ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން
ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން

ތިމާ ހުންނަ ސިފައަކާ ގުޅުވައިގެން ނުވަތަ އުޅޭ އުޅުމަކާ ގުޅުވައިގެން ބަޔަކު މީހުން ރަށު ތެރޭގައި ބުހުތާނު ފަތުރައި، އެ މަރުދޮގު، ތެދު ހަގީގަތްހެން ހީވާ ވަރަށް ވިއްކައި، ކައްކައި މުޅި ރަށުގައި ތިމާގެ އަގު ވައްޓާލައިފި ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން
ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން

ޝަމްޢާ އިބްރާހިމް (ޝައްމަ) އޭނާގެ އުމުރުން 37 އަހަރުގައި ދިވެހި ކޮންމެ އަންހެނެއްގެ 'ހުވަފެނީ ލައިފްސްޓައިލަކަށް' މިއަދު ހޭލައި ބުރު ހަމަކުރަމުން ދިޔައަސް މީގެ އަހަރުތަކެއް ކުރިން އެ ހަޔާތުގައި މި އައްޔާއި ހިތްވަރާއި ބާރެއް ނެތެވެ. އާ ދުވަހެއް ފަށާނެ ގޮތް ނުވަތަ އާ ފެށުމެއް ފަށާނެ ގޮތް އޭނާ މިއަދު ދިރިއުޅުމުގެ ތަރުތީބުން ނުވަތަ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްލާ އެންމެ ޕޯސްޓަކުން އެތައް ސަތޭކަ ބަޔަކަށް ތަމްސީލުކޮށްދެމުން އަޔަސް އަޑިގުޑަނާއި ގޮންޖެހުމާއި ހިއްޗަކީ އޭނާގެ ކުރީގެ ދިރިއުޅުމުގެ ކޮންމެ ދުވަހެކެވެ. އެކަމަކު އެ ހާސްކަމާއި އަނދިރިކަމުގެ ހަޔާތަށް އޭނާ ގެންގޮސް އެއްލައިލީ އެވަރުގެ ވަކި ކޮން ކަމެއް ހެއްޔެވެ؟

ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން
ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން

އޭނާގެ ސިފައެވެ. ސިފަތަކެވެ. ނުވަތަ ކަމެއްގެ ކަން އޮތް ގޮތް ނުބަލައި ލޮލަށް ފެނުނު މަންޒަރަކަށް ބަޔަކު 'މެތުރި' ވާހަކައެވެ.

ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން
ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން

"އޭރު އަހަރެން ހުންނާނީ ވަރަށް، ވަރަށް ހިކިކޮށް. ސާޅީހަކަށް ކިލޯ ބަރުދަނުގައި ހަމަވަނީ ކިރިޔާ. ދެން ނުފެނި ދުވަސްކޮޅެއް ވެފައި ފެންނައިރަށް މީހުންތައް ކިޔަން ފަށާނެ ކަލޭ ހާދަ ހިއްކޭ. ބައެއް މީހުން އަހާ އާ ޔޫ އޮން ޑްރަގްސް ހެއްޔޭ ވެސް،" ފުރާވަރަށް އަރައިގެން ނިމެން ދިޔައިރު ބޮލުތެރޭގައި މަޑުމަޑުން ހާސްކަމާއި ބިރުވެރިކަން އުފައްދަން ފެށި ސަބަބުތައް ކިޔައިދެމުން ޝައްމަ ބުންޏެވެ.

ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން
ޝައްމަގެ ޝަމްސުތަރި: އަނދިރި އެތައް ސަފުހާއެއްގެ ތެރެއިން

"އަހަރެންގެ ހަށިގަނޑު ހިކި، އަންނަމުން ދިޔަ ބަދަލުތަކާ ގުޅުވައިގެން ބައެއް މީހުން ދެއްކި، ފެތުރި ވާހަކަތައް މިގޮތަށް މިހާރު ކިޔައިދޭކަށް ވެސް ބޭނުމެއް ނޫން. އެކަމަކު އެ ދޮގު ފެތުރިގެން ދިޔައީ އެންމެފަހުން އަހަރެންގެ ސިކުނޑިއަށް ވެސް އެއީ ތެދުކަން ހީވާ މިންވަރަށް."

ކިޔަވަން ގޮސް ސްރީ ލަންކާގައި ހުއްޓައި ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކާ އެކު މީހުން ފަތުރަން ފެށި އެކި ވާހަކަތައް ޝައްމަގެ ބޮލަށް ރަނގަޅަށް ސަވާރުވެ، އޭނާގެ ނޫކަށިފުރައިގެ ރޫހާއި ފޯރި މަރައި ކުދިކޮށް، އެތިކޮޅުތަކުން ކާން ފެށީއެވެ. އެންޒައެޓީ އާއި އޯސީޑީގެ އަލާމާތްތަކާ އެކު އޭނާގެ މައުސޫމު ދުނިޔެ އެއްކޮށް އެހިސާބުން ބަދަލުވެގެން ދިޔައީއެވެ.

އޭރު އޭނާ އަކަށް ރަނގަޅަކަށް ނުކެވެއެވެ. ހަމަ އެކައްޗެއް ވެސް ހަށިގަނޑު ތެރެއަށް ނުދިރުވެނީއެވެ. އަބަދު ހޮޑުލަވަނީއެވެ. ހާސްވަނީއެވެ. ހަމަ ނިދި ވެސް ނުލިބެނީއެވެ. ބަރުދަން ހިފެހެއްޓުމެއް ނެތި ވެއްޓުނީއެވެ. އެކަމަކު އޭނާގެ މި ތަސްވީރު ބަލަން ދުރުގައި ތިބި ދިވެހިން ބުނީ އަހަރެމެން ދިވެހިން އަބަދުވެސް ބުނާ ވާހަކައެކެވެ.

'އެއީ ބޯ ކުއްޖެކެވެ.'

އެކަމަކު ހިތާމައަކީ، ހަގީގަތް ނުބަލައި މީހުން ފެތުރި އެ ވާހަކަތައް ދެން ތިބި ބަޔަކު 'ހަގީގަތަށް ހަދަމުން' ދިޔައިރު ވެސް ޝައްމަ އަށް ދިމާވަމުން ދިޔަ މައްސަލައިގެ އަސްލު އޭނާ ބެލި ޑޮކްޓަރުންނަށް ވެސް އެންމެ ފުރަތަމަ ނުހޯދުނުކަމެވެ.

"މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާތީ އެކި ޓެސްޓްތައް ވެސް ހެދިން. އެކި ގޮތްގޮތަށް އެކި މީހުން ދައްކަމުން ދިޔަ ވާހަކަތަކުގެ އަސަރު ހުރީ ވަރަށް ބޮޑަށް ކޮށްފައި މުޅި މީހާ އަށް،" ޝައްމަ ކިޔައިދިނެވެ.

"ލަންކާގައި ވެސް ވަރަށް ގިނަ ހޮސްޕިޓަލްތަކަށް ޑޮކްޓަރުންނަށް ދައްކައި ޓެސްޓް ވެސް ހެދިން
އެކަމަކު އެއްވެސް ބަޔަކަށް ނުހޯދުނު އަހަރެންނަށް އެހެން ދިމާވަމުންދިޔަ ސަބަބެއް. ދެން ބަދަލުވީ އިންޑިއާ އަށް. އެކަމަކު ދެން ވެސް އެ މައްސަލަ ހައްލުވާ ގޮތެއް ނުވި."

"ހަމަ އެއްޗެއް ކާ އިރަށް ހޮޑުލަވަނީ. ނުވެސް ނިދެނީ. ބައެއް މީހުން ބުނޭ ގޭހުގެ މައްސަލައެކޭ ވެސް. އެގޮތަށް އެކި މީހުންނަށް ދައްކަމުން ގޮސް ޑޮކްޓަރަކު އިރުޝާދު ދިނީ ގައިނީއަކަށް ދައްކަން."

ތަހުލީލުތަކަށް ފަހު އެ ޑޮކްޓަރު ބުނީ ޝައްމަގެ މައްސަލައަކީ ޕީސީއޯއެސް ނުވަތަ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ކަމަށެވެ. މި ނަތީޖާ ވެގެން ދިޔައީ ޝައްމަގެ ހަޔާތަށް ފުދޭވަރަކަށް ވުރެ ބޮޑު ހިތްހަމަޖެހުމަކާއި ބަދަލުތަކެއް ގެނެސްދިން ކަމަކަށެވެ. ޑޮކްޓަރު ދިން ހަ މަސް ދުވަހުގެ ބޭސްތަކާ އެކު އޭނާގެ ދިރިއުޅުމުގެ މުޅިން އައު ޗެޕްޓާއެއް ފެށުނީއެވެ.

"އިރާދަކުރެއްވިއްޔާމު، އެ ބޭސްތައް ނަގަން ފެށި ފަހުން، ކުރިން ދެ އަހަރާއި ބައި ވަރު ވަންދެން އެ އުޅުނު އުނދަގޫތަކުގައި އުޅޭކަށް ނުޖެހޭ. ވަގުތުން އެ ހުރިހާ އުނދަގޫތަކެއް ހުއްޓި ހޮޑުލެވުން ހުއްޓި، ކާހިތްވެ ގިނަގިނައިން ކުއްލިއަކަށް ކެވެން ފަށައިފި،" ޝައްމަ ކިޔައިދިނެވެ.

"އެ ބޭސްތައް ކާން ފެށި ފުރަތަމަ މަހުން ފެށިގެން އޭގެ ބަދަލު ފެނި ނަތީޖާ ފެންނަން ފަށައިފި ވަގުތުން. ހޮޑުނުލެވި ކެވެންފެށީމަ އިތުރަށް ކާހިތްވެ، އަނެއްކޮޅުން އިންޑިއާގައި އުޅެމުން އެތަނުގެ މީރު ކެއުންތައް ލިބި، ކެވި، ބިރިޔާނީ އާއި ބަޓަކިޗަން އާއި ޖެހުނު ކޮންމެ އެއްޗެއް ވެސް ކަމުން ގެންދިޔައީ ދެން،" އޭނާ ބުންޏެވެ.

"ކުއްލިއަކަށް ބަރުދަން ސާޅީހުގައި ހުރެފައި ފަސްދޮޅަހުން މައްޗަށް އަރައިފި."

ކުއްލިއަކަށް 'ފަލަވަމުން' ދިޔަ ޝައްމަ ފެނުމުން ދެން މީހުން ބުނަން ފެށީ 'ކަލޭ މިހާރު ހާދަ ފަލަވެއްޖެޔޯ' އެވެ. އެކަމަކު ކުރިން އެ ނެގެޓިވް ހިޔާލުތަކާއި 'ޖަޖުމެންޓަލް ކޮމެންޓްތަކުން' ދިން ހަމަލާތަކުގެ އެއްވެސް އަސަރެއް ފަހަކުން ޝައްމަގެ ހަޔާތަކަށް ނުކުރިއެވެ.

އެކަމަކު އަބަދުވެސް އުސްގަނޑަކަށް ފަހު އަޑިގަނޑެއް އާދެއެއް ނޫން ހެއްޔެވެ؟

ބިޒްނަސް މެނޭޖުމަންޓްގެ ދާއިރާއިން ކިޔަވައިގެން މާލެ އެނބުރި އައިސް ވަޒީފާއަކަށް ދާން ފަށައިގެން އަމިއްލަ ދިރިއުޅުން ކޮނޑަށްލީތަނުން އޭނާގެ މަންމަ އަށް ހާޓްއެޓޭކެއް ޖެހިއްޖެއެވެ. އެހިސާބުން އޭނާގެ ބޮލަށް ހީވީ އަނެއްކާވެސް 'ދުނިޔެ ވެއްޓުނު' ހެންނެވެ.

ޝައްމަގެ ދިރިއުޅުމަށް ލިބުނު ކުރިއެރުން އެހިސާބުން އަނެއްކާވެސް ކުރުކޮށްލަން މަޖުބޫރުވިއެވެ. ނުވަތަ ހާލަތު އަނެއްކާވެސް އިދިކޮޅަށް ބަދަލުވެނިމިއްޖެއެވެ. ހާސްކަން އެނބުރި އައިސް ނިދިނަގައިލައި އަލުން އަނެއްކާވެސް ވަރުބަލިކޮށް ލޮޑުކޮށްލިއެވެ.

"މާލެ އަށް އެނބުރި އައިސް ވަޒީފާ އަށް ދާން ފެށީމަ އަހަރެންނަށް ފުރަތަމަ ފަހަރަށް އިހުސާސްވީ އަހަރެން ވެސް ވަރަށް އަންފިޓްކަން. އެ ފިކުރުގައި އުޅެނިކޮށް މަންމަ އަށް ހާޓްއެޓޭކެއް ޖެހުނީ. ދެން އަނެއްކާވެސް މެންޓަލީ ވަރަށް ބޮޑަށް ބަލިކޮށްލި،" މަންމަގެ ތިބި ދެ އަންހެން ކުދިންގެ ތެރެއިން ދޮށްޓަށް ހުރި ޝައްމަ ކިޔައިދެމުންދިޔައެވެ.

"މަންމަ ގޮވައިގެން އެކަނި އިންޑިއާ އަށް ގޮސް އެ ހުރިހާ ކަންތައްގަނޑެއްގެ ތެރޭގައި އުޅެ އެނގުނު އެކި ކަހަލަ މައުލޫމާތުތަކާ ހެދި ދެން ހިތަށް އަރަން ފެށީ އަހަރެން ވެސް އެހާ އަންފިޓް ނަމަ ނުރައްކަލެއް ކުރިމަތިވެދާނެއޭ."

"ދެން ހަމަ ހާސްވަނީ."

"ޑޮކްޓަރު ކިޔައިދިން އަލާމާތްތައް މަންމަގެ ފަރާތުން ވެސް ފެނުނު ހާޓްއެޓޭކް ޖެހުމުގެ ކުރިން، ދެން އަހަރެން ހިތަށް ވެސް އަބަދުވެސް އަރަން ފެށީ އަހަރެން ބަލިވަނީއޭ. މިސާލަކަށް ޗެސްޓް ޕެއިންއެއް ދިމާވިޔަސް، ހާސްވާން ފެށީ، ބިރުގަންނަނީ."

"ދެން ކާޑިއޯލޮޖިސްޓަކަށް ވެސް ދެއްކިން، ޑޮކްޓަރު ބުނީ އެއީ އެންޒައެޓީ ހުންނާތީ ހާސްވާ ހާސްވުމެކޭ."

މި ހާސްކަމުގެ ތެރެއިން ޝައްމަ މަޑުމަޑުން ދާން ފެށީ ޔޯގާ ކްލާސްތަކަށާއި ދުވުމުގެ ސެޝަންތަކަށެވެ. ކުރިން އެއްވެސް ވަރަކަށް ކަސްރަތުގެ ތެރޭގައި އުޅެފައި ނެތަސް މަޑުމަޑުން އެކަން ލައިފްސްޓައިލަކަށް ބަދަލުވާން ފެށީއެވެ. ގަވާއިދުން ކެއުމާއި ނިދުމާއި ކެއިންބުއިމުގައި ސިއްހަތަށް ފައިދާހުރި މުހިންމު ބާވަތްތައް ހިމެނުން އާދަކުރަން ފެށީއެވެ.

އެކަމަކު ދެން ވެސް، ދިރިއުޅުން ދިޔައީ ޝައްމަ އަށް ކޮންމެ ދުވަހަކުވެސް އިންޒާރު ދެމުން ގޮންޖަހަމުންނެވެ. ހަޔާތަކީ ކެއްސެއްހެން ހީވާ މިންވަރަށެވެ.

"އެހެން އުޅެމުން ދަނިކޮށް މަންމަ އަށް ހާޓްއެޓޭކެއް ޖެހުނުތާ ދެ އަހަރު ފަހުން ބައްޕަ އަށް ހާޓްއެޓޭކެއް ޖެހިއްޖެ،" ޝައްމަ ބުނެލިއެވެ.

"އެއަށް ފަހު އަނެއްކާވެސް ބައްޕަ އަށް ހާޓްއެޓޭޓެއް ޖެހިއްޖެ."

މި ހުރިހާ ހާލަތަކާއި ގޮންޖެހުމެއް އޭނާ އަށް މަގުކޮށައިދިނީ މިއަދު އޭނާ ވިދައިބަބުޅަމުން އަންނަ މައިދާނަށެވެ. ދިރިއުޅުން އޭނާއާ ދިމާލަށް އެއްލި ހުރިހާ ކެއްސަކާއި މީހުންގެ އެ ހުރިހާ 'ކެއްސުމެއް' އޭނާ ބަދަލުކުރީ ޕޮޒިޓިވް އެނާޖީއަށެވެ. ހެލްދީ ލައިފްސްޓައިލަކަށެވެ.

"އެންމެ ފުރަތަމަ ވަރަށް ސްލޯ ސްޓެޕްސްތަކެއް ނަގަން ފެށީ ދުޅަހެޔޮ ސިއްހަތަކާއި ދިރިއުޅުމަކަށް. އޭގެ ސަބަބުން ވެސް ފަސޭހަތައް އިހުސާސްވާން ފެށި ދުވަސްތަކެއް ނުކޮށް. ވަރުބަލިނުވެ، އެކްޓިވްކޮށް މަސައްކަތްކުރަން ފަސޭހަވުން ކަހަލަ ކަންކަން ވާން ފެށި،" ޝައްމަ ކިޔައިދިނެވެ.

"ދެން އަހަރެން ވަޒީފާ އަދާކުރަން ފެށީ މީރާގައި. އެތަނަކީ ވަރަށް ބިޒީ އޮފީހެއް. އެ ބިޒީ ލައިފްސްޓައިލްވީ ފިޓްނަސްގެ ތެރެއަށް އިތުރަށް ވެއްދި ބާރަކަށް."

"އޭރު ޖޮބް ނިންމާ ގޮތަށް، މި ބުނަނީ ހެނދުނުން ފަށައިގެން ހަވީރު ފަހެއް ޖަހަން ދެން އޮފީހުގައި އުޅެފައި، ގެއަށް ގޮސް އިތުރު ރެސްޓެއް ނުކޮށް އަހަރެން ދާނީ ޗޭންޖުކޮށްލައިގެން ދުވަން. އެކަނި ދާނީ ވެސް."

"ދުވެލުމަކީ މުޅި ދުވަހުގެ މަސައްކަތަށް ފަހު ލިބޭ ވަރަށް ބޮޑު ތެރަޕީއެއް. ބައެއް މީހުން ދުވަން ދަނީ ހިކެން، އެކަމަކު އަހަރެންނަށް ދުވުންވީ ވަރަށް ތެރަޕިއުޓިކް ކަމަކަށް. އޭގެ ނަފުސާނީ ފައިދާތަކެއް ކުރަން ފެށި ކަމަކަށް."

ކިތަންމެ ބުރަކޮށް އުޅެމުން ވެސް ޔޯގާ އާއި ދުވާ ސެޝަންތައް އޭނާ އޭރު ކަޓުވަލެއް ނުލައެވެ. އޮފީސް ކަޓުވާލިޔަސް ގަވާއިދުން ދުވަން ދާން އާދަވެ ފިޓްނެސްގެ ތެރެއަށް ހަމަ ރަނގަޅަށް ގޮސް ވަދެވުނީއެވެ. އެންމެފަހުން ހަޔާތުގެ ބައިވެރިޔަކަށް ބަދަލުވި ފިރިމީހާ ވެގެން ދިޔައީ ޝައްމަގެ ދިރިއުޅުމަށް ޝަމްސު ތަރި އެރުން ކަހަލަ ކަމަކަށެވެ.

"ފިޓްނެސްގެ ތެރެއަށް ވަނުމުން ވަރަށް ގިނަ ކަންކަން ހައްލުވެގެން ދިޔަ. ބޭހުން ފަރުވާ ނުލިބޭ ވަރަށް ގިނަ ކަންކަން ފަސޭހަވިކަމުގެ އިހްސާސްކުރެވުނު. ނިދި ހަމަޖެހި ހަމަ ނިދި ލިބެން ފެށި ވަކިން ހާއްސަކޮށް ކަސްރަތުކޮށް ގަވާއިދުން ދުވަން ފެށިފަހުން،" ޝައްމަ ކިޔައިދިނެވެ.

މިއަދު ޝައްމަ އާއި އޭނާގެ ފިރިމީހާ، އެމީހުންގެ ވިޔަފާރި ޕާޓުނަރަކާ އެކު މާލޭގައި ހިންގާ 'ރޭޖު' ޖިމަކީ ހަޔާތުގެ އަނދިރި ދުވަސްތައް ފޮޅާލައި ނުކުތުމަށް ބޭނުންވާ އެންމެނަށް އޭނާ ރޯކޮށްފައިވާ އަލިގަދަ ދަންމަރެކެވެ. ޝައްމަގެ ލައިފް ބަދަލުކޮށްލި ފޯމިއުލާއެވެ.

"ކޮންމެ މީހެއްގެ ލައިފް ވެސް ޝޭޕްވާނީ އެ މީހަކަށް ދިމާވާ ކަންތައްތަކާ ހެދިގެން،" ޝައްމަ ބުނެލިއެވެ.
އޭނާގެ އަޑުގައި ވަނީ ނުގުޑާފަދަ ގަދަ އަޒުމެކެވެ.

"ބުނެލަން ބޭނުންވަނީ ވީހާ ވެސް ބޮޑަށް އަމިއްލަ ހެލްތު، ފިޓްނެސް އަށް އިސްކަން ދޭށޭ. އަމިއްލަ ފިއުޗާ އަށް ވިސްނާނީ އަމިއްލަ އަށޭ. އިތުރު އެހެން މީހަކު ތަބަކަށް ލައިގެން ގެނެސްނުދޭނެއޭ."

"ހާޓްބްރޭކްވާނެއޭ އަބަދުވެސް އެކަމަކު އަމިއްލަ މީހާ ހިތްވަރު ހޯދާ އެންމެ ބޮޑު ހީރޯއަކަށް އަމިއްލަ މީހާ ވާށޭ ބުނެލަން ބޭނުންވަނީ. އަހަރެންނަކީ ވެސް ލައިފުގައި ކުރިން އެއްވެސް އަމާޒެއް ގޯލެއް ނެތް މީހެއް."

އެކަމަކު މިއަދު އެ ދިރިއުޅުން އޭނާ އެއްކޮށް ބަދަލުކޮށްފިއެވެ. އެ ދިރިއުޅުން އޭނާ ބަދަލުކޮށްލި ގޮތަށެވެ.
އެހެންވީމަ ބުނެބަލާށެވެ!

ތިމާ ހުންނަ ސިފައަކާ ގުޅުވައިގެން ނުވަތަ އުޅޭ އުޅުމަކާ ގުޅުވައިގެން ބަޔަކު މީހުން ރަށު ތެރޭގައި ބުހުތާނު ފަތުރައި، އެ މަރުދޮގު، ތެދު ހަގީގަތްހެން ހީވާ ވަރަށް ވިއްކައި، ކައްކައި މުޅި ރަށުގައި ތިމާގެ އަގު ވައްޓާލައިފި ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އެ ހަޔާތް ތަބަކަށް ލައިގެން ގެނެސްދެންދެން މަޑުކުރާނެ ކަމެއް ނެތެވެ.