އާމިރު ޚާން ހަތަރު މަސް ދުވަހުން 25 ކިލޯ ލުއިކޮށްލައިފި
އާމިރު ޚާން ހަތަރު މަސް ދުވަހުން 25 ކިލޯ ލުއިކޮށްލައިފި

ބައެއް ފިލްމީ ތަރިންނަކީ އެމީހުންގެ މަސައްކަތަށް ވަރަށް ސަމާލުކަން ދޭ ބައެކެވެ. އެ ފިލްމެއްގައި އެމީހުން ކުޅެންޖެހޭ ކެރެކްޓާއަކަށް ފިޓުވުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް ވެ އެވެ. އެއީ ކައިގެން ފަލަވުން ކަމަށް ވިޔަސް އަދި ހަށިގަނޑަށް ނުކުޅަދާނަ ވަރުގެ ތަމްރީނުތައް ހަދަން ކަމަށް ވިޔަސް މިފަދަ އެކްޓަރުން ފަހަކަށް ނުޖެހެ އެވެ.

ބޮލީވުޑްގައި މިހާރު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އެކްޓަރު އާމިރު ޚާނަކީ ވެސް މިގޮތަށް މަސައްކަތްކުރާ މީހެކެވެ.

އޭނާ މިހާރު ކުޅެމުންދާ ފިލްމު "ޑަންގަލް"ގައި އޭނާ ކުޅޭ ރެސްލިން ތަޅާ މީހެއްގެ ރޯލަށް އޭނާއަށް ޖެހުނީ ވަރަށް ބޮޑަށް ބަރުދަން އިތުރު ކުރާށެވެ. އެގޮތުން ދިގު މުއްދަތަކަށް ވަރަށް މަސައްކަތުން އޭނާގެ އަސްލު ބަރުދަނަށް ވުރެ 25 ވަރަކަށް ކިލޯ އޭނާ ވަނީ އިތުރުކޮށްފަ އެވެ. އަދި ފަލަކޮށް ހުރެ އޭނާ ކުޅެން ޖެހުނު ބައި ނިމުމާ އެކު ދެން އޮތީ އޭނާ ކުޅޭ ކެރެކްޓާގެ އެންމެ ޒުވާން އެންމެ ހިކި އިރުގެ ބައި ކުޅުން ކަމަށް ވާތީ ބަރުދަން ލުއިކުރުމުގެ މަސައްކަތް އޭނާ ވަގުތުން ފެށި އެވެ.

އެގޮތުން އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި އާމިރު ވަނީ އޭނާގެ ހަށިގަނޑުން 25 ކިލޯ ލުއިކޮށްފަ އެވެ. މިކަމަށްޓަކައި އޭނާ ކުރިހާވެސް ކަމަކީ ވަކި ވައްތަރެއްގެ ކާނާތަކެއް ކެއުމާއި ދުވާލަކު މަދުވެގެން ނުވަ ކިލޯމީޓަރު ހިނގުމެވެ.

މިހާރު އާމިރުގެ ހަށިގަނޑުގެ ބަރުދަން ހުރީ "ދޫމް 3" އާއި "ޕީކޭ" ކުޅުނުއިރު ހުރި ވަރަށެވެ.