އެމެރިކާ އުޅެނީ ހަނގުރާމައަކަށް ރަޝިޔާ ގެންދަން: ޕުޓިން
އެމެރިކާ އުޅެނީ ހަނގުރާމައަކަށް ރަޝިޔާ ގެންދަން: ޕުޓިން

މޮސްކޯ (ފެބްރުއަރީ 2) - ޔުކްރޭން މައްސަލައިގައި އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ ހަނގުރާމައަކަށް ރަޝިޔާ ގެންދަން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ތުހުމަތު ކުރައްވައިފި އެވެ.

ޔުކްރޭން މައްސަލައިގައި އެމެރިކާ އާއި ރަޝިޔާގެ ބަހުގެ ހަމަލާތައް ކުރިއަށްދާތާ އެތައް ހަފުތާތަކެއް ފަހުން ޕުޓިން ދެއްވި ފުރަތަމަ ކޮމެންޓުގައި ވިދާޅުވީ އެމެރިކާގެ މަގްސަދަކީ ކުރިމަތިލުމަކަށް ގޮސް ރަޝިޔާއާ ދެކޮޅަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ޔޫރަޕުގައި ނޭޓޯއާ މެދު ރަޝިޔާގެ ހުރި ކަންބޮޑުވުންތަކަށް އެމެރިކާ އިން އަޅާނުލައި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަ އޯބަންއާ އެކު މޮސްކޯގައި ބޭއްވި ބައްދަލުވުމަކަށް ފަހު ޕުޓިން ވިދާޅުވީ ޔުކްރޭނުގެ ސަލާމަތާ މެދު އެމެރިކާ ކަންބޮޑުވާހެން ހީނުވާ ކަމަށެވެ. އެކަމަކު އެމެރިކާގެ ބޭނުމަކީ ރަޝިޔާގެ ކުރިއެރުން ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.

ޔުކްރޭން މައްސަލައިގައި މަސްރަހު ހޫނުވެފައި ވަނީ އެ ގައުމުގެ ބޯޑަރަށް ރަޝިޔާގެ 100،000 ސިފައިން ޖަމާކުރުމާ ގުޅިގެންނެވެ. އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިޔާ އިން އުޅެނީ ޔުކްރޭނަށް އަރައިގަންނާށެވެ. ނަމަވެސް މޮސްކޯ އިން އެކަން ދޮގުކުރެ އެވެ.

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިޔާ އިން އެ ގައުމަށް އަރައިގެންފި ނަމަ އެއީ ހަމައެކަނި ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމައަކަށް ނުވާނެ ކަމަށާއި އެއީ މުޅި ޔޫރަޕުގެ ހަނގުރާމައަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނޭޓޯ އިރުމައްޗަށް އިތުރަށް ފުޅާކުރުމުގައި ރަޝިޔާގެ ހުރި ކަންބޮޑުވުންތަކާ މެދު އެމެރިކާ އިން އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ޕުޓިން ވިދާޅުވި އެވެ. ނޭޓޯގައި ޔުކްރޭން ބައިވެރި ކުރަން ރަޝިޔާ ދެކޮޅެވެ.