14 މެއި 2017 - 09:16

މެޑްރިޑް (މެއި 14) - ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމުގައި ދެމި ހުރެވޭނީ ކާމިޔާބު ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މި ފަހަރުގެ ސީޒަނުގައި ސްޕެނިޝް ލީގުގެ ކުރީގައި ރެއާލް އޮތްއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދައިފަ އެވެ. ރަފައެލް ބެނިޓޭޒް މަގާމުން ދުުރު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒިދާން އެ ޓީމާ ހަވާލުވި ފަހުން އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ ޒިދާނަށް އިތުރު އެއްބަސްވުމެއް ދޭން ނިންމައިފަ އެވެ. ޒިދާން ބުނީ މަގާމުގައި ދެމި ހުންނަން އޭނާ ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި ރެއާލަށް ކުޅެފިން. ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް މި ކުރަނީ. އަހަންނަށް އެނގޭ އެއްޗަކީ މި ޓީމަށް ހުރިހާ ވެސް އެއްޗަކީ މޮޅު. ކޯޗެއްގެ ގޮތުގައި އަހަންނަށް ހުރެވޭނީ ކާމިޔާބު ހޯދައިދީގެން،" ޒިދާން ބުންޏެވެ.
ލީގުގައި ބާކީ އޮތް ތިން މެޗުން ޗެމްޕިއަކަން ކަށަވަރުކުރަން ރެއާލަށް ބޭނުންވަނީ ހަތް ޕޮއިންޓެވެ. ބާސެލޯނާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 84 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 35 މެޗުން 84 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ މި ވަގުތު ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވައިދަށް ބަލައިގެންނެވެ.
ޒިދާން ބުނީ އޭނާގެ ނަޒަރުގައި މި ތިން މެޗަކީ ވެސް ޗެމްޕިއަންސް ލީގު ފައިނަލުހާ އެ ޓީމަށް މުހިއްމު ތިން މެޗު ކަަމަށެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ލީގުގައި ވެސް އަަހަރެމެން ތިން ފައިނަލް ކުޅެން ޖެހިފައި މިއޮތީ. އުއްމީދަކީ ތިން މެޗުން ވެސް މޮޅުވުން،" ޒިދާން ބުންޏެވެ.
ލީގުގައި މިރޭ ރެއާލް އަމިއްލަ ދަނޑުގައި ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.