31 ޖެނުއަރީ 2022 - 06:19

ލިތުއޭނިއާގެ އަންހެނަކަށް އޭނާގެ އުމުރުން އެންމެ 12 އަހަރުގައި ޕޮލެންޑްގެ މީހަކު ފޮނުވި ސިޓީއެއް ބައިގަރުނު ފަހުން ލިބިއްޖެ އެވެ.

"އަހަރެން ހީކުރީ މީހަކު އަހަންނަށް ޖެއްސުން ކުރީ ކަމަށް،" ޖެނޮވެފާ ކްލޮނޮވޮސްކާ ކިޔާ އެ އަންހެން މީހާ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މީގެ 51 އަހަރު ކުރިން، ޖެނޮވެފާ އަށް އެ ސިޓީ ފޮނުވީ އޭނާގެ "ޕެން ފަލް" ނުވަތަ ކާކުކަން ނޭނގި އެކަކު އަނެއްކަކަށް ސިޓީ ފޮނުވާ އުޅުނު ދުވަސްވަރު އޭނާ އަށް ސިޓީ ލިޔެ އުޅުނު މީހެކެވެ. އަތުން ލިޔެފައި އޮތް އެ ސިޓީއާ އެކު ކަރުދާހުން ހަދާފައިވާ ފިނިފެންމަލަކާއި ދެ ބުދު ވެސް އުރައިގެ ތެރޭގައި އޮތެވެ.
އޭނާގެ ސިޓީއާ އެކު، ބައިގަރުނު ކުރިން ފޮނުވި އިތުރު 17 ސިޓީއެއް ފެނުނީ ލިތުއޭނިއާގެ ކުރީގެ ޕޯސްޓް އޮފީހެއް ހިންގި އިމާރާތެއް ތަޅާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވެންޓިލޭޝަން ހޮރެއްގެ ތެރެއިންނެވެ.
އެ އިމާރާތުގެ ވެރި މީހާ، ޕޯސްޓް އޮފީހަށް ގުޅައިގެން މި ސިޓީތައް ރައްދުކުރަން ޖެހޭ މީހުން ހޯދާއި، ހަވާލުކުރި އެވެ. އޭގެ ތެރެެއިން ފެނުނީ އެންމެ ފަސް މީހުންނެވެ. ބައެއް މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާރު ދިރިއުޅޭ ތަނެއް ނޭނގުމުން ބައެއް މީހުނަށް ސިޓީ ނުދެވުނެވެ.
އެ މީހާ ބުނި ގޮތުގައި، 1960ގެ އަހަރުތަކުގެ ފަހުކޮޅާއި 1970ގެ އަހަރުތަކުގެ ކުރީކޮޅު ފޮނުވި މި ސިޓީތައް ވެންޓިލޭޝަން ހޮރެއްގެ ތެރޭގައި ހުރި ކަމަށް ބެލެވެނީ، ޕޯސްޓް އޮފީހުގައި އޭރު މަސައްކަތް ކުރި މީހަކު އެ ސިޓީ އުރަތަކުން ފައިސާ ނުވަތަ އެހެން ވެސް އެއްޗެހި ހޯދުމަށް ފޮރުވާފައި ހުރުމުންނެވެ.
މި ސިޓީތައް ފޮނުވި ދުވަސްވަރު ލިތުއޭނިއާ އޮތީ ސޮވިއެޓް ޔުނިއަންގެ އަތްދަށުގަ އެވެ. އޭރު ލިތުއޭނިއާގައި ދިރިއުޅުނު މީހުންނަށް އޮސްޓްރޭލިއާ އާއި ޕޮލެންޑާ އަދި ރަޝިއާ ފަދަ ގައުމުތަކުގެ މީހުން ސިޓީ ފޮނުވާ އުޅުނެވެ.