25 ޖެނުއަރީ 2022 - 12:11

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތައް އިތުރުވެފައިވާ އިރު، ރަޝިޔާ އިން ދީފާނެ ހަމަލާއަކުން ޔޫކްރޭން ދިފާއުކުރުމުގެ ގޮތުން، ނޭޓޯގެ ސިފައިންނާއި ބަރު ހަތިޔާރުތައް އިރުމަތީ ޔޫރަޕަށް ފޮނުވަން ފަށައިފި އެވެ.
ނޭޓޯ އިން އިއްޔެ ބުނި ގޮތުގައި އިރުމަތީ ޔޫރަޕަށް ނޭޓޯގެ ސިފައިންނާއި ބަރު ހަތިޔާރާއި މަނަވަރުތަކާއި ފައިޓަރު ބޯޓުތައް ފޮނުވަނީ، ރަޝިޔާއިން އުދުވާނީ ހަމަލާއެއްގެ ދީފާނެ ކަމުގެ ބިރު އުފެދިފައިވާތީ އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔޫކްރޭނަށް އަރައިގަނެވޭހާ ކައިރީގައި ރަޝިޔާގެ އެއް ލައްކައަށް ވުރެ ގިނަ ސިފައިން ބަރު ހަތިޔާރާއެކު މިހާރު ތިބީ ތައްޔާރީ ހާލަތުގަ އެވެ.
ނޭޓޯގެ ސިފައިންނާއި ބަރު ހަތިޔާރުތައް ފޮނުވަނީ، ޔޫކްރޭނާ އިންވެގެން ހުރި ބައެއް ގައުމުތަކަށެވެ. އޭގެ ތެރޭގައި އެސްޓޯނިއާ ލިތުއޭނިއާ ލެތުވިއާ އަދި ޕޮލޭންޑް ހިމެނެ އެވެ. އެ ގައުމުތަކަށް މިހާރު ގޮސް ތިބި ނޭޓޯ ސިފައިންގެ އަދަދު 4000 އަށް އަރާނެ ކަމަށާއި އޭގެ އިތުރުން، ވައިގެ ދިފާއީ ނިޒާމުތަކާއި ޓޭންކުތަކާއި ފާރަލުމަށް ބޭނުންކުރާ އާލާތްތައް ވެސް ހިމެނޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހެންސް ސްޓޯލެންބާގް އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް އިރުމަތީ ޔޫރަޕްގައި ފުޅާކުރަމުންދާ ނަމަ، ނޭޓޯ އަށް ކުރިމަތިވެދާނެ ގެއްލުމަކަށް ބަލައި، ނޭތޯ އިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެ އެވެ. ނޭޓޯގެ ސަލާމަތީ މާހައުލަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން އެ ޖަމާއަތް ދިފާއުކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ 8500 ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. ފުރިހަމަ ހަތިޔާރާއެކު އެ ސިފައިން ތައްޔާރުގައި ތިބީ، ރައީސް ޖޯ ބައިޑެންގެ އަމުރަކާ އެކު، އިރުމަތީ ޔޫރަޕްގެ ކޮންމެވެސް ގައުމަކަށް ދިއުމަށެވެ.
ނަމަވެސް ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި ތައްޔާރީ ހާލަތުގައި ތިބި ސިފައިން ވަކި ސަރަހައްދަކަށް ފޮނުވުމާ މެދު، އެމެރިކާ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
އެމެރިކާގެ އިތުރުން، ޑެންމާކާއި ސްޕެއިނާއި ފަރަންސޭސި ވިލާތުގެ އިތުރުން ނެދަލޭންޑުން ވެސް މިހާރު ދަނީ އިރުމަތީ ޔޫރަޕަށް ސިފައިންނާއި ހަތިޔާރު ފޮނުވުމުގެ ރޭވުންތައް ރާވައި އެކަމަށް ތައްޔާރުވަމުންނެވެ. ޔޫކްރޭނާ އިންވެގެން ނޭޓޯގެ ހަތަރު ގައުމު އޮވެ އެވެ. އެއީ ޕޮލޭންޑް، ސްލޮވޭކިއާ، ހަންގެރީ އަދި ރޮމޭނިއާ އެވެ.