"އެންކާންތޯ"ގެ ލަވައަކަށް ބޮޑު ރިކޯޑެއް
"އެންކާންތޯ"ގެ ލަވައަކަށް ބޮޑު ރިކޯޑެއް

ޑިޒްނީ އިން އެންމެ ފަހުން ނެރުނު އެނިމޭޓެޑް ފިލްމު "އެންކާންތޯ"ގެ އޮރިޖިނަލް ލަވަ "ވީ ޑޯންޓް ޓޯކް އަބައުޓް ބްރޫނޯ" ބިލްބޯޑް ޗާޓުގެ އެއް ވަނައިގައި ހިމެނި ބޮޑު ރިކޯޑެއް ލިބިއްޖެ އެވެ.

މި ފަހުގެ ތާރީހެއްގައި ޑިޒްނީގެ އެނިމޭޓެޑް ފިލްމަކުން ބިލްބޯޑް ޗާޓުގެ އެއް ވަނަ އަށް އައި މިއީ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބިލްބޯޑްގެ އެންމެ މައްޗަށް ގޮސްފައި ވަނީ މަޝްހޫރު އެނިމޭޓެޑް ފިލްމު "ފްރޯޒެން"ގެ "ލެޓް އިޓް ގޯ" އެވެ. އެ ލަވަ އެންމެ މައްޗަށް އަރާފައި ވަނީ ބިލްބޯޑްގެ ހޮޓް 100ގެ ފަސް ވަނަ އަށެވެ. ނަމަވެސް އެންކާންތޯ މިވަނީ އެ ރެކޯޑު ވެސް މުގުރާލައިފަ އެވެ.

އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން ބިލްބޯޑް ހޮޓް 100ގެ އެއް ވަނައިގައި އެންމެ ފަހުން ހިމެނުނީ 1993 ގައި ނެރުނު "އަލާޑީން"ގެ ލަވަ "އަ ހޯލް ނިއު ވޯލްޑް" އެވެ.

މިދިޔަ އަހަރު ފަހުކޮޅު ނެރުނު އެންކާންތޯ އަކީ ވަރަށް ގިނަ ބަޔަކަށް ސަޅިވި ފިލްމެކެވެ. ކޮލަމްބިއަން އާއިލާއެއް ދައްކާ މި ފިލްމަކީ ޑިޒްނީގެ ކެރެކްޓަރުންގެ ޑައިވާސިޓީ އިތުރުކޮށްދިން ވަރުގަދަ ފިލްމެކެވެ.