27 ޖެނުއަރީ 2022 - 06:43

ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ ކޮރެއާގެ "ބޭބީ ޝާކް" ޔޫޓިއުބްގައި ފަހަތަށް ވައްޓައިލުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިކަން ޔަގީންވާ އެއް ކަމަކީ އަހަރުން އަހަރަށް މި ލަވަ ހޯދާ ކުރިއެރުންތަކެވެ. މިހާތަނަށް ޔޫޓިއުބްގައި 10 ބިލިއަން ވިއުސް ހޯދި ހަމައެކަނި ލަވަ އަކީ ވެސް މި އެވެ. އޭގެ ވިއުސް މިހާރު 10.6 ބިލިއަނަށް އަރާފައިވެ އެވެ.
"ބޭބީ ޝާކް" 2016 ގައި ނެރުނު ފަހުން، ވެފައި ވަނީ މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު ކުޑަކުދިންގެ ވީޑިއޯ އަށް ވެސް މެ އެވެ.
މި ލަވައިގެ ކުރިން ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ލިބުނު ވީޑިއޯ އަކީ ލެޓިން އެމެރިކާގެ ފަންނާނު ލުއިޒް ފޮންސީ 2017 ގައި ނެރުނު ލަވަ "ޑެސްޕަސީޓޯ" އެވެ. އޭގެ ވިއުސް މިހާރު އުޅެނީ 7.71 ބިލިއަންގަ އެވެ.
އެ ލަވަ ފާހަގަކުރެވެނީ ޔޫޓިއުބްގައި އެންމެ ފުރަތަމަ ފަސް ބިލިއަން ވިއުސް ހޯދި ލަވައިގެ ގޮތުގަ އެވެ. "ޑެސްޕަސީޓޯ" ގެ ވިއުސް "ބޭބީ ޝާކް" އަށް ވުރެ ދަށަސް، އަދިވެސް އެ ލަވަ އޮތީ ގިނަ ލައިކްސް ލިބުނު ލަވައިގެ ގޮތުގަ އެވެ. އެއީ 47 މިލިއަން ލައިކެވެ. "ބޭބީ ޝާކް" ގެ ލައިކްސް އަކީ 33 މިލިއަނެވެ.
ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ލިބުނު ގަދަ 5 ވީޑިއޯ އަށް ބަލާ އިރު، ތިން ވަނައިގައި އޮތީ 6.12 ބިލިއަން ވިއުސްއާ އެކު ލޫލޫ ކިޑްސްގެ "ޖޯނީ ޖޯނީ ޔޭސް ޕާޕާ" އެވެ. އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" 5.59 ބިލިއަން ވިއުސްއާ އެކީގައި އޮތް އިރު، ފަސް ވަނައިގައި 5.39 ބިލިއަން ވިއުސްއާ އެކު އޮތީ ވިޒް ޚަލީފާގެ "ސީ ޔޫ އެގެއިން" އެވެ.