23 ޖެނުއަރީ 2022 - 13:19

ށ. ފޯކައިދޫން ގޯތި ދޫނުކުރާތާ 10 އަހަރު ފަހުން، އެ ރަށުން ދިރިއުޅުމަށް ގޯތި ދޫކުރަން ކައުންސިލުން އިއުލާންކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ރަށުން 2،000 އަކަފޫޓުގެ 120 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެފައި ވާތީ މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ގޯތި ދިނުމުގައި ޕޮއިޓް ދޭނީ ރަށުގެ މީހުންނަށް އިސްކަންދީގެން ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ވަރަށް [120] ގޯތި ދީގެން ވެސް، އަސްލު މި ރަށުގައި ގޯތި ބޭނުންވެފައި ތިބި ރަށު އެންމެންނަށް ހިޔެއް ނުވޭ ދެވޭނެހެން. އެހެންވެ، އަޅުގަނޑުމެން ރަށު މީހުންނަށް އިސްކަންދެނީ،" އޭނާ ވިދާޅުވި އެވެ.
- އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއް ނަމުގައި ރަޖިސްޓްރީކޮށްފައި ނުވުން.
- އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނު އުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުން. އެކަމަކު މިފަދަ ބައެއް ލިބިފައިވާ ނަމަ އެތަން ދޫކޮށްލުމުން ކުރިމަތިލެވޭނެ.
- ސަރުކާރުން ހަދައިދީފައިވާ ފްލެޓެއް އެމީހެއް ނަން މަތީގައި ރަޖިސްޓްރީކޮށްފައި ނެތުން. މިފަދަ ތަނެއް އޮވެފައި އެތަން ދޫކޮށްލާފައިވާ ނަމަ، އޭގެ ފަހުން ދެ އަހަރު ވެއްޖެ ނަމަ ކުރިމަތިލެވޭނެ.
- މިދިޔަ ދެ އަހަރު ތެރޭ ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޝަރުއީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ މީހަކަށް ވުން.
- އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް މިދިޔަ ދެ އަހަރު ތެރޭގައި މީހަކަށް ދީފައި ނުވަތަ ވިއްކާފައި ވުން.
މި މަހު 25 އިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް މި ގޯތިތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފޯކައިދޫން ގޯތިދޫކުރަން ނިންމިއިރު، އަންނަ މަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާ ގުޅިގެން، ސަރުކާރުން އަންނަނީ އެ ރަށުގައި ވެސް ގިނަ ޕްރޮޖެކްޓުތަކެއް ފަށައި، ހިންގަމުންނެވެ. އެ ރަށުގައި ގޯތިދޫކުރުމުގެ މަސައްކަތް އަވަސް ކުރީ ވެސް ކެމްޕެއިނާ ދިމާކޮށް ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ.
ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ، ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގައި ގިނަ ޕްރޮޖެކްޓުތައް އިއުލާންކޮށް، ބައެއް މަސައްކަތްތައް ބާރު ސްޕީޑުގައި ވެސް ހިންގަމުންނެވެ.
މި ކަންކަމަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވެސް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.