ބީއެމްއެލްގެ އިސް މަގާމުތަކަކަށް ބަދަލު ގެންނަނީ
ބީއެމްއެލްގެ އިސް މަގާމުތަކަކަށް ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމުތަކަކަށް އަންނަ އަހަރުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

ބޭންކުގެ 100 އަށް ވުރެ ގިނަ އިސް މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެންނަނީ އަންނަ އަހަރުން ފެށިގެން ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަމަށެވެ.

މި ބަދަލުގެ ދަށުން، ރީޓެއިލް ބޭންކިން ޑައިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޝަރީފް އައްޔަންކުރުމަށް ހަމަޖެހިފައި ވަނީ ޑައިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމަށާއި ޑެޕިއުޓީ ސީއީއޯ ކަމަށެވެ. އެއާ އެކު، ޝަރީފް ވެވަޑައިގަންނަވާނީ ބޭންކުގައި ތިއްބަވާ ދެ ޑެޕިއުޓީ ސީއީއޯގެ ތެރެއިން އެއް ބޭފުޅަކަށެވެ. މިހާރު ވެސް، އާއިޝަތު ނޫރައްދީން ގެންދަވަނީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވަމުންނެވެ.

މީގެ އިތުރުން، ޑައިރެކްޓަ އޮފް ކޯޕްރޭޓް ބޭންކިންގެ މަގާމުގައި މިހާރު ހުންނެވި ކުލްދީޕް ޕަލިވާލް ހަމަޖައްސަން ނިންމާފައި ވަނީ ބޭންކުގެ ރީޓެއިލް އަދި ކޯޕްރޭޓް ބޭންކިން ޒިންމާ ހިމެނޭ ގޮތަށް، ޑައިރެކްޓަ އޮފް ބިޒްނަސްގެ މަގާމަށެވެ. އަދި އިސްލާމިކް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް، މި ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރެއް ކަމަށް ޒުލްކަރްނައިން ޓަމަން، އަލަށް އުފައްދާ ޑައިރެކްޓަ އޮފް ބީއެމްއެލް އިސްލާމިކްގެ މަގާމަށް އައްޔަންކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ޓީމަށް ގެންނަން މިއަދު ހާމަކުރެވުނު ބަދަލާ އެކު ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، މުސްތަގްބަލުގައި ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތް. ޝަރީފް، ކުލްދީޕް އަދި ޒުލްކަރްނައިން އަށް އާ މަގާމުތަކުގައި ކާމިޔާބަށް އެދެން،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މި ހުރިހާ ބޭފުޅުން ވެސް އަންނަ މަހުގެ 2 އިން ފެށިގެން އާ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނެ ކަމަށެވެ.

ބީއެމްއެލް އިން ދަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް، 3900 ޕީއޯއެސް މާޗަންޓުން، 191 ކޭޝް އެޖެންޓް، 16 ސެލްފް ސާވިސް ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމް ކޮށްފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ވަނީ އަންނަ އަހަރުގެ ތެރޭގައި 22 ރަށަކަށް ހިދުމަތް ފުޅާ ކުރުމަށް ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރެއް އަދި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އާ ވަޒީފާތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައިވާ އިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.