ކަރަންޓީނު ނުވެ ތައިލެންޑަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި
ކަރަންޓީނު ނުވެ ތައިލެންޑަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި

ޓޫރިސްޓު ވިސާގައި ތައިލެންޑަށް ދާ މީހުންނަށް ކަރަންޓީނު ނުވެ، އެ ގައުމަށް އެތެރެވެވޭނެ ކަން އިއުލާނުކޮށްފި އެވެ.

ތައިލެންޑަށް ދާ މީހުންނަށް ހާޢްސަކޮށް، މި ބަދަލު ގެނައީ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯނާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް މަހެއް ވަންދެން އެޅުމަށް ފަހު އެވެ.

އެކަމަކު ތައިލެންޑަށް ދަތުރުކުރާ މީހުންގެ ތެރެއިން ކަރަންޓީނު ނުވެ، އެ ގައުމަށް މިހާރު ވެސް އެތެރެވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްގެންނެވެ.

އާ އުސޫލުގައިވާ ގޮތުން، ތައިލެންޑުގެ އެއާޕޯޓުގައި ތިބެ ދަތުރުވެރިން ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ އެވެ. އަދި އެ ގައުމަށް އެތެރެވާތާ ފަސްވަނަ އަށް ވާ ދުވަހު އިތުރު ކޮވިޑް ޓެސްޓެއް ހަދަން ޖެހެ އެވެ.

ތައިލެންޑުން ވަނީ ރެސްޓޯރެންޓްތަކުން ހިދުމަތް ދޭ ވަގުތު ވެސް މިހާރު އިތުރުކޮށްފަ އެވެ. ރޭގަނޑު 9:00 ގެ ބަދަލުގައި މިހާރު ރެސްޓޯރެންޓްތަކުން ރޭގަނޑު 11:00 އާ ހަމައަށް ހިދުމަތް ދޭނެ އެވެ.

ތައިލެންޑުން މި ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ހީނަރުވެފައި އޮތް އެ ގައުމުގެ ޓޫރިޒަމް ދައިރާ އަނެއްކާވެސް ކޮޅަށް ޖެހުމުގެ ބޭނުމުގަ އެވެ. މިދިޔަ އަހަރު ތައިލެންޑަކީ އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. ކޮވިޑްގެ ކުރިން ތައިލެންޑަށް އަހަރަކު އެވްރެޖުކޮށް 40 މިލިއަން ޓޫރިސްޓުން ދަތުރު ކުރެ އެވެ.

ތައިލެންޑުން ކޮވިޑަށް 2.3 މިލިއަން މީހުން ޕޮޒިޓިވްވިއިރު 22،000 މީހުން އެ ބަލީގައި މަރުވެފައިވެ އެވެ. އެ ގައުމުގެ ތިން ބައިކުޅަ ދެ ބައި މީހުން މިހާރު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮވިޑްގެ ކުރިން ތައިލެންޑަކީ ރާއްޖޭގެ ގިނަ ބަޔަކު ވެސް ދަތުރު ކުރާ ގައުމެކެވެ.