04 ފެބުރުއަރީ 2022 - 20:30

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދިނުމާ އެކު، މައްސަލާގައި ހިމެނޭ ދުވަސްވީ ދެ މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް މިއަދު ދީފި އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައިގައި މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި، މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ މުހައްމަދު ވަހީދު، 65، އާއި ސ. ހިތަދޫ، މޫސާ ފަތުހީ، 55، ގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިން 10 ދުވަސް ހަމަވެގެން މިދިޔަ މަހު ވެސް 15 ދުވަސް އިތުރުކޮށްދިނެވެ.
މިއަދު ބަންދު އިތުރުކޮށްދީފައި ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރުމުން އެކަމަށް ރިއާޔަތްކޮށްފަ އެވެ.
ހިއުމަން ޓްރެފިކިންގެ މި މައްސަލައިގައި އަނިޔާ ލިބުނު މީހުން ދައުލަތުގެ ހިމަޔާތުގެ ދަށުގައި ތިއްބާ އެ މީހުންނާ މުއާމަލާތުކުރަން މި ދެ މީހުން ވެސް މަސައްކަތް ކުރި ކަމަށް ބެލެވޭ ހެކި ކޯޓަށް ފުލުހުން ކުރިން ހުށަހެޅި އެވެ.
މި މީހުންގެ ބަންދު އިތުރުކޮށް އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ނެރުއްވި އަމުރުގައި ވަނީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހާގެ ސިއްހަތަށާއި މިހާރު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ބަންދުގައި ބެހެއްޓުމަށާއި ހަމަޖެހިފައިވާ އުސޫލުތަކުން ދަށުން އޭނާއަށް ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް އަންގަވައިފަ އެވެ.
ވަހީދު ކޯޓުގައި ކުރިން ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރަނީ ތިން ވަނަ ފަރާތަކާއި އޭނާއާ އޮންނަ ގުޅުމެއްގެ ސަބަބުން ކަަމަށާއި، އޭނާ އަކީ އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގޭ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ ފަރާތުން ބިދޭސީން ގެނެސްފައިވާ ޕޯޓަލް ބަލަހައްޓަމުން ދިޔައީ އެހެން މީހެއް ކަމަށް ބުނެފައިވެ އެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަ ބަލިތަކަކަށް ފަރުވާ ހޯދާ ކަމަށް ބުނެ އޭރު އޭނާ އެދިފައި ވަނީ ބަންދުން ދޫކޮށްލުމަށެވެ.
އެކަމަކު ވަހީދަކީ މި ބާވަތުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާ ޝަރުތުތަކަކާ އެކު ވެސް ދޫކޮށްލުމަށް އޭރު ވެސް ފުލުހުން އިއުތިރާޒުކުރާ ކަމަށް ކޯޓުން ބުނެފައިވެ އެެވެ.
ފަތުހީގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ބުނެ އޭނާގެ ދިފާއުން ބަންދަށް ލުޔެއް ދޭން ވެސް އެދިފައިވަނިކޮށް ތިން ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ޖެހިއިރު މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ މި މީހުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިކަމެއް އޮވެދާނެތީ ކަމަށް ގާޒީ ވިދާޅުވެ އެވެ.
މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި ފުލުހަކާއި ބިދޭސީއަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. މި މައްސަލާގައި ހިމެނޭ ފުލުސް ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.