ލޯބީގެ ދާނުގާ
ލޯބީގެ ދާނުގާ

އަންގާރަ ދުވަހެއްގެ ހެނދުނުގެ ދަންފަޅި ފެށިގެން ކުރިޔަށް ދިޔަ ވަގުތެކެވެ. އަހަރެން ހުރީ ކިލާހުގައި ފިލާވަޅުނަގައިދޭށެވެ. އެއީ އަހަންނަށް ފޯނުއަންނަ ވަގުތެއް ނޫނެވެ. އަހަރެންގެ އެއްވެސް އެކުވެރިޔެއް އެ ވަގުތަކު އަހަންނަކަށް ފޯނެއް ނުކުރާނެއެވެ. ޖަވާބުނުދެވޭނެކަން އެނގޭތީއެވެ. ފޯނެއް އަންނަކަމުގެ އިހުސާސްކުރެވުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އެހެންވެއެވެ. ޖީބުން ފޯނު ނަގައިފައި މޭޒުމަތީގައި ބާއްވާކަމަށް ހެދެމުން ވައްކަޅިން ފޯނަށް ބަލައިލީމެވެ. ގުޅަނީ މަންމައެވެ. އަމުދުން މަންމަ އެ ވަގުތަކު ނުގުޅާނެއެވެ. ވަރަށް މުހިންމުކަމެއް ޖެހިގެން މެނުވީއެވެ. ކުދިންނާ މަސައްކަތެއް ހަވާލުކުރުމަށް ފަހު ފޯނު ހިފައިގެން އަހަރެން ބޭރަށް ނުކުތީމެވެ.

"ޒާލިފު ދަރިފުޅާ! ބައްޕަ މަހަށް ގޮސްގެން އުޅެނިކޮށް ވެއްޓިގެން މި އުޅެނީ،" މަންމަ ވަރަށް ހާސްވެފައި ބުންޏެވެ. "ބައްޕައަކަށް ނުވެސް ތެދުވެވޭ. ދޯނި އެބަ އާދޭ ރަށަށް."

އަހަރެން ހުރީ މާލޭގައެވެ. ބައްޕަ އަންނަނީ ރަށަށެވެ. އެ ވަގުތަށް ބަލާ އިރު އަހަންނަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބައްޕައަށް ވީ ގޮތެއް ވެސް ނޭނގެއެވެ. ހަމަ ހުރެފައި ވެއްޓުނީއެވެ. އަހަރެން މިނެޓުން މިނެޓަށް ވާނުވާ ބަލަމުންގެންދިޔައީމެވެ. ބައްޕަ ރަށަށް ގެނެސް ހެލްތު ސެންޓަރަށް ގެންދިޔައެވެ. ޚަބަރުތައް އައީ ކުރުކޮށް، ދޭތެރެ ދުރުކޮށެވެ. ބައްޕައަށް ހާޓުއެޓޭކެއް ޖެހުނީއެވެ. ހަށިގަނޑުގެ އެއް ފަޅި މަސައްކަތެއް ނުކުރެއެވެ. އޭރު އަދި އެއީ ކޮން ފަޅިއެއްކަމެއް ވެސް ނޭނގެއެވެ.

ޖެހިގެން އައި ދުވަހު ބައްޕަ މާލެގެނައީމެވެ. ހޮސްޕިޓަލަށް ގެންދިޔައީމެވެ. ޑަކުޓަރު ބުނި ގޮތުގައި ބައްޕަގެ ނާރެއްގައި ލޭކޮޅެއް ގަނޑުވީއެވެ. ވަރަށް ސީރިޔަސް މައްސަލައެކެވެ. ވައަތްފަޅީގައި އެއްވެސް ވަރެއް ނެތެވެ. ދައްކާ ވާހަކައެއް ސާފެއް ނުވެއެވެ. އަނގައިގެ ވެސް އެއް ފަޅީގައި ވަރު ނެތީމައެވެ. ފިޒިޔޮތެރަޕީ ދިނުން ފިޔަވައި އިތުރަށް ދެވޭނެ ފަރުވާއެއް ނެތެވެ. ބައްޕަގެ އުމުރާ ބަލައިފައި، ބޭރަށް ގެންދާކަށް ވެސް ޑަކުޓަރު ލަފައެއް ނުދިނެވެ. އެދުނީ ގެއަށް ގެންގޮސް ރަނގަޅަށް ބެލެހެއްޓުމަށެވެ. ކުރެވޭނެ ކަންކަމާއި، ވިސްނަންވީ ކަންކަން ޑަކުޓަރު ކިޔައިދިނެވެ.

ބައްޕަގެ ދޮށްޓަށް ތިބެނީ ދެ އަންހެންކުދިންނެވެ. ހަގަށް ދެ ފިރިހެން ކުދިންނެވެ. އަހަންނަކީ އެންމެ ދޮށީ ފިރިހެންކުއްޖާއެވެ. އެހެން ކުދިން މީހުނާ އިނދެ ދިރިއުޅުން ފެށި އިރު ވެސް އަހަރެން އުޅުނީ ކިޔެވުމުގައެވެ. ހަޔާތުގެ ބައިވެރިޔަކާ މެދު ވިސްނައި ނުލެވި، ހުސްހަށިބަޔަށް ހުރެވުނީ އެހެންވެއެވެ. ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނިގެން ކިޔަވަން ބޭރަށް ދިޔައީމެވެ. އަހަރެންގެ ދާއިރާއަކީ ހަދީސް އިލުމެވެ. ކިޔެވީ މިސްރާއި ސައުދީ އަރަބިއްޔާގެ ނަން މަޝްހޫރު ޔުނިވަސިޓީތަކުންނެވެ. ބައްޕައަށް ކުރިމަތިވި ހާދިސާގެ ސަބަބުން ބަލިއެނދުގައި ބައްޕަ އޮށޯތް އިރު އަހަރެންގެ އުމުރުން ބައްތިރީސް އަހަރެވެ.

އަހަރެން ފިޔަވައި އެހެން ހުރިހައި ކުދިން ދިރިއުޅެނީ ގެއިން ބޭރުގައެވެ. ބައެއް ކުދިން ފުރަމާލެއިން ވެސް ބޭރުގައެވެ. ބައެއް ކުދިންގެ ދަރިން ވެސް ތިއްބެވެ. ވީމާ، ހުރިހައި ކަމަކަށް ވިސްނައިފައި ބައްޕަ ބެލުމާ އަހަރެން ހަވާލުވީމެވެ. އެއީ ނިއުމަތެއްކަމާއި ނަސީބެއްކަމުގައި ދެކިގެންނެވެ. ދައްތަމެންނަށް ބައްޕައެއް ނުބެލޭނެއެވެ. ފިރިހެން ކޮއްކޮއަކަށް ވެސް އެ ކަން ފަސޭހައެއް ނުވާނެއެވެ. ބައްޕަގެ ހުރިހައި ޒިންމާއެއް އަހަރެން ނެގީ، އެހެން ކުދިންނާ މަޝްވަރާކުރުމެއް ނެތިއެވެ. އަހަރެންގެ ނިންމުމާ އެކަކު ވެސް ދެކޮޅެއްނަހަދައެވެ. އަހަރެން ބުނީމެވެ. ކޮންމެ ގަޑިއަކު ކޮންމެ ކުއްޖަކު ވެސް ބައްޕަޔާ ވާހަކަދައްކާލަން އަންނާށެވެ. އެކަމަކު އެއްވެސް ކަމެއް ކުރާނެކަމެއް ނެތެވެ. މަންމަ ހުރީ ރަށުގައެވެ. މާލެއަށް އަންނާކަށް މަންމަ ގަސްތެއް ނުކުރެއެވެ. އަހަރެން ކުއްޔަށް އުޅޭ ތަނުގެ ދަތިކަމާއި، ތޮއްޖެހިފައިވާ މާލޭގެ ހާސްކަމުގެ ސަބަބުންނެވެ. މަންމައަކީ ނޭވާގެ މައްސަލަތަކެއް ހުންނަ މީހެކެވެ. މާލެއަށް އައުމާ އެކު، ކޮންމެ ފަހަރަކު ވެސް މަންމަ ވަރަށް ބޮޑަށް ބަލިވެއެވެ.

ބޮޑުކޮޓަރިއަށް އެނދެއް ނެރިފައި ބައްޕަ ބޭއްވީ އެ އެނދުގައެވެ. އަހަންނަށް އެނގެއެވެ. ބައްޕައަކަށް ދެން ގަދަވެގެން ކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެއެވެ. މަސްވެރިކަމެއް ނުކުރެވޭނެއެވެ. ދެފައި މައްޗަށް ތެދުވެ، ހިނގައިއުޅެވުން ވެސް ދުރެވެ. ޑަކުޓަރުން އެހެން ބުނުމުގެ ކުރިން ވެސް އަހަންނަށް އެ ވަރު ވިސްނެއެވެ. އަހަރެންނަކީ މުދައްރިސެކެވެ. ދެ ތަނެއްގައި ވަޒީފާއަދާކުރަމެވެ. ބައްޕަގެ ހަޔާތުގެ ފަހު ދުވަސްތައް ވީހާ ވެސް އުފާވެރިކޮށްދިނުމަށް ޓަކައި، ފައިސާ ބޭނުންވާނެއެވެ. ވަޒީފާއިން ކެނޑުމަކީ އަހަންނަށް އޮތް އިހުތިޔާރެއް ނޫނެވެ.

އަހަންނަށް މާ ގިނަ ގޮތްތަކެއް ނެތެވެ. ވަޒީފާއަށް ދާ ވަގުތު ބައްޕަ ގާތުގައި އިންނާނެ ބިދޭސީއެއް އަހަރެން ހޯދީމެވެ. އޭނަގެ ނަމަކީ މުނީރެވެ. ޖާނުން ވަރުގަދަ މީހެކެވެ. އޭނަގެ ކަމަކީ، ބައްޕަ ގާތުގައި އިނުމެވެ. ބައްޕަ އެކަނިވިޔަ ނުދިނުމަށް ޓަކައެވެ. މުނީރަށް ހަވާލުކުރީ އެންމެ މަސައްކަތެކެވެ. ބައްޕައަށް ކޮންދޭން ޖެހޭ އެހެން ހުރިހައި ކަމެއް ކުރާނީ އަހަރެން ކަމުގައި އަހަރެން ނިންމީމެވެ. އަހަރެން ހިންދަމައިލީ، ކޮނޑުގައި އެޅެނީ ކިހާ ބުރަ މަސްއޫލިއްޔަތެއްކަން އެނގި ހުރެއެވެ. ހިތްވަރާ އެކުގައެވެ.

ހެނދުނު ހޭލާފައި އަހަރެން އެންމެ ފުރަތަމަ ކުރާކަމަކީ ބައްޕަ ސާފުކުރުމެވެ. އެއަށް ފަހު ބައްޕައަށް ސައިދިނުމެވެ. އަހަރެންގެ އެއްވެސް ކަމެއް ކުރަނީ އޭގެ ފަހުންނެވެ. ބައްޕައަކީ އަބަދު ވެސް ސާފުތާހިރުކޮށް ހުންނަން ބޭނުންވާ މީހެކެވެ. ނަމާދަށް ވަރަށް ފަރުވާތެރި މީހެކެވެ. ރަނގަޅަށް ހުރި އިރު، ކޮންމެ މަސައްކަތެއްކުރަން ހުއްޓަސް ނަމާދު ވަގުތު ޖެހުމުން ވީހާ ވެސް ރީތި ފޭރާމެއް ލައި، އަތަރުލައިގެން ދާނީ މިސްކިތަށެވެ. ކަނޑުމަތީގައި ވިޔަސް ނަމާދެއް ގެއްލުނަކަ ނުދޭނެއެވެ. ކަނޑުގަދަޔަސް، ވާރޭވެހުނަސް ވެހެވެ. ދަރިންގެ ދީނީ ބިންގާ ވެސް ބައްޕަ އަޅައިދީފައިވަނީ ލޮޅުން ނާރާނެހާ ވަރުގަދަކޮށެވެ. ނަމާދުއަޅަން އަހަރުމެން ބިރުގަނެއެވެ. ވަގުތުޖެހުމުން ގޭގައި ވިޔަސް ނުވަތަ އިސްކޫލުގައި ވިޔަސް އަހަރެން ނަމާދުކުރަމެވެ.

އެނދުމަތިވެފައި އޮންނަން ޖެހުމުން ބައްޕަގެ އެންމެ ބޮޑު ފިކުރަކަށްވީ ނަމާދުކުރާނެ ގޮތެކެވެ. ބައެއް ދުވަސްދުވަހު، މެންދުރު ނަމާދު ވަގުތަކު އަހަންނަކަށް ގެޔަކަށް ނާދެވެއެވެ. މުނީރުގެ ހަމަ އެކަނި މަސައްކަތަކީ، މެންދުރު ނަމާދަށް ބައްޕަ ވުލޫކޮށްދީ، ރީތިކުރުމެވެ. މެންދުރު ކެއުމުގެ ވަގުތަށް އަހަރެން ގެއަށް އަންނަމެވެ. ހަމަ އެންމެ ދުވަހެއް ވެސް ވައްޓައެއް ނުލަމެވެ. އަހަންނަށް އެނގެއެވެ. އެހެން މީހެއް އަތުން ކެއުމާއި، އެހެން މީހެއް ލައްވާ ފެންވަރުވާކަށް ބައްޕަ ހިތްހަމައެއް ނުޖެހޭނެއެވެ. ކިޔަވަން ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރު އަހަރެންނަށް ކައްކަން ދަސްވިއެވެ. އޭގެ ބޭނުން ވަރަށް ރަނގަޅަށް އަހަރެންނަށް ހިފުނެވެ. ބައްޕައަށް ކާންދެނީ އަހަރެންގެ ދެއަތުން ކައްކައިފައި ހުންނަ އެއްޗެއްސެވެ. ދުވަހަކު ވެސް ހޮޓަލަކުން އެއްޗެއް ނުގެންނަމެވެ. މުނީރުގެ އެހީ ހޯދަނީ އަހަރެން އެކަނި ނުވާ ވަރުގެ ކަމެއް ޖެހުނީމައެވެ. ބައްޕައަކީ އަހަރެންގެ ދަރިޔެކެވެ. އަހަރެންގެ ހިތެވެ. އަހަރެންގެ ފުރާނައެވެ.

ބައްޕަ ދައްކާ ވާހަކަ އޮޅުންފިލަނީ ބައެއް ފަހަރުއެވެ. އެހެންކަމުން ބައެއް އެއްޗިހި ލިޔަން ވެސް ބައްޕައަށް ޖެހެއެވެ. އެ ކަމަށް ހާއްސަ ފޮތަކާއި ގަލަމެއް ގެންގުޅެމެވެ. ބައްޕަ ދުވަހަކު ވެސް އެއަކު ޝަކުވާއެއް ނުލިޔެއެވެ. އަހަރުމެން އެންމެން އެ ކަމާ ހައިރާންވެގެން އުޅެމެވެ. އެ ފަދަ ހާލެއްގައި އޮންނަން ޖެހިގެން ބައްޕަ ކުދިނުކިޔާތީއެވެ. ކާންދޭ އެއްޗެއް ނުބައިވެގެނެއް ބައްޕަ ނޫޅެއެވެ. ކޮށްދޭ ކަމެއް ކަމުނުގޮސްގެނެއް ނޫޅެއެވެ. ބައްޕަ ގިނައިން ލިޔާނީ ކާހިތްވާ މޭވާއާއި ތަރުކާރީގެ ނަންތަކެވެ. ބައެއް ދުވަސްދުވަހު ދައްތަމެން އަންނަ އިރު އަހަރުމެން ތިބެނީ ގޮޅިކުޅޭށެވެ. ގިނައިން މޮޅުވާނީ ބައްޕައެވެ.

ވަރަށް ބޯކޮށް ވާރޭ ވެހުނު ރެޔެކެވެ. މަގުމަތި ފަޅެވެ. ގޭތެރެ ވެސް ފަޅެވެ. އެހެނަސް، ބައްޕައަށް އެ ފަޅުކަން އިހުސާސްވިޔަކަ ނުދެމެވެ. އަހަރެން އޮތީ ބައްޕަގެ އެނދުގައެވެ. ބައްޕަ ދެއްކީ އަހަރެންގެ ކުޑައިރުގެ ވާހަކައެވެ. އަނގައިގައި ވަރު ނުހުންނާތީ، ބައްޕަ ކިޔާ ގިނަ އެއްޗެހި އަހަންނަކަށް އޭރަކު ނޭނގެއެވެ. ގިނަ ފަހަރު އަހަރެން ޖެހެނީ، ދެ އަދަދު އެއްކޮށްގެން ޖަވާބެއް ނެރޭށެވެ. ހީއެއްގެ މައްޗަށް ބުރަވެގެން ވާހަކަދައްކާށެވެ. ބައްޕަ ކިޔާ އެއްޗެހި އަހަންނަށް ސާފުނުވާކަން ބައްޕައަށް އެނގުނަކަނުދެމެވެ. ފަހަރެއްގައި ވެސް ބައްޕަ ހިތުގަޖެހިދާނެތީއެވެ.

"ދަރިފުޅާ! އެބަ އޮތޭ ވާހަކައެއް،" ބައްޕަ ބުނިހެން ހީވީ އެހެންނެވެ. "ކުރީގަ އަބަދު މަހަށް ގޮސް ކަނޑުމަތީގަ އުޅެންޖެހެނީ. ބަރާބަރަށް ނަމާދުކުރެވޭ. އެކަމަކު ބޭނުންވާ ވަރަކަށް ޤުރުއާނެއް ނުކިޔެވޭ. ބައްޕަ މިހާރު ބޭނުންވަނީ އަބަދުވެސް ކިޔަވާލަ ކިޔަވާލާ އޮންނަން. ކިހިނެއް ހަދާނީ؟"

އެއީ ބޮޑުކަމެކެވެ. ޤުރުއާން އަޑުއަހަން ބޭނުން ނަމަ، ވަރަށް ފަސޭހައިން އަހަންނަށް އެ ކަން ކުރެވުނީހެވެ. އެހެނަސް ބައްޕަ ޤުރުއާން ކިޔަވާނީ ކޯޗެއް ބަލައިގެން ހެއްޔެވެ؟ ހަތިމު ހިފާއްޓާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ބައްޕަ އެހާ ބޭނުންވާ ކަމެއް ކޮށްދޭން އަހަރެން ބޭނުމެވެ. އެކި ރައްޓެހިންނާ މަޝްވަރާކުރީމެވެ.

"ތީ މި ޒަމާނުގަ އެއްވެސް ކަމެއް ނޫނެއްނު!" އަނީސް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އައިޕެޑެއް ނޫނީ ޓެބެއް ހޯދާ! ހުންނާނެ އެ ހަރުކުރެވޭ ސްޓޭންޑް. ބައްޕަ އޮށޯވެގެން އޮންނަ އިރު ކޮންމެ ދިމާއަކަށް ވެސް އެ ސެޓުކޮށްލެވޭނެ. ހުންނާނެ ޤުރުއާން އެޕް. އަޅާލާ! ބޭނުމިއްޔާ ޤުރުއާން ޕްލޭ ވެސް ކުރެވޭނެ."

އަނީސްއަކީ ވެސް މުދައްރިސެކެވެ. ބޭރުގައި ކިޔަވަން އުޅުނު އިރު، ފަހު އަހަރު އަހަރުމެން އުޅުނީ އެއްކޮށެވެ.

"ތި ހުރިހާ އެއްޗެއް ވެސް ހޯދިދާނެ،" އަހަރެން ބުނީމެވެ. "އެކަމަކު ބައްޕަ ކިހިނެއް ޓެބާ ކުޅޭނީ؟ އަހަންނަށް ކުޅެން ދަސް ވެސް ކޮށްދެވިދާނެ. އެކަމަކު އެއް ފަޅީގަ ވާގިނެތީމަ.."

އަނީސް ވަރަށް އޯގާތެރިކަމާ އެކުގައި އަހަރެން ބުރަކަށީގައި ފިރުމައިލިއެވެ.

"ކުޑަ ހިތްވަރެއް ކުރަން ޖެހޭނީ،" ފުރަތަމަ ލަފުޒަށް ބާރުލައިފައި އަނީސް ބުންޏެވެ. "ދަރިންނަށް ކިޔަވައިދޭން ބައްޕަ ހޭބޯނާރާ މަސައްކަތްކުރި. މިއަދު މިއޮތީ ދަރިންނާ ޖެހިފަ. އިރާދަކުރެއްވިއްޔާ ޒާލިފަށް އެ ކަން ވާނެ. އަހަންނަށް ގެރެންޓީ."

އެ ދުވަހު ގެއަށް އައިސް އަހަރެންގެ ފޯނު ބައްޕައަށް ދެއްކީމެވެ. ބައްޕަގެ ކަނާއަތުން ފޯނާ ކުޅެވިދާނެތޯ ބެލީމެވެ. ދިމާވީ މުޅީން އެހެން މައްސަލައެކެވެ.

ނުނިމޭ