19 ޖެނުއަރީ 2022 - 11:43

ކޮވިޑް-19 ބަލިމަޑުކަން އާލަމީ ވަބާއެއްގެ ދަރަޖައަށް ނުރައްކާވެފައި އޮތުމަށް ފަހު، މިހާރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖައްސަމުންދާ އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، މި ބަލިމަޑުކަމުގެ ވަބާއީ ހާލަތުން އަރައިގަނެވިދާނެ ކަމަށް، އެމެރިކާގެ ތަޖުރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އޭނާ އެ ގޮތަށް ލަފާ ކުރެއްވީ، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު، ވަރަށް ބޮޑަށް އިތުރުވެފައި ވިޔަސް، އެ ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ ހާލަތު ނުރައްކާ ނުވާތީ އާއި، އެ ބާވަތުގެ ކޮވިޑް ވައިރަހުން ފުއްޕާމެއަށް ގެއްލުމެއް ނުލިބޭތީ އެވެ. އެހެންކަމުން އޭނާ ލަފާ ކުރައްވަނީ، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ގިނަ ބަޔަކަށް ކޮވިޑް ވައިރަސް ޖެހި، ގިނަ ބައެއްގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފެދުމުން، ވަބާއީ ހާލަތު ނިމުމަކަށް އައިސް، ބަލި ކޮންޓްރޯލް ކުރެވޭ މަރުހަލާ ފެށޭނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ކަންތައް މެދުވެރިވާނީ، މިހާރު ކޮވިޑް ފަތުރާ ވައިރަހުގެ ބާވަތްތަކަށް ވުރެ ނުރައްކާތެރި އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް ނުއުފެދިއްޖެ ނަމަ އެވެ. އެހެންކަމުން، އޮމިކްރޮންއާ އެކު، ކޮވިޑްގެ ވަބާއީ ހާލަތު މުޅިން ނިމުމަކަށް އަންނާނެކަން ކަށަވަރުކަމާ އެކުގައި ބުނަން އަދި މާ އަވަސް ކަމުގައި ޑރ. ފައުޗީ ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ސިޓީން، ޑިސެމްބަރު 2019 ގައި ކޮވިޑް ބަލި ފެށުނު ފަހުން ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، ކޮވިޑް ޖައްސާ ވައިރަހަށް ތަފާތު ބަދަލުތައް އައިސް، ކޮވިޑް ވައިރަހުގެ ތަފާތު ބާވަތްތައް ވަނީ އުފެދިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް އެންމެ ނުރައްކާތެރި ބާވަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އިންޑިއާ އިން އުފެދުނު ކަމަށް ބެލެވޭ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ.
ޑރ. ފައުޗީ ވިދާޅުވި ގޮތުގައި އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުން ބަލި ޖެހިގެން ހާލަތު ގޯސް ނުވެ ހަށިގަނޑުގައި ދިފާއު އުފެދުމަކީ، މި ބަލި މުޅިން ފޮހެވިގެންދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އަދި އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހަކީ، ކޮވިޑުގެ ގުދުރަތީ ވެކްސިނެއް ކަމަށް ދެކި، އަމިއްލަށް ކޮވިޑް ޖެހެން މަސައްކަތް ކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ވިލާތުގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތަކުގައި ވެސް، ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ނަމަވެސް، އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދާ އަޅައި ބަލާއިރު، ބަލީގައި ހާލަތު ގޯސްވެ އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތް އިތުރެއް ނުވެ އެވެ.
ދުނިޔޭގައި މިހާތަނަށް ވަނީ 335 މިލިއަން މީހުންނަށް ކޮވިޑް ޖެހި 5.5 މިލިއަން މީހުން މަރުވެފަ އެވެ.