2019 އިން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގަ އެވެ.