18 ޖެނުއަރީ 2022 - 06:07

ކޮވިޑް-19އާ އެކު ނިއުމޯނިއާ ވެސް ޖެހި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިތާ ލަތާ މަންގޭޝްކަރްގެ ހާލަތު އަދިވެސް އެއްކޮށް ރަނގަޅުނުވާތީ އޭނާ އަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އާއިލާ އިން ބުނެފި އެވެ.
މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަހުން 92 އަހަރުގެ ލަތާ އަށް ފަރުވާ ދެމުން އަންނަނީ ވެސް އައިސީޔޫގަ އެވެ.
ހޮސްޕިޓަލްގެ އޮފިޝަލުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވާ ގޮތުގައި ލަތާ އައިސީޔޫގައި އޮތަސް އޭނާގެ ހާލަތު އެހާ ގޯހެއް ނޫނެވެ. އަދި އޮބްޒަވޭޝަނަށް ދުވަސްކޮޅެއް ވަންދެން ހޮސްޕިޓަލްގައި ބޭއްވުމަށް ފަހު ވަރަށް ދޫކޮށްލާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އާއިލާ އިން ބުނެ އެވެ.
ލަތާ ހޮސްޕިޓަލްގައި އޮތް އިރު އާއިލާގެ މީހުންނަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ނުދެ އެވެ. ލަތާގެ ޑޮކްޓަރުން ބުނި ގޮތުގައި އޮބްޒަވޭޝަނަށް ދުވަސްކޮޅެއް ވަންދެން އަދިވެސް ބާއްވަން ޖެހެނީ، ލަތާ އަކީ އުމުރުން ވަރަށް ދުވަސްވެފައިވާ މީހަކަށް ވާތީ އެވެ. އެކަމަކު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ވެސް ލަތާ ހޮޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދުވަސްތަކެއް ވަންދެން ފަރުވާދޭން ޖެހުނެވެ. އޭރު ދިމާވި މައްސަލަ އަކީ ނޭވާލާން އުނދަގޫވުމެވެ.
އިންޑިއާގެ ރަންއަޑުގެ ވެރިޔާ އަދި އެ ފަންނާކަކަށްޓަކައި މުޅި އިންޑިއާ ފަހުރުވެރިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އާޝާ ބޯސްލޭ، 88، އާއި އޫޝާ މަންގޭޝްކަރް، 86، ގެ ދައްތަ އެވެ.