13 ޖެނުއަރީ 2022 - 16:38

ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ގުރުއާނުގެ އިލްމުގެ ދާއިރާގެ ކޯސްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ ފެންވަރު ނުވަތަ މިނިމަމް ސްޓޭންޑަޑް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ލޯންޗުކޮށްފި އެވެ.
ރާއްޖޭގެ މަތީ ތައުލީމު ދޭ ތަންތަނުން ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް އެމްކިއުއޭ އިން އަންނަނީ ކުރަމުންނެވެ. ގުރުއާނުގެ އިލްމުގެ ދާއިރާގެ ކޯސްތަކުގައި ހުންނަން ޖެހޭ "މިނިމަމް ސްޓޭންޑަޑެއް" ކަނޑައެޅުމަށް އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން ފާސްކުރީ މި މަސައްކަތުގެ ދަށުންނެވެ.
ކޯސްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އިސްލާމް ދީނަށްޓަކައި އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިއީ ވެސް އިސްލާމް ދީނަށްދޭ މުހިއްމު އިސްކަމުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދީނުގެ ނޫރު އަބަދުވެސް ހިމާޔަތްކުރައްވާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި މި ސްޓޭންޑަޑްގެ ސަބަބުން، މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.
- ކިޔައިދިނުމުގެ ފެންވަރާ މެދު އާންމުންނާއި ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކުރުން.
- މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތްކުރުން.
- މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުން.
- ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން.
ގުރުއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބަލާނީ ގާރީ/ގިރާއަތު ކޯހާއި ގުރުއާން ޓީޗިން ކޯސް އަދި އިމާމް ކޯހެވެ. މި މިނިމަން ސްޓޭންޑަޑް ކަނޑައަޅާފައި ވަނީ ހަ ބަޔަކަށެވެ. އެއީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުގައްރަރާއި މުއްދާތައި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދާއި ޓީޗަރުންގެ ޝަރުތުތަކާއި އަދި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކާ އެކު އެވެ.
އެމްކިއުއޭ އިން ބުނީ ގުރުއާނުގެ އިލްމުގެ ދާއިރާއިން ދެން އަލަށް ފަށާ ކޯސްތަކުގެ ބެޗުތަކާއި އަލަށް ހުއްދަ ހޯދަން އެ އޮތޯރިޓީ އަށް ހުށަހަޅާ ކޯސްތައް ހުންނަން ވާނީ މި ސްޓޭންޑަޑަށް ފެތޭ ގޮތަށް ކަމަށެވެ. ނަމަވެސް، މިހާރު ފަށައިގެން ކުރިއަށް ގެންދާ ބެޗުތައް ކުރިން ވެސް އޮތް ގޮތަށް ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު އެ ބެޗުތަކަށް ވެސް މި ސްޓޭންޑާޑަށް ފައްތައިގެން ކޯސް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ވަނީ ދީފަ އެވެ.