އިތުރު ފިޔަވަޅު އަޅާނީ ހޮސްޕިޓަލައިޒޭޝަނާއި ކެޕޭސިޓީ އަށް ބަލާފައި: އެޗްއީއޯސީ
އިތުރު ފިޔަވަޅު އަޅާނީ ހޮސްޕިޓަލައިޒޭޝަނާއި ކެޕޭސިޓީ އަށް ބަލާފައި: އެޗްއީއޯސީ

ކޮވިޑު-19 އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަށް ބަލާފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ ކޮމިއުނިކޭޝަން އޮފިޝަލަކު ވިދާޅުވީ ކޮވިޑުގެ ހާލަތު ވަރަށް ރަނގަޅަށް މޮނިޓާކުރަމުން އަންނަ ކަމަށެވެ. އެ ކަންތައްތަކަށް ފަހު އިތުރު ފިޔަވަޅުތައް އަޅާނީ ހޮސްޕިޓަލައިޒޭޝަނާއި ކެޕޭސިޓީ އަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން ވޭރިއެންޓް ފެތުރެން ފެށި ފަހުން ރާއްޖޭގެ ކޮވިޑުގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އިއްޔެ އެކަނި ވެސް 1،420 މީހުން އެ ބައްޔަށް ޕޮޒިޓިވްވުމާ އެކު، ރާއްޖޭގައި ކޮވިޑްގެ އެލާޓް ވަނީ ރަތަށް ބަދަލުވެފަ އެވެ. އެކްޓިވް ކޭސްތައް ވެސް 6،000 އިން މައްޗަށް އަރާފައިވެ އެވެ.

މިދިޔަ އަހަރު ކޮވިޑުގެ ކޭސްތައް އެންމެ މައްޗަށް އެރީ ޑެލްޓާ ވޭރިއެންޓާ އެކު، މިދިޔަ ޖޫން ހިސާބުގަ އެވެ. އޭރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ އަދަދު ވެސް 200 އިން މައްޗަށް އެރި އެވެ.

އެކަންކަމާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ކާފިއު އިއުލާންކުރުމާއި ވިޔަފާރިތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 18 ގައި ކޮވިޑުގައި ތިން މީހުން މަރުވި އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެ ބަލީގައި ތިން މީހުން ވަނީ މަރުވެފަ އެވެ.

އޮމިކްރޮން ވޭރިއެންޓް ހަލުއިކަމާ އެކު ފެތުރުނު ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ހުރީ 32 ގަ އެވެ. އޭގެ ތެރެއިން ކްރިޓިކަލް ކޮންޑިޝަންގައި ތިބި މީހުންގެ އަދަދެއް ސާފެއްނުވެ އެވެ.

ބަލި ޖެހޭ މީހުން އިތުރުވާތީ އެޗްޕީއޭއިން ވަނީ 50 އަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުމާއި މަގުމަތީ ބާޒާރުތައް އަދި މާލެ ސަރަހައްދުން ރަށްރަށަށް ދާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ދާންޖެހޭ ގޮތަށް، ދަތުރުކުރުމުގައި ދިން ލުއިތައް ހަރުކަށިކޮށްފަ އެވެ.