17 ޑިސެމްބަރ 2016 - 17:30

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕްރޮސިކިއުޓަރުން ތަމްރީން ކުރުމަށް ޗައިނާ އިން އެހީ ހޯދުމަށް ނިންމައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި މި މަޝްވަރާ ކުރިއަށް ގެންދިޔައީ، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުގައި، ޔުނާން ޕްރޮވިންސްގެ ސުޕްރީމް ޕީޕަލްސް ޕްރޮސިކިއުރެޓޮރެޓް އޮފް ޕީޕަލްސް ރިޕްބްލިކް އޮފް ޗައިނާގެ ސްޓޭންޑިން ކޮމިޓީގެ އިސް ބޭފުޅަކާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން އޮތީ، ޗައިނާގެ ކުންމިންގައި މިހާރު ކުރިއަށް ގެންދާ ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގެ ހަވާސާގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ޕްރޮސިކިއުޝަންގެ ދާއިރާ އިން މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާ އިން މައުލޫމާތު ބަދަލުކޮށް ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ޕްރޮސިކިއުޓަރުންނަށް ތަމްރީން ދިނުމުގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.